އީސަގެ ދިފާއުގައި ގާސިމް ވިދާޅުވީ "ކޮންމެ ފަދަ ދޮގެއް ވެސް ހަދައިފާނެ" ކަމަށް

އަންހެން އަދި ފިރިހެނުން ވެސް ކޮންމެ ފަދަ ދޮގެއް ވެސް ހަދައިފާނެ ކަމަށް ވިދާޅުވެ، ގެވެށި އަނިޔާގެ ތުހުމަތު އޮތް ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު އީސާގެ ދިފާއުގައި، މާމިނގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ވާހަކަ ދައްކަވައިފި އެވެ.
އީސައާ ދެކޮޅަށް ހުށަހެޅި ގެވެށިއަނިޔާގެ މައްސަލައިގެ ތުހުމަތަށް އޭނާ ހައްޔަރުކުރުމަށް ފުލުހުން އެދިގެން ޕީޖީން މިހާރު ވަނީ ކޯޓަށް ހުށަހަޅައިފަ އެވެ.
އީސަ ހައްޔަރުކޮށް ފިޔަވަޅު އަޅަން ގޮވަމުން ދަނިކޮށް މަޖިލީހުގެ ވަޓްސްއެޕް ގްރޫޕްގައި ގާސިމް ވިދާޅުވީ މީހަކު ބުނާ ބުނުމެއްގެ މައްޗަށް އެހެން މީހަކު ހައްޔަރުކޮށްގެން ނުވާނެ ކަމަށެވެ.
އެ ގްރޫޕަށް ގާސިމް ފޮނުވި މެސެޖްތަކުގެ ސްކްރީންޝޮޓްތަކެއް ލިބިފައިވާއިރު އީސަ އޭނާގެ ދަރިފުޅު އުރައިގެން އިން ފޮޓޯއަކަށް އިޝާރާތްކުރައްވަމުން ގާސިމް ވަނީ ކުއްޖާ ބެލްކަނިން ވައްޓާލަން އުޅުން ކަމަށް ތުހުމަތުކުރިޔަސް އީސަ އެފަދަ ކަމެއް ކޮށްފާނެ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށް ވިދާޅުވެފަ އެވެ.
"އަންހެނަކު ކޮންމެ ފަދަ ދޮގެއް ވެސް ހަދާފާނެ (ފިރިހެނުން ވެސް)،" ގާސިމް ލިޔުއްވާފައިވެ އެވެ.
އަދި ގާސިމް ވަނީ ގެވެށި އަނިޔާގެ ގާނޫނު ވަނީ ހައްދެއް ނެތް މިންވަރަށް އަންހެނުން ހިޔާމަތްކުރާ ގޮތަށް ކަމަށް ވިދާޅުވެ ފާޑުވިދާޅުވެފަ އެވެ.
"ތަހުގީގުކުރުމަށް މީހަކު ހައްޔަރުކުރުމަށްޓަކައި ހަތަރު ސަބަބެއް ފުލުހުން ސާބިތުކޮށް ދެވިގެން. ނޫންނަމަ ގާނޫނާ ހިލާފުވާނެ. މީހަކު ބުނާ ބަހަކަށް އެއްވެސް މީހަކު ހައްޔަރުކޮށްގެން ނުވާނެ،" އެ މައްސަލަ އިންސާފުވެރިކަމާ އެކު ތަހުގީގުކުރަން ޖެހޭކަމަށް ގާސިމް ވިދާޅުވެފައިވެ އެވެ.
އީސައަށް ގެވެށި އަނިޔާގެ ސީރިއަސް ތުހުމަތުތަކެއް ކުރެވުމުން މެމްބަރުކަމުން އިސްތިއުފާ ދެއްވުމަށް ސޯޝަލް މީޑިއާގައި ދަނީ ގޮވާލަމުންނެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އާއްމުން ހިމެނެ އެވެ.
އީސަ އާއި އޭނާގެ އަނބިކަނބަލުން އަސްރާ ނަސީމް ދިރިއުޅުއްވި އެޕާޓްމަންޓް ތެރެއިން އަނިޔާގެ އަޑު އަވައްޓެރިންނަށް ވެސް އިވިފައި ވާއިރު އެ ހާދިސާ އަށް ފަހު، އަސްރާ ޑޮކްޓަަރަށް ވެސް ދައްކަން ދިޔަ ކަމަށްވެ އެެވެ. އެކަން ހިނގި ވަގުތު އެ ބޭފުޅުންގެ ދަރިފުޅު ވެސް އެތަނުގައި ހުރިއިރު އެ ކުއްޖާއަށް ވެސް އޭގެ ސަބަބުން ވަރަށް ބޮޑަށް ނަފްސާނީ އަސަރުކޮށްފައިވާ ކަމަށް ވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ