ކުރިއަށް އޮތް 3 ދުވަހުވެސް މޫސުން ގޯސްވާނެތީ ސަމާލުވާން އަންގައިިފި

ކުރިއަށް އޮތް 3 ދުވަހުވެސް ރާއްޖޭގެ އުތުރާއި މެދުތެރޭގެ ސަރަހައްދުތަކަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭތީ ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ ޢިދާރާއިން އިލްތިމާސްކޮށްފިއެވެ.
މޫސުމާބެހޭ ޤަޢުމީ ޢިދާރާއިން ވިދާޅުވީ މިމަހުގެ 10 ވަނަދުވަހުން ފެށިގެން ރާއްޖެއަށް ކުރަންފެށި ވިއްސާރައާއެކު މިމަހުގެ 12 ވަނަދުވަހު ރާއްޖެއަށް ހުޅަނގު މޫސުން މިހާރު ފެށިފައިވާކަމަށެވެ.
ރާއްޖޭގެ ހުޅަނގު އުތުރުން، އިރުދެކުނު އަރަބިކަނޑުގައި އުފެދިފައިވާ ކޮޅިގަނޑު ކުރިއަށްއޮތް 24 ގަޑިއިރުތެރޭގައި ބާރުގަދަ ކޮޅިގަނޑަކަށް ބަދަލުވެ، އޭގެފަހުން ތޫފާނަކަށްވެސް ބަދަލުވުމުގެ ފުރުޞަތު އޮތްކަމަށް މެޓް އޮފީހުން ފާހަގަކުރެއެވެ.
މެޓް އޮފީހުން ވިދާޅުވީ މިކޮޅިގަނޑު ޖެހެމުން ދާނީ އުތުރު ހުޅަނގުއުތުރަށް ރާއްޖެއާ ދުރަށްކަމަށާއި، އެ ކޮޅިގަނޑާއި ގުޅިގެން ރާއްޖޭގެ އަތޮޅުތަކުގެ މަތީގައި ގިނައަދަދަކަށް ބޯ ވިއްސާރަވިލާ އުފެދެމުންދެމުންދާކަމަށެވެ. އަދި ކުރިއަށް އޮތް 3 ދުވަހުވެސް ރާއްޖޭގެ ޞަރަޙައްދުގައި ޚާއްސަކޮށް އުތުރާއި މެދުތެރޭގެ ސަރަޙައްދުގައި ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.
ޢާންމު ގޮތެއްގައި ގަޑިއަކު 13 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ބެލެވޭއިރު ވިލާގަނޑުގައި ގަޑިއަކު 50 މޭލާއި 60 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވާނެކަމަށް ލަފާކުރެވޭކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި އުދައިގެ އަސަރު ކުރުން އެކަށީގެންވާކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ. އެހެންކަމުން އާންމުކޮށް ހުރިހާ ފަރާތްތަކުން، ޚާއްސަކޮށް ކަނޑުދަތުރު ކަނޑުދަތުރު ކުރައްވާފަ މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤަޢުމީ ޢިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
ވޭތުވެދިޔަ 24 ގަޑިއިރު ވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ބޯކޮށް ވަނީ ވާރޭވެހިފައެވެ. މެޓް އޮފީހުން ވިދާޅުވީ އެންމެ ގިނައިން ވާރޭ ވެހިފައިވަނީ އައްޑޫ ސިޓީ ގަމަށްކަމަށާއި އެ ރަށަށް 164 މިލިމީޓަރުގެ ވާރޭ ވެހުނުކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ. އަދި އައްޑޫ ސިޓީގެ ހިތަދޫއަށް 157 މިލިމީޓަރުގެ ވާރޭ އަދި ހުޅުމީދޫއަށް 230 މިލިމީޓަރުގެ ވާރޭވެހިފައިވާކަމަށް އެއިދާރާއިން ބުނެއެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާއި ބޯކޮށް ވާރޭވެހުމުގެ ސަބަބުން އައްޑޫ ސިޓީއާ ފުވައްމުލައްކު ސިޓީގެ އެކި ސަރަހައްދުތަކަށް ފެންވަދެ އެކިވަރުގެ ގެއްލުންތަކެއް ވަނީ ވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ