ވިޔަވާފާރީގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ތަންތަނަށް ކަރަންޓް ސަބްސިޑީ ކަނޑާލުމާއި ގުޅިގެން މި މަހު 15 ވަނަ ދުވަހާއި ހަމައަށް ކަރަންޓް ބިލް ނުދައްކާ ގޮތަށް ހއ. ދިއްދޫ ވިޔަފާރިވެރިން ނިންމައިފިއެވެ.
ދިއްދޫ ވިޔަފާރިވެރިން ބުނީ، މި މަހު 15 ވަނަ ދުވަހާއި ހަމައަށް ކަރަންޓް ބިލް ނުދައްކަން ނިންމާފައިވަނީ ކަރަންޓް ސަބްސިޑީ ކަނޑާލުމާ ގުޅިގެން ވިޔަފާރިތަކުގެ ކަރަންޓް ބިލްތައް ތިން ގުނައަށް ބޮޑު ވެފައިވާތީ ކަމަށެވެ.
ކަރަންޓް ބިލް ބޮޑުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި ރަށު ކައުންސިލާއި އަދި ފެނަކަ އާއި ބައްދަލުކޮށްފައިވާ ކަމަށާއި، މިކަމަށް މި ނޫން ހައްލެއް ބޭނުންވާ ކަމަށް ދިއްދޫ ވިޔަފާރިވެރިން ބުންޏެވެ.
ކަރަންޓް ބިލް ބޮޑުވެފައިވާ މައްސަލާގައި މިއަދު އަތޮޅު ކައުންސިލާއި ބައްދަލުކުރުމަށް ނިންމާފައިވާ ކަމަށާއި، އަދި އެ ބައްދަލުވުމަށްފަހު އިތުރަށް ކަންތައް ކުރާނެ ގޮތްތަކެއް ނިންމާނެ ކަމަށް ވެސް ވިޔަފާރިވެރިން ބުންޏެވެ.
ކަރަންޓް ބިލްގެ އަގު ބޮޑުވުމާ ގުޅިގެން، ކުޅުދުއްފުށި އަދި އައްޑޫ ސިޓީގެ ބައެއް ވިޔަފާވެރިން ވަނީ އިއްޔެ މުޒާހަރާ ވެސް ކޮށްފައެވެ.
ކަރަންޓް ބިލް ބޮޑުވުމުގެ މައްސަލައާ ގުޅޭގޮތުން ފެނަކައިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޯޕަރޭޝަންގެ ޑިރެކްޓަރު ހުސައިން ހަމީޒު ވިދާޅުވީ، ސަރުކާރުން ކަރަންޓް ބިލުގެ އަގަށް އެއްވެސް ބަދަލެއް ނުގެންނަ ކަމަށާއި، މިހާރު ތަންފީޒު ކުރަމުންދާ އުސޫލަކީ ރައީސް ނަޝީދުގެ ސަރުކާރުން ކަނޑައެޅި އަގުތަކެއް ކަމަށެވެ.
އެކި ރަށްރަށުގައި ތަފާތު އަގުތަކުގައި ދެމުން ދިޔަ ސަބްސިޑީ މިހާރު ހަމަހަމަކޮށްފައިވާ ކަމަށާއި، މި ބަދަލާއެކު އެ ކުންފުންޏަށް ލިބޭނެ ނަފައެއް ނޯންނާނެ ކަމަށް ވެސް ހަމީޒު ވިދާޅުވިއެވެ. އެ ބަދަލުގެ ސަބަބުން މީގެ ކުރިން ސަރުކާރުން ދައްކަމުން އައި ސަބްސިޑީ ވިޔަފާރިވެރިން ދައްކަން ޖެހޭނެ ކަމަށް ހަމީޒު ވިދާޅުވިއެވެ.
ސަބްސިޑީ ކަނޑާލުމުން ކަރަންޓް ބިލް ނުދައްކަން ދިއްދޫ ވިޔަފާރިވެރިން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ