އީޔޫގެ އެހީ ފަތުރުވެރިކަމުގެ ދާއިރާގެ 87 ފަރާތަކަށް ދީފި

ކޯވިޑް-19ގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތުގެ ވިޔަފާރިތަކަށް ލިބުނު ގެއްލުމުން އަރައިގަތުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ފަރާތުން ދީފައިވާ ހިލޭ އެހީ މިހާތަނަށް 87 ވިޔަފާރިއަކަށް ދޫކޮށްފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށް އެހީވުމުގެ މަޤްސަދުގައި އީޔޫއިން ހަދިޔާ ކޮށްފައިވާ 2 މިލިއަން ޔޫރޯގެ ހިލޭ އެހީ ދޫކުރުމުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނާއެވެ. މިއެހީއަށް އެދި ހުށަހެޅުމަށް އެކޯޕަރޭޝަނުން ހުޅުވާލާފައިވަނީ މިދިޔަ ޑިސެމްބަރ މަހުގެ 15ވަނަ ދުވަހުއެވެ. އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ މިހާތަނަށް ހިލޭ އެހީގެ ގޮތުގައި 3.45 މިލިއަން ރުފިޔާ 87 ފަރާތަކަށް ދޫކޮށްފައިވާކަމަށެވެ.
މި އެހީއަށްއެދި ހުށަހެޅެނީ ރާއްޖޭގައި ހިންގާ ގެސްޓްހައުސްތަކާއި ސަފާރީތަކަށެވެ. މި އެހީއަށް އެދި ހުށައެޅުމުގެ އެންމެ ފަހު ތާރީޚަކީ މޭމަހުގެ 31އެވެ. މި އެހީއަށް އެދި ހުށައެޅުމުގެ ޝަރުތުތަކުގެ ތެރޭގައި ޞައްހަ އޮޕަރޭޓިންގ ލައިސެންސެއް އޮވެ، 40 އެނދަށްވުރެ މަދުން އޮޕަރޭޓްކުރާ ފަރާތަކަށް ވުން ހިމެނެއެވެ. މިއެހީގެ ދަށުން ކޮންމެ ގެސްޓުހައުސްއެއް އަދި ސަފާރީއަކަށް އެހީ ލިބިގެން ދާނީ އެނދަކަށް 2453.76 ދިވެހި ރުފިޔާގެ ރޭޓުންނެވެ. މި އެހީގެ ފައިދާ ސީދާގޮތެއްގައި 561 ގެސްޓްހައުސްއަށް އަދި 126 ސަފާރީއަށް ލިބިގެންދާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.
އެހީއަށް އެދި ހުށަހެޅުއްވުމުގެ މަރުހަލާ އެމްއެފްއެމްސީގެ ފަރާތުން ވަނީ ވަރަށްވެސް ބޮޑަށް ފަސޭހަކޮށްދެއްވާފައެވެ. އެޕްލިކޭޝަނާއެކު ހުށައަޅަން ޖެހޭނީ ހަމައެކަނި ގެސްޓްހައުސް ހިންގުމުގެ ލައިސެންސުގެ އިތުރުން އެއް މަސް ދުވަހުގެ ދިވެހި ރުފިޔާ އެކައުންޓުގެ ބޭންކު ސްޓޭޓްމަންޓެވެ. އެގޮތުން މައުލޫމާތު ފުރިހަމަ އެޕްލިކޭޝަންތަކަށް 14 ދުވަހުގެ ތެރޭގައި ފައިސާ ޖަމާކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ