އުސޫލާ ހިލާފަށް މަތިވެރިއަށް އެރި 11 މީހަކު ޖޫރިމަނާކޮށްފި، ޖާބިރު ވެސް ހިމެނޭ

ކަރަންޓީނުގެ އުސޫލާ ހިލާފަށް އއ. މަތިވެރިއަށް އެރި 11 ޖޫރިމަނާކޮށްފިއެވެ.
ފުލުހުން ބުނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އުސޫލާ ހިލާފަށް ނަގަންޖެހޭ ހުއްދަތައް ނުނަގައި މަތިވެރިއަށް ދިޔަ 11 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އެމީހުން މާލެ އިން މަތިވެރިއަށް ގޮސްފައިވަނީ މިއަދުއެވެ.
ފުލުހުން ވަނީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އުސޫލުތަކާ އެއްގޮތަށް އަމަލުކުރުމަށް ގޮވާލައިފައެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ގައިޑްލައިނާ ހިލާފުވާ ފަރާތްތައް ބަލައި ފިޔަވަޅު އަޅާނެ ކަމަށްވެސް ބުންޏެވެ.
މަތިވެރި ކައުންސިލުގެ ރައީސް އިސްމާއިލް އާތިފް "ވަން" އަށް ވިދާޅުވީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުއާއެކު އެރަށަށް ބަޔަކު އައިސްފައިވަނީ މިދިޔަ ހުކުރު ދުވަހު ކަމަށާއި އެމީހުން އެޗްޕީއޭއިން ނަގަން ޖެހޭ ހުއްދަ ނަގާފައިނުވާ ކަމަށެވެ. އަދި އެކަމުގެ ލިޔުންވެސް ލިބިފައިނުވާ ކަމަށެވެ.
އާތިފް ވިދާޅުވީ ލިޔުން ނެތުމުން އެކަން ޖާބިރުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށާއި ނަމަވެސް އެކަމަށް އިޖާބަ ނުދިނުމުން މިއަދު ޓާސްކްފޯސް އިން އެ މައްސަލަ ފުލުހަށް ހުށަހެޅި ކަމަށެވެ. އަދި އެމީހުން ޖޫރިމަނާކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ހުއްދަ ނެތްކަން ކަށަވަރުވި ހިސާބުން އެބޭފުޅުންނަށް ގުޅައި، ހުއްދަ ލިބިފައިނުވާ ކަމަށް ބުނެފައި، އެކަމަށް އެބޭފުޅުންނަށް ވަގުތު ދިނިން. ނަމަވެސް އެކަމަށް އަމަލު ނުކުރީމަ، މިއަދު ޓާސްކްފޯސްގެ މަޝްވަރާއާއެކު ފުލުހަށް އެ މައްސަލަ ހުށަހެޅީ،" އާތިފް ވިދާޅުވިއެވެ.
އުސޫލާ ހިލާފަށް ރަށްރަށަށް އަރާ ފަރާތްތައް ޖޫރިމަނާ ކުރަނީ 1000 ރުފިޔާއިންނެވެ.
އުސޫލާ ހިލާފަށް މަތިވެރިއަށް އެރި ބަޔަކު ޖޫރިމަނާ ކޮށްފައިވާ އިރު، މިދިޔަ ހޮނިހިރު ދުވަހު އުސޫލާ ހިލާފަށް ބ. އޭދަފުއްޓަށް އެރި މީހަކުވެސް ވަނީ ޖޫރިމަނާކޮށްފައެވެ.
މީގެ ކުރިން ގަވާއިދާ ހިލާފަށް ޖާބިރު ށ. ފުނަދުއަށް އެރި މައްސަލައެއް ށ. އަތޮޅު ހޮސްޕިޓަލުން ވެސް ވަނީ ހުށަހަޅައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ