ދިދަ ބަދަލުކުރުމަށް ނިއު ޒިލެންޑްގެ ރައްޔިތުން ބުނީ ނޫނެކޭ

ނިއު ޒިލެންޑްގެ ގައުމީ ދިދަ ބަދަލުކުރުމާ މެދު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ބޭއްވި އިންތިޚާބުގައި، ދިދަ ބަދަލުކުރުމަށް އެގައުމުގެ ރައްޔިތުން ނޫނެކޭ ބުނެފި އެވެ. މި ވޯޓުގެ ނަތީޖާ ނިއު ޒިލެންޑްގެ އިލެކްޝަންސް ކޮމިޝަނުން އާންމުކޮށް އިއުލާނުކޮށްފައިވާ އިރު، އެ ނަތީޖާތައް ދައްކާ ގޮތުން، ދިދަ ބަދަލު ނުކޮށް، މިހާރު ގެންގުޅޭ ދިދަ ބޭނުން ކުރުމަށް ވޯޓުގައި ބައިވެރިވި މީހުންގެ 56.6 ޕަސެންޓް މީހުން ބޭނުންވެ އެވެ. ދިދަ ބަދަލު ކުރުމަށް ބޭނުންވާ ކަމަށް ވޯޓު ދިނީ 43.2 ޕަސެންޓް މީހުންނެވެ. ނިއު ޒިލެންޑުގެ ދިދައަކީ، ވާތް ފަރާތު މަތީ ކަނުގައި އިނގިރޭސި ވިލާތުގެ ދިދަ، އަދި ކަނާތް ފަރާތުގައި، ދުނިޔޭގެ ދެކުނުން ފެންނަ ނަކަތެއް ކަމުގައިވާ ސަދަން ކްރޮސްގެ ކުރެހުމެއް އިންނަ، ނޫ ކުލައިގެ ދިދަ އެކެވެ. މި ދިދައިގެ ބަދަލުގައި ބޭނުންކުރުމަށް އެދޭތޯ ބެލުމަށް ރައްޔިތުންގެ ޚިޔާލު ހޯދުމަށް ދޫކުރި އައު ދިދައިގައި އިނގިރޭސި ދިދައިގެ ބަދަލުގައި އޮންނަނީ، ސިލްވާ ފާން ނަމަކަށް ކިޔާ ގަހެއްގެ ފަތެކެވެ. ނިއު ޒިލެންޑްގެ ގައުމީ ދިދަ ބަދަލު ކުރުމުގެ ވާހަކަތައް އެންމެ ފުރަތަމަ ދެކެވުނު އިރު، އޭގެ ތެރެއިން އެންމެ މޮޅު ފަސް ދިދައެއް ނަގައި، ފަސް ދިދައިގެ ތެރެއިން ރައްޔިތުންނަށް އެންމެ ކަމުދާ ދިދައެއް ބެލުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގި އެވެ. އަދި އެއަށް ފަހު، އެ ވޯޓުގައި އެންމެ ގިނަ ވޯޓު ލިބުނު ދިދަ، ދެވަނަ އިންތިހާބުގައި ވާދަ ކުރަން ޖެހުނީ މިއަދު، ނިއު ޒިލެންޑްގެ މިހާރުގެ ގައުމީ ދިދައާ އެވެ. ދިހަ ހާސް ދިދަ ބަލައި، އޭގެން ފަސް ދިދަ ހޮވުމަށް ފަހު މުޅި ގައުމުގައި ވޯޓެއް ނަގައި، އަދި އޭގެ ފަހުން ދެވަނަ އިންތިހާބެއް ބޭއްވުމަށް ނިއު ޒިލެންޑް ސަރުކާރުން ވަނީ 17.6 މިލިޔަން އެމެރިކާ ޑޮލަރު ހޭދަ ކޮށްފަ އެވެ. މަސްދަރު: ބީބީސ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ