ސްކޫލް ބަންދުކުރިޔަސް ޓީޗަރުންނަށް ސްކޫލަށް ހާޒިރުވާން ޖެހޭނެ - އެޑިއުކޭޝަން

ރާއްޖޭގައި ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ޑެންގީ ހުމާއި، ވައިރަލް ހުމާއި އަދި ބޭރަށް ހިންގުމުގެ ރޯގާ ކޮންޓްރޯލް ކުރުމަށް މާދަމާއިން ފެށިގެން ރާއްޖޭގެ ހުރިހާ ސްކޫލްތަކެއް ބަންދު ކުރި ކަމުގައިވިޔަސް، ޓީޗަރުން ސްކޫލަށް ހާޒިރުވާން ޖެހޭނެ ކަމަށް އެޑިއުކޭޝަނުން ހާމަކޮށްފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ސާކިއުލާއެއްގައިވަނީ ކިޔެވުން މެދުކެނޑިފައިވާ ދުވަސްވަރުގައިވެސް މުދައްރިސުން ގަވާއިދުން ސްކޫލަށް ހާޒިރުވެ، އެދުވަސްވަރު ޓީޗަރުންނާއި ކުރަން ޖެހޭ މަސައްކަތް ހަވާލު ކުރަން ޖެހޭނެ ކަމަށެވެ.
ސާކިއުލާގައިވަނީ ސުކޫލްތައް ބަންދުކުރުމަށް ނިންމީ ޑެންގީހުން ކޮންޓްރޯލްކުރުމަށް މި ސަރުކާރުން އުފައްދާފައިވާ ޓާސްކްފޯހުގެ ލަފާގެމަތިން ކަން ހާމަކޮށްފައެވެ.
މާދަމައިން ފެށިގެން ވަކިއެއްޗެއް އަންގަންދެން ދިވެހިރާއްޖޭގައި ހިންގާ ޕްރީސްކޫލްތަކާއި، ޕްރައިމަރީ ސްކޫލްތަކާއި، ޘާނަވީ އަދި މަތީ ޘާނަވީ ސްކޫލްތައް ބަންދުވާނެ ކަމަށް ވެސް ސާކިއުލާގައި ބުނެފައިވެއެވެ.
މިދުވަސްވަރު ސްކޫލްތަކުގެ ކިޔަވައިދިނުން މެދުކަނޑާލެވިފައިވީ ނަމަވެސް އޯލެވެލް އަދި އޭލެވެލް އިމްތިހާނަށް ތައްޔާރުވާ ދަރިވަރުންނަށް ވަކިއިންތިޒާމެއްގެ ދަށުން ކިޔަވައިދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.
އެގޮތުން އޯލެވެލް އިމްތިޙާނަށް ތައްޔާރުވަމުންދާ ގްރޭޑް 10 އަދި 12 ގެ ދަރިވަރުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ސްކޫލުން ކަނޑައަޅާ ތާވަލެއްގެ މަތިން އެކަން އިންތިޒާމްކޮށް ކުރިއަށް ގެންދިއުމަށް މިނިސްޓްރީން އެދެއެވެ.
ސާކިއުލާގައިވަނީ ސްކޫލްތަކުގެ ކިޔެވުން ނެތްކަމުގައިވިޔަސް ފިލާވަޅުތައް ދަސްކުރުމާއި މުޠާލިއާކުރުމުގައި ހުރިހާ ކުދިންވެސް ދެމިތިބުމަށް ދަރިވަރުންނަށާއި ބެލެނިވެރިންނަށް ސްކޫލުގެ ފަރާތުން ބާރު އަޅައިދިނުމަށް އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ