ރޮނާލްޑޯގެ މައްޗަށް ކުރާ ރޭޕް ކުރުމުގެ ދައުވާ ކޯޓުން ބޭރުކޮށްލައިފި

މެންޗެސްޓާ ޔުނައިޓެޑަށް ކުޅޭ ދުނިޔޭގެ އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯގެ މައްޗަށް ކުރާ ރޭޕްކުރިކަމުގެ ދައުވާ އެމެރިކާގެ ނެވާޑާ ޑިސްޓްރިކްޓު ކޯޓުން ބޭރުކޮށްލައިފިއެވެ. ކެތުރީ މަޔޯގާ ނަމަކަށް ކިޔާ އަންހެނަކު ވަނީ، އެމެރިކާގެ ނެވާޑާގެ ލަސް ވޭގަސްގެ ހޮޓަލެއްގެ ތެރޭގައި 2009 ވަނަ އަހަރު ރޮނާލްޑޯ އޭނާ ރޭޕްކުރި ކަމަށާއި އެކަން ފޮރުވަން 375،000 ޑަލަރު ދިންކަމަށް ބުނެ އެ މައްސަލަ ކޯޓަށް ހުށަހަޅާފައެވެ. ކޯޓުގައި އަންހެން މީހާ އެދިފައި ވަނީ، ރޭޕްގެ ސަބަބުން އޭނާއަށް ލިބުނު ނަފްސާނީ އަދި ޖިސްމާނީ ގެއްލުމުގެ ބަދަލެއްގެ ގޮތުން ރޮނާލްޑޯ އަތުން 25 މިލިއަން ޑޮލަރު ހޯދައިދިނުމަށެވެ. ދެހާސް އަށާރަ ވަނަ އަހަރު ކޯޓަށް ހުށަހެޅި އެ މައްސަލަ ބެއްލެވި ގާޒީ ވަނީ ރޮނާލްޑޯ އެ އަންހެން މީހާ ރޭޕްކުރިކަމަށް ސާބިތުވާވަރަށް ހެކި ލިބިފައިނުވާކަމަށް ބުނެފައެވެ. އެ މައްސަލައިގެ ސަބަބުން ރޮނާލްޑޯގެ ނަން ކިލަނބުވެފައިވާ ކަމަށާއި އެ މައްސަލައިގައި ބޭނުންކޮށްފައިވާ ލިޔުންތަކަކީ ވަގަށް ނަގައިފައިވާ ލިޔުންތަކެއްކަމަށް ގާޒީ ވަނީ ކަނޑައަޅުއްވާފައެވެ. އެމެރިކާގެ ނެވާޑާ ޑިސްޓްރިކްޓު ކޯޓުން މައްސަލަ ބެލުމަށްފަހު މައްސަލަ ބޭރުކޮށްލީ އެހެން އެއްވެސް ކޯޓަކަށް އެ މައްސަލަ ހުށަނޭޅޭނެކަމަށް އެންގުމަށްފަހުގައެވެ. ދެހާސް ނުވަވަނަ އަހަރު ހިނގި ކަމަށް ބުނާ އެ ހާދިސާ ރޮނާލްޑޯ މީގެ ކުރީން ވަނީ ދޮގުކޮށްފައެވެ. ރޮނާލްޑޯ ބުނާ ގޮތުގައި އޭނާ ރޭޕް ކުރި ކަމަށް ބުނާ އަންހެން މީހާ ކެތަރިން މަޔޯގާއާއެކު ގުޅުން ހިންގީ ދެމީހުން ރުހިގެންނެވެ. ރޮނާލްޑޯ މަޔޯގާ ރޭޕް ކުރި ކަމަށް ބުނާ މައްސަލަ ފެންމަތިވީ، ޖަރުމަނުގެ ނޫހެއް ކަމަށްވާ ޑާ ސްޕައިގަލް އިން މަޔޯގާގެ ވާހަކަތައް ރިޕޯޓު ކުރުމުންނެވެ. އެ ނޫހުން ރިޕޯޓު ކުރި ގޮތުގައި، މަޔޯގާ ވަނީ އޭނާ ރޭޕް ކުރި ކަމަށް ބުނި ރޭގައި އެ މައްސަލަ ފުލުހަށްވެސް ހުށަހަޅާފައެވެ. ނަމަވެސް، ރޮނާލްޑޯއާ އޭނާއާ ދެމެދު ހިނގި ކަންކަމުގެ ވާހަކަ ނުދެއްކުމަށް ރޮނާލްޑޯ މަޔޯގާއަށް 375،000 ޑޮލަރު ދިން ކަމަށްވެއެވެ. އެ ފައިސާ ދިން ވާހަކަ ރޮނާލްޑޯ ދޮގެއް ނުކުރެއެވެ. އެހެން ނަމަވެސް، އެއީ އޭނާ މަޔޯގާ ރޭޕްކުރިކަމުގެ ހެއްކެއް ނޫން ކަމަށް އޭނާގެ ވަކީލުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ