މޫސުން ގޯސްވެ، ތ. އަތޮޅާއި ލ. އަތޮޅަށް ވައިޓް އެލާޓް ނެރެފި

މެދު ރާއްޖެ ތެރޭގެ ދެ އަތޮޅު، ތ. އަތޮޅު އަދި ލ. އަތޮޅުގެ ސަރަހައްދަށް މޫސުން ގޯސް ވާނެ ކަމަށް ލަފާ ކުރެވޭތީ، މޫސުމާ ބެހޭ ގައުމީ އިދާރާ އިން އެސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފި އެވެ. މޫސުމާ ބެހޭ ގައުމީ އިދާރާ އިން ނެރުނު އެލާޓްގައި ބުނެފައި ވަނީ، ވައިޓް އެލާޓްގެ މުއްދަތަކީ މިއަދު ހެނދުނު 11:15 އިން މިއަދު ހަވީރު 17:15 އާ ހަމައަށް ކަމަށެވެ. ސަން އަށް މަޢުލޫމާތު ދެއްވަމުން، މޫސުމާ ބެހޭ ގައުމީ އިދާރާގެ އޮފިޝަލަކު ވިދާޅުވީ، ލ. އަތޮޅާއި ތ. އަތޮޅު މަތީގައި ބޯ ވިއްސާރަ ވިލާތަކެއް އުޅޭތީ، އެސަރަހައްދަށް ބޯކޮށް ވިއްސާރަ ވެހޭނެ ކަމަށް ބެލެވޭ ކަމަށެވެ. މީގެ އިތުރުން މިދުވަސްކޮޅު ރ. އަތޮޅާއި މ. އަތޮޅާއި ދެމެދު އޮންނަ ސަރަހައްދަށް ވައި ގަދަ ވާނެ ކަމަށް ބެލެވޭ އިރު، މާލެ ސަރަހައްދަށް ތުނިކޮށް ވާރޭ ވެހޭނެ ކަމަށް ބެލެވޭ ކަމަށް އެ އިދާރާއިން ބުންޏެވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނީ، ރާއްޖޭގެ މެދުތެރެއަށާއި ދެކުނުގެ ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށާއި، އަދި ބައެއް ރަށްރަށަށް ގުގުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި ދެކުނުގެ ބައެއް ރަށްރަށަށް ގުގުރުން ވެސް އެކަށީގެންވާ ކަމަށް އެ އިދާރާއިން ބުނެ އެވެ. ވައި ޖެހޭނީ ރާއްޖޭގެ މެދުތެރެއަށް އިރު އުތުރާއި އިރުން ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރު މިނުގައި، އަދި އެހެން ހިސާބުތަކުގައި ގަޑިއަކު ހަތް މޭލާއި 15 މޭލާއި ދެމެދުގެ ބާރު މިނުގަ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލުގެ ބޭރު މިނުގައި ވައި ޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް މޫސުމާއި ބެހޭ އިދާރާއިން ބުނެ އެވެ. މީގެ އިތުރުން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ކަނޑު ގަދަވެ، މެދު ރާއްޖެ ތެރޭގެ ކަނޑުތައް އާންމު ގޮތެއްގައި ގަދަ ވާނެ ކަމަށް ލަފާ ކުރެވޭނީ، ރ. އަތޮޅުން ފެށިގެން ލ. އަތޮޅާއި ދެމެދު އޮންނަ ސަރަހައްދުތަކުގައި ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން އިލްތިމާސް ކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ