މެމްބަރު ރޮޒައިނާގެ ޓްވިޓަރ އެކައުންޓް ހެކްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ސިޓީ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްގެ ރަސްމީ ޓްވިޓަރ އެކައުންޓް ހެކްކޮށްފިއެވެ.
ޓްވިޓަރ އިން ވެރިފައިކޮށްފައިވާ މެމްބަރު ރޮޒައިނާގެ އެކައުންޓް ހެކްކުރިކަން އެކަމަނާ ވަނީ "ވީނިއުސް" އަށް ކަށަވަރުކޮށްދީފައެވެ. މި ކަމެއް ހިނގާފައި މި ވަނީ އެމްޑީޕީގެ ރައީސް މުޙައަމަދު ނަޝީދަށް ހޫނު ބަހުގެ ހަމަލާތަކެއް ރޮޒައިނާ ދެއްވާފައިވާ ދަނޑިވަޅެއްގައެވެ.
2012 ވަނަ އަހަރު ޓްވިޓަރ ބޭނުންކުރަން ފެށި ރޮޒައިނާއަކީ ރާއްޖޭގައި ތިބި އެންމެ ފުންނާބު އުސް އަންހެން ސިޔާސީ ލީޑަރުންގެ ތެރޭގައި ހިމެނޭ އެއް ބޭކަނބަލެވެ. ޓްވިޓަރގައި ލައްކައަކަށް ގާތްކުރާ އަދަދަކަށް މީހުން ފޮލޯކުރާ ރޮޒައިނާ އާދަމްް ވަނީ 18 ވަނަ ރައްޔިތުން މަޖިލީހުގައި ވެސް އައްޑޫ މީދޫ ދާއިރާގެ މެންބަރުކަން ކުރައްވާފައެވެ.
ހުކުރު ދުވަހު ރައީސް ނަޝީދު ވަނީ ރައީސް ޞާލިހް ޒިނޭ ކުރާ ފޮޓޯތަކެއް އެބަހުރި ކަމަށް ބުނެ، އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ވަޓްއަޕް ގްރޫޕަށް މެސެޖެއް ފޮނުވާފައެވެ. ރައީސް ނަޝީދުގެ އެ މެސެޖާއެކު، އެ ގްރޫޕް ހޫނު ބަހުސަކަށް ގޮސް، ފޮޓޯތައް ލާންވީތޯ ރައީސް ނަޝީދު ސުވާލު ކުރެއްވުމުން ރޮޒައިނާ ވަނީ އެގޮތަށް ކަންތައް ކުރުމަށް އެދިވަޑައިގެންފައެވެ. ނަމަވެސް ރައީސް ނަޝީދު ފޮޓޯތައް ހިއްސާކޮށްފައެއް ނުވެއެވެ.
މިކާމާ ގުޅުވާ، މިއަދު ރޮޒައިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ނަޝީދަށް ފޮޓޯތައް ލާން ނުކެރިގެން އުޅެނީ ފޮޓޯތައް ނެތީމަ ކަމަށެވެ.
ރޮޒައިނާ ވިދާޅުވީ، އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި އެ މަނިކުފާނުގެ ކޮއްކޯފުޅު ނާޒިމް ހައްޔަރުކުރުމުން އޭގެ ވަރު އެހެން މީހުންނަށް ބާލަން ނުޖެހޭ ކަމަށެވެ. އަދި ރައީސް ނަޝީދު ހައްދަވާ އިތުރުފުޅު ނޭނގޭނެ މީހަކު މި ރާއްޖޭގައި ނުހުންނާނެ ކަމަށް ވިދާޅުވިއެވެ.
ރައީސް ނަޝީދު މި ފަދަ މޭރުމަކުން ވާހަކަދައްކާފައި ވަނީ އެމަނިކުފާނުގެ ކޮއްކޯފުޅު ނާޒިމް އަބްދުއްސައްތާރު ލިވާތުކުރި ކަމަށް ތުހުމަތުކޮށް ހައްޔަރުކޮށްފައިވާ ދަނޑިވަޅެއްގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ