ހިތްހަމަނުޖެހުނަސް އަލީގެ މައްސަލައިގެ ގާޒީ ބަދަލު ކުރާކަށް ނޭދޭނަން: ޝަމީމް

ޓޫރިޒަމް މިނިސްޓަރަކަށް ހުންނަވައި، އެ މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ހަތް ދައުވާއެއް އުފުލާފައިވާ އަލީ ވަހީދުގެ ޝަރީއަތް ބައްލަވާ ގާޒީއާމެދު ހިތްހަމަޖެހިވަޑައި ނުގެންނެވި ނަމަވެސް އެ މައްސަލަ ބައްލަވާ ގާޒީ ބަދަލު ކުރަން އެދިވަޑައި ނުގަންނަވާނެ ކަމަށް ޕްރޮސިކިއުޓަރު ޖެނަރަލް (ޕީޖީ) ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.
އަލީ ރާއްޖޭގައި ނެތި ޝަރީއަތް އޮންލައިންކޮށް ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ޕީޖީ އޮފީހުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާ އިރު، އަލީގެ ޕާސްޕޯޓް އަލުން ހިފެހެއްޓުމުގެ އަމުރެއް ނެރެދިނުމަށްވެސް ޕީޖީން ވަނީ އެދިފަ އެވެ.
ވޭތުވެދިޔަ ހަފުތާގައި ޖިނާއީ އަދުލުގެ ނިޒާމުގައި ހިނގައި ދިޔަ މުހިންމު ހާދިސާތަކާ ގުޅޭ މައުލޫމާތު އަމިއްލަ ބްލޮގުގައި ހިއްސާ ކުރައްވަމުން ޕީޖީ ޝަމީމް ވިދާޅުވީ، އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓައި ދިނުމުގެ އަމުރަކަށް އެދުނު ނަމަވެސް އެކޯޓުން އަދި އެ އަމުރު ނެރެދީފައިނުވާ ކަމަށެވެ. އަދި އެކަން ނިންމަވާނީ މައްސަލަ ބައްލަވާ ފަނޑިޔާރު ކަމުން، ފަނޑިޔާރު ބަދަލުކޮށްދޭން އެދުމުގެ ވިސްނުމެއް ނެތް ކަމަށް ވިދާޅުވި އެވެ.
”އަޅުގަނޑުމެން ގަސްދެއް ނުކުރަން މައްސަލަ ބައްލަވާ ފަނޑިޔާރު ބަދަލުކޮށްދޭން އެދޭކަށް. އަދި ކިތަންމެ އަޅުގަނޑުމެން ހިތްހަމަނުޖެހޭ ގޮތަކަށް މައްސަލަ ކުރިއަށް ގެންދެވިޔަސް،“ ޝަމީމް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، މައްސަލައިގައި ހިމެނޭ ހަސްމަކު ހިތްހަމަނުޖެހޭ ކޮންމެ ފަހަރަކު އެ މައްސަލައެއް ބައްލަވާ ފަނޑިޔާރު ބަދަލު ކޮށްދޭން އެދުމަކީ ހަމަޖެހޭ އުސޫލެއް ނޫނެވެ. އަދި ދައުލަތުން ބޭނުންވަނީ މިހާރު މައްސަލަ ކުރިއަށްދާ ގޮތަށް ގާނޫނީ ގޮތުން ރަނގަޅު ހައްލެއް ނެރުމަށް ކަމަށް ވިދާޅުވި އެވެ.
”ހަސްމަކު ހިތްހަމަނުޖެހޭ ކޮންމެ ފަހަރަކު ފަނޑިޔާރު ބަދަލު ކުރުމަކީ މާ ހަމަޖެހޭ ކަމަކަށް ނުވާނެ. މީގެން ދެ ނަތީޖާއެއް ނުކުމޭ. އެއް ނަތީޖާއަކީ ހަސްމުން ބޭނުން ވެގެން ފަނޑިޔާރުން އައްޔަނުކުރުން ނުވަތަ ބަދަލު ކުރުން. އަނެއް ކަމަކީ ފަނޑިޔާރު އަމިއްލަފުޅަށް އެ މައްސަލަ ދޫކޮށްލަން ބޭނުމިއްޔާ މިސާލަކަށް މާ އުނދަގޫ މައްސަލައަކަށް ވާނަމަ ވަރަށް ބޮޑަށް އެއް ފަރާތަށް ދަތިކޮށްގެން އެމީހާ އެދިގެން ބަދަލު ވެވޭނެ ގޮތެއް ހޯދުން. މިއިން އެއްވެސް ގޮތެއް އަޅުގަނޑުމެން ބޭނުމެއް ނުން.“ ޝަމީމް ވިދާޅުވި އެވެ.
ސިއްހީ ފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަދީ ޕާސްޕޯޓް ދޫކޮށްލުމުން އަލީ ވަހީދު ވަނީ ރާއްޖެ އިން ބޭރަށް ވަޑައިގެންފަ އެވެ. އެ ހުއްދަ ދިނީ، ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) ޖާމިނުކޮށް ހަތަރު މަސް ދުވަހަށެވެ. ނަމަވެސް އެ މުއްދަތު މިހާރު ހަމަވެފައިވާ އިރު، އަލީ އަދިވެސް ރާއްޖެ އައިސްފައެއް ނުވެ އެވެ. އެހެންކަމުން އޭނާ ވަނީ އެ މައްސަލަ އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް އެދިވަޑައިގެންފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ