ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ ޕާސްޕޯޓު ހިފަހައްޓާއި، އޭނާ ރައްޖެއިން ފުރުން މަނާކުރީ ޤާނޫނާއި ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން ނިންމައިފިއެވެ.
ޖިހާދުގެ މައްޗަށް ކޮރަޕްޝަންގެ ދައުވާއެއްކޮށްފައިވަނިކޮށް ޖިހާދު ވަނީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދައަށް ކްރިމިނަލް ކޯޓުގައި އެދިފައެވެ. ނަމަވެސް އެ ކޯޓުން ވަނީ ފުރުމަށް ހުއްދަ ނުދިނުމަށް ނިންމާފައެވެ. އަދި ޖިހާދު ފިއްލަވާފާނެ ކަމަށް ކޯޓުގައި ދައުލަތުން ބުނުމުން ކްރިމިނަލް ކޯޓުން ވަނީ ޕާސްޕޯޓު ހިފަހައްޓަން ނިންމާފައެވެ. އެހެން ނަމަވެސް ހައިކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކުރުމުން ހައިކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ އަމުރު ބާތިލުކޮށްފައެވެ.
އެއާއި އެކު ދައުލަތުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރިއެވެ. ސުޕްރީމް ކޯޓުން އެ މައްސަލާގައި މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ މީހަކު ރާއްޖެއިން ބޭރަށް ދާ ދިޔުމަކީ ޕާސްޕޯޓު ހިފަހައްޓަން ޖެހޭ ހާލަތެއް ނން ކަމަށާއި ޖިނާއީ އިޖްރައާތުގެ ގާނޫނު އޮތްގޮތުން ޕާސްޕޯޓް ހިފެހެއްޓުން ހުއްދަވަނީ ފިލާފާނެ ކަމަށް ބެލެވޭ ހާލަތްތަކުގައި އެކަނި ކަމަށެވެ. އަދި ޖިހާދަކީ ދައުލަތުގެ އިސް މަގާމުތަކެއް އަދާކޮށްފައިވާ ބޭފުޅަކަށް ވާތީ ފިއްލަވައިގެން ބޭރުގައި އުޅުއްވުމުގެ ގާބިލްކަން އޭނާއަށް ލިބިފައިވާ ކަމަށް ދައުލަތުން ބުނެފައި ވިޔަސް، އެއީ އޭނާ ފިއްލަވާފާނެ ކަމަށް ބެލެވޭ ސަބަބެއް ނޫން ކަމަށް ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައިވެއެވެ. އަދި ފިލާފާނެ ކަމަށް ދައުލަތުން ބުނި ނަމަވެސް، އެކަން ސާބިތުކޮށްދެވޭނެ ހެއްކެއް ދެއްކިފައި ނުވާ ކަމަށާއި ހަމަ އެކަނި އޮތީ ޖިހާދު އަމިއްލައަށް ކޯޓަށް ހުށަހެޅުއްވި ޓިކެޓެއްކަން ސުޕްރީމް ކޯޓު ހުކުމްގައި ބުނެފައިވެއެވެ.
އަދި ޖިހާދު ފުރާވަޑާއިގަތުމުގެ ކުރިން އޭނާގެ ޕާސްޕޯޓު ހިފަހައްޓަން ދައުލަތުން އެދިފައި ނެތް ކަމަށާއި އަދި އޭނާ ފުރުން މަނާ ކުރުމުގެ އަމުރެއް ނެތް ކަމަށް އެ ހުކުމްގައިވެއެވެ. އެހެން ކަމުން، ޖިހާދު ފިއްލަވަން ހަގީގަތުގައިވެސް އުޅުއްވި ނަމަ ކޯޓުގެ ހުއްދަ ނެތި ބޭރަށް ވަޑައިގަތުމުގެ ފުރުސަތު އޭރުވެސް އޮތް ކަމަށް ކޯޓު ހުކުމުގައި ބުނެފައިވެއެވެ.
މީގެ އިތުރުން އެ ހުކުމްގައި ބުނެފައިވާ ގޮތުގައި، ފުރުން މަނާކުރުމުގެ އަމުރަށް އެދި ހުށަހަޅަންޖެހޭ ފަދަ ހުށަހެޅުމެއް ޖިހާދުގެ މައްސަލާގައި ދައުލަތުން ކްރިމިނަލް ކޯޓަށް ހުށަހަޅާފައި ނެތް ކަމަށެވެ. އަދި ޖިހާދުގެ ޕާސްޕޯޓު ހިފަހައްޓަން ދައުލަތުން އެދުނީ ޖިހާދު ފުރާވަޑައިގަތުމުގެ ހުއްދައަށް އޭނާ އަމިއްލައަށް ކޯޓުގައި އެދިވަޑައިގަތުމުން ކަމަށާއި، އެ ހާލަތުގައި ޕާސްޕޯޓް ހިފަހައްޓަން އަމުރު ނުކުރެވޭނެ ކަމަށް ހުކުމްގައިވެއެވެ. އަދި އެފަދަ ހާލަތްތަކުގައި ކޯޓުން ނިންމަން ޖެހޭނެ ފުރުމުގެ ހުއްދަ ދެވޭނެތޯ ނުވަތަ ނޫންތޯ އެކަނި ކަމަށް ހުކުމްގައި ބުނެފައިވެއެވެ.
މި މައްސަލަ ބެއްލެވީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު އަލީ ރަޝީދުގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ޝުޖޫނެވެ. އަދި ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމާފައިވަނީ ޖިހާދުގެ ޕާސްޕޯޓު ހިފަހައްޓަން ކްރިމިނަލް ކޯޓުން އަމުރު ނެރުނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނާ ހިލާފަށް އެތައް ކަމެއް ކުރުމަށްފަހުގައި ކަމަށެވެ.
ކުރީގެ ނައިބު ރައީސް ޖިހާދު ފުރުން މަނާކުރީ ޤާނޫނާއި ހިލާފަށް: ސުޕްރީމް ކޯޓު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ