ދިރުމެއް ނުވާ މާ ސިންގާ ތަނެއް އަރަބި ކަނޑުގެ އަޑީގައި

ރާއްޖޭގެ ހުޅަނގުން އޮންނަ އަރަބި ކަނޑުގެ އަޑީގައި އެއްވެސް ދިރުމެއް ނުހުންނަ "ޑެޑް ޒޯން" އެއް ފެނިއްޖެއެވެ. މި ސަރަޙައްދު ފެނިފައިވަނީ އެކަނޑުގެ އޮމާން ގަލްފު ސަރަޙައްދުންނެވެ.
މައުލޫމާތު ލިބޭ ގޮތުގައި އެފަދަ ތަންތަން ހުންނަ ކަން، ސައިންސްވެރިންނަށް މީގެ އެތައް އަހަރެއް ކުރިން ދަނެއެވެ. އެހެންނަމަވެސް، އެފަދަ ތަންތަނާ ބެހޭ މާ ގިނަ ދިރާސާތަކެއް އެފަރާތްތަކަށް ކުރެވިފައި ނުވާކަމަށްވެއެވެ. ހަމައެހެންމެ، މި ތަން އޮންނަ ތަނުގެ ސަބަބުން، ޖިއޮޕޮލިޓިކަލް މައްސަލަތަކެއް ހުރުމުންވެސް، ކަނޑުގެ އަޑި ބެލިފައިނުވާކަމަށްވެއެވެ.
އެހެންނަމަވެސް، ފަހުގެ ވަސީލަތެއްކަމުގައިވާ ރިމޯޓް ސަބްމެރިންތައް ބޭނުންކޮށްގެން ސައިންސްވެރިން ވަނީ އެތަންތަނުގެ މައުލޫމާތު އެއްކޮށްފައެވެ.
ސައިންސްވެރިން އެއްކުރި މައުލޫމާތުތަކުން ހޯދުނު ގޮތުގައި މި ތަނުގައި އެއްވެސް ދިރުމެއް ނެތީ އެއްވެސް ހައިރާންކުރަނިވި ނުވަތަ ބިރުވެރި ސަބަބަކުން ނޫނެވެ. އަދި އެތަނުގައި ދިރުން ނެތީ، އެހާ އަޑިއަށް އޮކްސިޖަން ނުފޯރާތީކަމަށްވެސްވެއެވެ.
އެފަރާތްތަކުން މި ތަނަށް އޮކްސިޖަން މިނިމަމް ޒޯން (އޯއެމްޒީ) ގެ ނަމުން ނަންދީފައިވާއިރު މިފަދަ އެހެން ތަންތަންވެސް އެހެން ކަނޑުތަކުގައިވާކަމަށްވެސްވެއެވެ. އަދި މިފަދަ ތަންތަން ހުންނާނީ ކަނޑުގެ އަޑީގެ 200 މީޓަރާއި 800 މީޓަރާ ދެމެދުކަމަށްވެސްވެއެވެ.
އަރަބި ކަނޑުން ހޯދުނު މި ސަރަޙައްދަކީ، މިހާތަނަށް ހޯދިފައިވާ މިފަދަ އެންމެ ބޮޑު އެއް ތަނެވެ. އެގޮތުން، މި ތަނުގެ ބޮޑު މިނުގައި 165،000 އަކަ ކިލޯމީޓަރު ހުންނައިރު، މިއީ އިންޑިޔާގެ ޓަމިލް ނާޑޫގެ ބިމަށްވުރެވެސް ބޮޑު ސަރަޙައްދެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ