ޒްރޭލާއި ފަލަސްތީނުގެ ދައުވަތެއް އެބަ އޮތް، މީހުން ދެކޭގޮތް ބަލަން ބޭނުން: ނަޝީދު

ފަލަސްތީނުގެ ޕާލަމެންޓާއި އިޒްރޭލުގެ ޕާލަމެންޓުގައި ތަގުރީރުކުރުމަށް ދައުވަތު ލިބިވަޑައިގެންފައިވާ ކަމަށާއި އެކަމުގައި އަމަލުކުރަައްވާނެ ގޮތެއް ނިންމަވާނީ އާއްމުންގެ ހިޔާލު ހުރި ގޮތެއް ބެއްލެވުމަށް ފަހު ކަަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ ފަހު ޖަލްސާ މިއަދު ފަށްޓަވަމުން، ރިޔާސަތުން އަންގާ އެންގުމެއްގެ ގޮތުގައި އެމަނިކުފާނު ވިދާޅުވީ އެ ދެ ޕާލަމެންޓްގައި ތަގުރީރުކުރައްވަން ވަޑައިގަތުމުގެ ދައުވަތުގެ ސިޓީ މިހާރު ލިބިވަޑައިގެންފައިވާ ކަަމަށެވެ.
"އަޅުގަނޑު އަދި މިކަމާ ގުޅޭ ގޮތުން ވަކިގޮތަަކަށް ނުނިންމަން، އަޅުގަނޑުގެ ހިތަށް ވަތް، އެންމެ ފުރަތަމަ ވިސްނުމަކީ މި ބާވަތުގެ ކަމެއް އަޅުގަނޑުގެ ކުރިމައްޗަށް އައިމާ އަޅުގަނޑު އަމަލުކުރާނެ ގޮތަކީ ވީހާވެސް ގިނަ ބަޔަކާ އެ މައުލޫމާތު ހިއްސާކުރުމޭ،" ނަޝީދު ވިދާޅުވި އެވެ.
އެކަހަލަ ކަންކަމުގައި ކުރިއަށްދާނެ ގޮތެއް އެނގޭނީ ރައްުޔިތުންނަށް ކަމަށާއި ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވެވޭނެ ގޮތަކީ ކޮބައިތޯ ވިސްނަން ޖެހޭ ކަަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. ފަލަސްތީނު ރައްޔިތުންނަށް ދައުލަތެއް ހައްގުކަމާމެދު މަޖިލީހުގެ މެމްބަރުންގެ ހިޔާލުތަފާތުވުމެއް ނޯންނާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"ރާއްްޖޭގެ ރައްޔިތުންގެ މެދުގައި ހިޔާލު ފާޅުކުރުމުގެ ތަފާތު ގޮތްތައްްވޭ. އެ ހިޔާލުފާޅުކުރުމުގެ ތެރެއިން ހުރިހާ އެންމެން ހިތްހަމަޖެހޭ ގޮތެއް ހޯދައިގެން އަޅުގަނޑުމެން މަސައްކަތް ކުރިއަށް ގެންދާން ޖެހޭނީ،" ނަޝީދު ވިދާޅުވި އެވެ.
ފަލަސްތީނާއި އިޒްރޭލުގެ ޕާލަމެންޓުގައި ތަގުރީރުުކުރައްވަން ލިބިވަޑައިގެންނެވި ދައުވަތާ މެދު އާއްމުންގެ ހިޔާލުހުރި ގޮތް ބައްލަވަން ނަޝީދު އެދިވަޑައިގަންނަވަނީ، ބެލެވޭ ގޮތުގައި އިޒްރޭލާ އެކު އެއްވެސް މުއާމަލާތެއް ކުރުމަކީ ރާއްޖޭގައި މީގެ ކުރިން ވަރަށް ބޮޑު މައްސަލައަކަށް ވެފައިވާ ކަމަކަށް ވާތީ އެވެ. އެފަދަ ބައެއް ކަންތައްތައް ވަނީ އެމަނިކުފާނު ރާއްޖޭގެ ރައީސްކަމުގައި ހުންނެވި އިރު ހިނގައިފަ އެވެ. އެގޮތުން އިޒްރޭލުގެ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ "އައި އޮފް ޒިއޮން" ގެ ޑޮކްޓަރުން ރާއްޖޭގައި އައި ކޭމްޕެއް ބާއްވަން ހުއްދަ ދިނުމުން އޭރުގައި އެކަމާ ދެކޮޅަށް ގިނަ އަދަދެއްގެ ބަޔަކު ނުކުމެ މުޒާހަރާ ކުރި އެވެ. އަދި އިޒްރޭލުގެ ފްލައިޓްތައް ރާއްޖެ އަށް އޮޕަރޭޓް ކުރަން އުޅުމުން ވެސް އެތައް ބަޔަކު އެކަމާ ދެކޮޅު ހެދި އެވެ.
ފަލަސްތީނަށް އެހީތެރިވެދެވޭނެ ގޮތަކީ ކޮބައިތޯ މަޖިލީހުގެ މެމްބަރުން ވެސް ވިސްނާވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ ކަމަށް ނަޝީދު މިއަދު ވިދާޅުވި އިރު ރާއްޖޭން އެކަމުގައި ދަމަަހައްޓަމުން އަންނަ ސިޔާސަތަކީ ފަލަސްތީނު މީހުންނަށް ވެސް ދައުލަތެއް އުފައްދައި، ދެ ދައުލަތް ބަލައިގަތުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ