އެމްޑީޕީ މެމްބަރު ޒިޔާދަށް ނޭގި އޭނާ އެމްއެންޕީގައި ރަޖިސްޓްރީކޮށްފި!

ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހުސައިން ޒިޔާދަށް ނޭނގި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގައި ރަޖިސްޓްރީ ކޮށްފިއެވެ.
ޒިޔާދަކީ ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރެކެވެ. ޒިޔާދަށް އޭނާ ޕާޓީ ބަދަލުކޮށްފައިވާކަން އެނގުނީ ރޭގައެވެ. ޒިޔާދު ވިދާޅުވީ ރޭ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި އެމްޑީޕީގެ ދަފްތަރުގައި ހިމެނޭ އެހެން ޕާޓީތަކުގެ މެމްބަރުން ޕާޓީން ވަކިކުރުމަށް ކުރެވުނު މަޝްވަރާތަކުގައި ރަޖިސްޓްރީ ޗެކްކުރުމަށް އިލެކްޝަނަށް މެސެޖު ކުރުމުން، އޮތީ އެމްއެންޕީގައިކަން އެގުނު ކަމަށެވެ.
މިކަން ވެފައިވާ ގޮތުން ސާފު ކުރުމަށް އިލެކްޝަން ކޮމިޝަނަށްވެސް ޒިޔާދު ވަނީ ގުޅާފައެވެ. މިކަމުގައި އިލެކްޝަނުން ވިދާޅުވީ ޒިޔާދުގެ ނަމުގައި ސޮއިކޮށް، ފިންގާ ޕްރިންޓު ޖަހައި އިލެކްޝަނަށް އެމްއެންޕީން ފޯމު ހުށަހަޅާފައިވާކަމަށެވެ. މިކަން ވެފައިވާ ގޮތް ސާފު ކުރުމަށްޓަކައި އަދި އަޅަންޖެހޭ ފިޔަވަޅު އެޅުމަށްޓަކައި މިއަދު ކަމާއިބެހޭ ފަރާތްތަކަށް މައްސަލަ ހުށަހެޅުމަށް އެމްޑީޕީން ދަނީ ތައްޔާރު ވަމުންނެވެ.
މެމްބަރު ޒިޔާދު ވިދާޅުވީ މިއީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށެވެ. މަޖިލީހުގައި ހިމެނޭ މެމްބަރެއް ކަމަށްވިޔަސް އަދި އާންމު އެހެން މެމްބަރެއް ކަމަަށްވިޔަސް އެމީހަކަށް ނޭގި ޕާޓީ ބަދަލު ވާނަމަ، މިފެށެނީ ވަރަށް ނުބައި ސަގާފަތެއް ކަމަށެވެ. މިކަން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަން ބޭނުންވާކަމަށް ޒިޔާދު ވަނީ ވިދާޅުވެފައެވެ.
މެމްބަރު ޒިޔާދަށް ނޭގި އޭނާގެ ޕާޓީ ބަދަލުކޮށްފައިވާއިރު، ސިޔާސީ ޕާޓީތަކަށް މެންބަރުންގެ ގޮތުގައި ވަންނަން ހުށަހަޅާ މީހުންގެ ނަންތައް އިލެކްޝަންސް ކޮމިޝަނުން ޢާމުކުރުމަށްފަހު ފޯމުތަކުގެ ސައްޙަކަން ކަށަވަރުކުރުމަށް އާންމުކޮށް ހުޅުވާލުމަށް ވަނީ ނިންމާފައެވެ. އިލެކްޝަނުން ފޯމުތަކުގެ ސައްޚަކަން ކަށަވަރު ކުރުމަށް ހުޅުވާލާއިރު، ޕާޓީތަކަށް އަލަށް ވަނުމަށް ހުށަހެޅި މީހުން ފުރިހަމަ ނަމާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފަހު ތިން އަދަދު ވަނީ އާންމުކޮށްފައެވެ. އިލެކްޝަނުން ވަނީ ޝަކުވާއެއް އޮތޯ ބެލުމަށްޓަކައި، ޕާޓީތަކުން ހުށަހަޅާފައިވާ ފޯމުތަކުގެ ވެރިންގެފޯނަށް މެސެޖެއް ފޮނުވާފައެވެ.
އިލެކްޝަނުން މިގޮތަށް އާންމުކޮށް އިއުލާންކޮށްގެން ހުޅުވާލި ފުރަތަމަ 373 ފޯމަށް އެއްވެސް ޝަކުވާއެއް ލިބިފައިނުވެއެވެ. މެމްބަރުންނަށް ނޭގި ޕާޓީ ބަދަލުކުރާ މައްސަލައަކީ ހައްލު ހޯދުމަށް އޮތް ބޮޑު މައްސަލައެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުންވެސް ގަބޫލު ކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ