ބަބްރީ މިސްކިތް ހުރި ބިން ހިންދޫ ފައްޅި އެޅުމަށް ދިނުމަށް އިންޑީޔާގެ ސުޕްރީމް ކޯޓުން ނިންމައިފި

އިންޑިޔާގެ އުއްތަރު ޕްރަދޭޝްގެ އަޔޯދުޔާ ނަމަކަށް ކިއުނު ރަށުގައި ހުރި ބަބްރީ މިސްކިތްހުރި ބިމާމެދު އިންޑިޔާގެ ސުޕްރީމް ކޯޓުން ދާދި ދެންމެއަކު ނިހާއީ ހުކުމެއް އިއްވައިފިއެވެ. އިންޑިޔާގެ ކޯޓުން ނިންމާފައިވަނީ އެމިސްކިތް ހުރި ބިން ކަމުގައި 2.77 އޭކަރުގެ ބިމުގެ މިލްކުވެރިކަން ހިންދޫ ޖަމާޢަތަކަށް ދިނުމާއެކު، އެބިމުގައި ފައްޅިއެއް އެޅޭނެ އިންތިޒާމު ހަމަޖެއްސުމަށެވެ. އަދި އެބިމުގެ ބަދަލުގައި މިސްކިތެއް ބިނާކުރުމަށް އަޔޯދުޔާގެ އެހެން ސަރަހައްދަކުން މުސްލިމުންނަށް ބިމެއް ދިނުމަށްވެސް ސުޕްރީމް ކޯޓުގެ ހުކުމުގައި ނިންމާފައިވެއެވެ. އިންޑިޔާގެ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ބެންޗަކުން އިއްތިފާޤުން ނިންމާފައިވާ ނިންމުމަކީ ދިހަސް އަހަރުތަކަކަށް ދެމިގެން ގޮސްފައިވާ ބަބްރީ މިސްކިތްހުރި ބިމާ ގުޅޭ މައްސަލައަކީ އިންޑިޔާގެ އަޣުލަބިއްޔަތު ހިންދޫއިންނާއި މުސްލިމު އަޤައްލިއްޔާގެ މެދުގައި ހަމަނުޖެހުންތައް އުފެދި ޖަމާޢީ ރުޅިވެރިކަން ބޮޑުވުމަށް މެދުވެރިވި މައްސަލައެވެ. މިމިސްކިތަކީ 16ވަނަ ޤަރުނުގައި މޫޣަލް ރަސްކަމުގެ ފުރަތަމަ ރަސްގެފާނު ބާބަރުގެ ވެރިކަމުގައި އޭނާ ބިނާކުރެއްވި މިސްކިތެކެވެ. މިމިސްކިތް ފުނޑައިލުމާއެކު، ދީނީ ހަމަނުޖެހުންތައް އިންޑިޔާގެ އެކި ކަންކޮޅުތަކުގައި ފެށިގެން ދިޔައެވެ. މިހަމަނުޖެހުންތައް އެތައް މަހަކަށް ދިގުލައިގެން ދިޔައެވެ. އިންޑިޔާގެ މިނިވަންކަން 1947ވަނަ އަހަރު ލިބި، އިންޑިޔާއާއި ޕާކިސްތާން ވަކިވުމާ ގުޅިގެން ހިނގައިދިޔަ ހަމަނުޖެހުންތަކަށް ފަހު، އިންޑިޔާގެ ތާރީޚުގައި ފެނުނު އެންމެ ކޫޝޫނަތްތެރި (ވައަލެންޓު) ދީނީ ހަމަނުޖެހުންތައް ހިނގީ ބަބްރީ މިސްކިތް ފުނޑައިލުމާ ގުޅިގެން އުފެދުނު ނުތަނަވަސްކަމުގެ ނަތީޖާއެއްގެ ގޮތުންނެވެ. މިހަމަނުޖެހުންތަކުގައި ގާތްގަނޑަކަށް 2000 މީހުން ނިޔާވެފައިވެއެވެ. އޭގެ ތެރޭ ގިނައީ މުސްލިމުންނެވެ. މިމިސްކިތްހުރި ބިން ހިންދޫންނަށް ހޯދައިދިނުމާއި އެބިމުގައި ހިންދޫ ފައްޅިއެއް ބިނާކުރުމަކީ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި އޭނާގެ ޕާޓީ ބީޖޭޕީގެ ސިޔާސީ ވަޢުދެކެވެ. ސުޕްރީމު ކޯޓުގެ މިނިންމުމަކީ މޯދީގެ މަޤުބޫލުކަން ހިންދޫންގެ މެދުގައި އިތުރުވެ، އިންޑިޔާގައި މުސްލިމު އަޤައްލިއްޔާ އިތުރަށް ނިކަމެތިވާނެ ކަމެއް ކަމުގައިވެސް މުހައްލިލުން ވިދާޅުވެއެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
56 %
ދެރަވި
44 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ