މަނާ ވަގުތު ވެހިކަލް ދުއްވި 11 މީހަކު ޖޫރިމަނާކޮށް، 3 ވެހިކަލް ޓޯކޮށްފި

ބޮޑު އީދާ ގުޅިގެން މިއަދު ހަވީރު 16:00 އިން 18:00 އަށް އެއްގަމު އުޅަނދު ދުއްވުން މާލެއާއި ވިލިމާލޭގައި މަނާކޮށްފައި އޮތް ވަގުތު، ވެހިކަލް ދުއްވައިގެން 11 މީހަކު ޖޫރިމަނާކޮށްފައިވާކަމަށް ފުލުހުން މިރޭ ބުނެފިއެވެ. ޓްރާންސްޕޯޓު މިނިސްޓްރީން މިއަދަށް ނެރުނު އިއުލާނުގައި އޮތީ ހަވީރުގެ އެ ވަގުތުގައި ދުއްވަން ހުއްދަ އޮންނާނީ އާންމުދަތުރުފަތުރަށް ބޭނުންކުރާ އުޅަނދުތަކާއި، އެމަޖެންސީ ޚިދުމަތުގައި ބޭނުންކުރާ ވެހިކަލަށް ކަމަށެވެ. އެއާ ޚިލާފުވާނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ވެސް ދީފައިވެއެވެ. އެއާއެކު ފުލުހުން ބުނީ އެ ވަގުތުގައި ވެހިކަލް ދުއްވައިގެން 141 މީހަކަށް ނަސޭހަތް ދިން ކަމަށެވެ. އަދި 11 މީހަކު ޖޫރިމަނާކުރި ކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން، ނުރައްކާތެރިކޮށް ދުއްވައިގެން އެއް ވެހިކަލާއި، ލައިސެންސް މުއްދަތު ހަމަވެފައި އޮއްވައި ދުއްވައިގެން ވެހިކަލަކާއި، އެއްވެސް ލައިސެންސެއް ނެތި ދުއްވައިގެން ވެހިކަލެއް ހިމެނޭހެން ޖުމްލަ ތިން ވެހިކަލް ޓޯކުރި ކަމަށް ފުލުހުން ބުންޏެވެ. އާންމު ގޮތެއްގައި ވެސް އީދު ދުވަސްފަދަ މުހިންމު މުނާސަބާތަކާ ގުޅިގެން މާލޭ، ވިލާމާލޭގައި އެއްގަމު އުޅަނދު ދުއްވުން ހަވީރު މަނާކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ