ގާސިމް އަށް އަނިޔާވެރި ނުވާ ހަމައެކަނި ރައީސަކީ ރައީސް ޞާލިޙް: އަލީ ޞާލިޙް

ރާއްޖޭގެ ސިޔާސީ މައިދާނުގެ ތާރީހުގައިވެސް، ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމް އަށް އަނިޔާވެރިނުވާ ހަމައެކަނި ރައީސް އަކީ، ރާއްޖެގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ކަމަށް، ޖުމްހޫރީ ޕާޓީގެ އިސް ތަރުޖަމާނު އަލީ ޞާލިޙް ވިދާޅުވެއްޖެއެވެ.
ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އަލީ ޞާލިޙް ވިދާޅުވީ، ސިޔާސީ ގޮތުން ގައުމުގައި ހިނގާ ކަންކަމުގައި ހުރިހާ ޕާޓީތަކެއްގެ ވެރިންވެސް ގާސިމް އިބްރާހީމްގެ އެހީއަށް އެދިލައްވާފައިވާ ކަމަށާއި ކޮންމެ ވެރިއެއްވެސް އެ ވެރިއެއްގެ ނުވަތަ އެ ޕާޓީއެއްގެ ބޭނުމުގައި ގާސިމްގެ އަރިހަށް ވަޑައިގަންނަވަންވީމާ އެކަން ރަނގަޅުވާ ކަމަށެވެ. އަދި ގޯސްވަނީ ތިމާއާ ސިޔާސީ ފިކުރު ތަފާތުވާ މީހަކު ގާސިމް އާއި ބައްދަލުކުރެއްވުމުން ކަމަށާއި ގާސިމް އިބްރާހީމް ކޮންމެ މީހަކުވެސް މަޝްވަރާކުރައްވަން ވަޑައިގަންނަވާނަމަ އެކަމަށް ފުރުސަތު ދެއްވިނަމަވެސް އޭގެ މާނައަކީ މަޝްވަރާކުރާ ކަމަކަށް ރުހި ގަބޫލުވެ ވަޑައިގަތުން ނޫންކަން އަލީ ޞާލިހް ފާހަގަކުރެއްވިއެވެ.
އަލީ ޞާލިހް މިފަދައިން ވިދާޅުވީ، ހުސްވި ހަފްތާގެ ތެރޭގައި ރައީސް ޞާލިހް، ގާސިމް އާއި ބައްދަލުކުރައްވާ މަޝްވަރާ ކުރެއްވުމާއި ގުޅިގެން މިހާރު ދެކެވެމުންދާ ވާހަކަތަކާއި ގުޅިގެންނެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަކީ މި ބައްދަލުވުމާއި ގުޅިގެން ވާހަކަދެއްކެވި އެއް ސިޔާސީ ލީޑަރެވެ.
ރައީސް ޞާލިހް އާއި ގާސިމް އިބްރާހިމްގެ ބައްދަލުވުމަށްފަހު ރައީސް ނަޝީދު މަޖިލީސް ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގެ ވާހަކަ ނޫސްތަކުގެ ސުރުހީތަކަށް އަރާފައިވާ ދަނޑިވަޅެއްގައި، ފަސްމަންޒަރު ޕްރޮގްރާމުގައި ވާހަކަދައްކަމުން އަލީ ޞާލިހް ވިދާޅުވީ، ރައީސް ނަޝީދު ވަނީ ޖުމްހޫރީ ޕާޓީގެ ވިސްނުމުގައިވެސް އަދި އެ ޕާޓީގެ ގަބޫލުކުރުންތަކާވެސް ހިލާފު ކަމެއްގައި މަޝްވަރާކުރަން ވަޑައިގެންނެވި ކަމަށެވެ.
މީގެއިތުރުން އަލީ ޞާލިހް ވިދާޅުވީ، ގާސިމް އިބްރާހިމްގެ އަރިހަށް ވަޑައިގެން، އެމަނިކުފާނުގެ މަޝްވަރާއަށް އެދިވަޑައިނުގަންނަވާ، ކަންކަމުގައި އެމަނިކުފާނުގެ އެހީތެރިކަން ނުހޯއްދަވާ އެއްވެސް ރައީސަކު ނުހުންނާނެ ކަމަށެވެ. ސަބަބަކީ ގާސިމް އިބްރާހީމް އަކީ ގިނަ ދާއިރާތަކަކުން ތަޖުރިބާ ހުންނެވި، ކަންކަން ނިންމެވުމުގައި ދުރު ވިސްނުން ގެންގުޅުއްވާ ބޭފުޅަކަށްވާތީ އެކަމުގެ މަންފާ އެފަރާތްތަކަށް ކުރުން ކަމުގައި އަލީ ޞާލިހް ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް މި ކަންކަމަށް ފަހުވެސް ކޮންމެ ރައީސަކުވެސް، މިހާރުގެ ރައީސް މެނުވީ، ގާސިމް އިބްރާހިމް އަށް އަނިޔާވެރިވިކަން އިސްކުރެއްވިކަން އަލީ ޞާލިހް ފާހަގަކުރެއްވިއެވެ.
އަލީ ޞާލިހް މިފަދައިން ވިދާޅުވެފައިވާއިރު، 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި، ރައީސް މައުމޫނުގެ 30 އަހަރުގެ ވެރިކަމަށް ނިމުމެއް ގެނެސް، ރައީސް ނަޝީދަށް އިންތިޚާބު ކާމިޔާބު ކުރެވުނީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމްގެ ބޮޑު އެހީތެރިކަމަކާއެކުއެވެ. އެހެންނަމަވެސް ރައީސް ނަޝީދުގެ ވެރިކަމަށް 21 ދުވަސްވީތަނާ ގާސިމް އިބްރާހިމަށް ވަނި ކޯލިޝަނުން ވަކިވާން ޖެހިވަޑައިގެންފައެވެ.
އަދި އެއަށްފަހު 2013 ވަނަ އަހަރުގެ އިންތިޚާބުގައި ރައީސް ޔާމީނަށް ވެރިކަން ހޯއްދަވައިދެއްވުމަށްވެސް ގާސިމް އިބްރާހީމް ގިނަ މަސައްކަތްތަކެއް ކުރެއްވިއިރު، ޖެހިގެން އައި މަޖިލިސް އިންތިޚާބާއި ހަމައިން، ގާސިމް އިބްރާހީމަށް ޖެހިވަޑައިގަތީ ކޯލިޝަނާއި ދުރަށް ޖެހިވަޑައިގަންނަވާށެވެ. އަދި އެއަަށްފަހު ރައީސް ޔާމީންގެ ވެރިކަމުގައި ގާސިމް އިބްރާހިމް އަށް ވަނީ އެކި ގޮތްގޮތުން ފިއްތުންތައް ކުރިމަތި ކުރުވާ، އެމަނިކުފާނަށާއި، އެމަނިކުފާނުގެ އާއިލާއަށް އަދި ވިޔަފާރިއަށްވެސް އެކިވަރުގެ ގެއްލުންތަކާއި، އުނދަގޫތައް ކުރިމަތި ކޮށްފައެވެ. ރައީސް ޔާމީނުގެ ވެރިކަމުގައި ގާސިމް އިބްރާހިމް އަށް ޖަލުގައިވެސް ދުވަސްތަކެއް ހޭދަކުރައްވަން ޖެހިވަޑައިގެންނެވިއިރު، އަމިއްލައަށް އަރުވާލެވިގެން ގައުމުން ބޭރުގައި، ލޯބިވާ އާއިލާ އާއި ގައުމާއި ދުރުގައިވެސް އެތައް ދުވަހެއް ހުންނަވަން މަޖުބޫރުވެވަޑައިގެންނެވިއެވެ.
އެހެންނަމަވެސް ކުރީގެ ރައީސުންނާއި ހިލާފަށް، ރައީސް ޞާލިހް ފެނިވަޑައިގެންދަނީ ކޯލިޝަން ދެމެހެއްޓުމުގައި ޗެމްޕިއަނެއްގެ ގޮތުގައެވެ. އެކަން ޖުމްހޫރީ ޕާޓީ އާއި ކޯލިޝަންގެ އެހެން ހިއްސާދާރުންވެސް ފާހަގަކުރާއިރު، ރައީސް ޞާލިހް ގެންދަވަނީ ކޯލިޝަނާއެކު ގައުމާއި ރައްޔިތުންގެ ހެވާ ލާބައަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ