ކޮވިޑް ފެތުރުން އިންތިހާއަށް އިތުރުވެއްޖެ! ސަލާމަތްކަން އަމިއްލައަށް ހޯދާ!

ރާއްޖޭގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު މިއަދު މިވަނީ 5 މަސްދުވަސްފަހުން 215 އަށް އަރައިފައެވެ. މިއަދަކީ ވެކްސިން ޖަހަންވެސް ފެށި ދުވަހެވެ. 
ވެކްސިނަކީ މައްސަލައަށް އޮތް 100 އިންސައްތަ ޙައްލެއް ނޫނެވެ. ބައެއް ޤައުމުތަކުގެ ތަޖުރިބާއަށް ބަލައިފިނަމަ ވެކްސިންގެ ސަބަބުން ދިފާޢުވަނީ 50 އިންސައްތައެވެ. އަނެއްބައި ޤައުމުތަކުގައި 65 އިންސައްތައެވެ. ވީމާ ވެކްސިން އިން ހުރިހާ ކަމެއް ޙައްލުވާނެކަމަށް ބަލަން ތިބެވޭކަށް ނެތެވެ. 
އަވަހަށް ވެކްސިން ޖަހާށެވެ! ތިމާއަކީ ވެކްސިންގެ ސަބަބުން ސަލާމަތްވެވޭ މީހެއްކަމުގައިވެވޭނެ މީހެއްކަމަސްވުމަށް އުންމީދުކުރަމުން އެކަމަށް އެދި ދުޢާކުރަމުން ގެންދާށެވެ. ހަމައެއާއިއެކު ބަލިން ސަލާމަތްވެހުރުމަށް އަމިއްލައަޅަންޖެހޭ ފިޔަވަޅުތައް ވަރުގަދަކުރަމުން ގެންދާށެވެ. 
އެންމެ މުހިންމުކަމެއްގެ ގޮތުން ކިރިޔާވެސް ޝައްކުވާނަމަ މީހުންގެ ތެރެއަށް ނުނުކުންނާށެވެ. ތިމާގެ ސަބަބުން އިތުރު މީހަކަށް ބަލި އަރައިފާނެ އެންމެހައި ކަންކަމުން ދުރުހެލިވާށެވެ. 
މުފްތީ މެންކް ވިދާޅުވެފައިވެއެވެ. "އަހަރެންގެ ސަބަބުން އެއްވެސް މީހަކަށް ބަލި އަރައިފާނެ އެއްވެސް ކަމެއް އަހަރެން ނުކުރާނަމެވެ. އަދި އެހެން މީހެއްގެ ކިބައިން އަހަރެންގެ ގައަށް ބަލި އަރާނެ އެއްވެސްކަމެއް ނުކުރުމަށް އެންމެންގެ ކިބައިން އެދެމެވެ. 
މީގެ ދުވަސްތަކެއް ކުރިން އަމިއްލަފުޅަށް ކަރަންޓީނުގައި ހުންނަވައިގެން ވިދާޅުވެފައިވާ މިބަސްފުޅުގައި އަހަރެމެން އެންމެންވެސް ހިފަހައްޓައި ޢަމަލުކުރުމުގެ މުހިންމުކަން ފާހަގަކުރެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ