ހިތަދޫ ކޯޓުން ޕީޖީ އަށް ރައްދު ދީފި

ހައިކޯޓުން ކޮށްފައިވާ އަމުރެއް ސަސްޕެންޑް ކުރުމަށްފަހު ކުށެއްގެ ތުހުމަތުކުރެވޭ މީހަކު ބޭސްފަރުވާއަށް ދޫކުރުމަށް އައްޑޫ ސިޓީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ނެރެފައިވާ އަމުރާ ގުޅިގެން ޕީޖީ ހުސައިން ޝަމީމް ކުރެއްވި ޓްވީޓެއް އެ ކޯޓުން ރައްދު ދީފި އެވެ.
ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ބޭސްފަރުވާ އަށް ދޫކޮށްލުމަށް އަމުރުކޮށްފައި ވަނީ، 2020 ވަނަ އަހަރު ރާއްޖެއަށް 80 ކިލޯގެ މަސްތުވާތަކެތި އެތެރެ ކުރި މައްސަލައިގައި ދައުވާ ކޮށްފައިވާ ހިތަދޫ މަންދޫބުގޭ ރުޝާން އަހުމަދުދީދީ އެވެ. އޭނަ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައި ވަނީ ހައިކޯޓުންނެވެ.
ހައިކޯޓުގެ އަމުރު ސަސްޕެންޑް ކުރުމަށްފަހު ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ރުޝާން ދޫކޮށްލުމަށް ނެރުނު އަމުރާ ގުޅިގެން، ޕީޖީ ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ހައިކޯޓުގެ ޙުކުމެއް ދިރި އޮއްވާ، އެހުކުމް ސަސްޕެންޑުކުރުމަކީ ދަށުކޯޓަކުން މެޖިސްޓްރޭޓަކު ކުރާ ކަހަލަ ކަންކަމެއްނޫން ކަމަށެވެ. އަދި އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކޮށް ޖޭއެސްސީގައި ޝަކުވާ ކުރާނެ ކަމަށްވެސް ޝަމީމް ވިދާޅުވި އެވެ.
އެކަމާ ގުޅިގެން ހިތަދޫ ކޯޓުން ނެރުނު ބަޔާނެއްގައި ބުނީ ރުޝާން ވަގުތީ ގޮތުން ބަންދުން ދޫކޮށްލީ ހައިކޯޓުގެ އަމުރު އެގޮތުގައި އޮތް ނަމަވެސް އޭނާގެ ބަންދު މުރާޖަޢާ ކުރުމަށްފަހު ދޫކޮށްލަންޖެހޭ ސަބަބުތަކެއް ހުރިނަމަ ދޫކޮށްލުމަށް ހުރަހެއް އޮތްކަމަށް ނުދެކޭ ކަމަށް ޕީޖީގެ ވަކީލުން ކޯޓުގައި ބުނުމުން ކަމަށެވެ.
"ހައިކޯޓުގެ އަމުރު އެގޮތުގައިއޮތް ނަމަވެސް އޭނާގެ ބަންދު މުރާޖައާ ކުރުމަށްފަހު ދޫކޮށްލަންޖެހޭ ސަބަބުތަކެއް ހުރިނަމަ ދޫކޮށްލުމަށް ހުރަހެއް އޮތް ކަމަށް ދައުލަތުން ނުދެކޭކަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ ފަރާތުން ޖަވާބު ދެއްވާފައި ވުމާއެކު 90 ދުވަހުގެ މުއްދަތަށް، ބޭސްފަރުވާއަށް އޭނާ ވަގުތީ ގޮތުން ދޫކޮށްލާފައި ބެހެއްޓުމަށް މިކޯޓުން އަންގާފައިވާނެ އެވެ" އެ ބަޔާނުގައި ވެ އެވެ.
ހިތަދޫ ކޯޓުން ބުނީ ކޯޓްތަކަށް ޕްރޮސެކިއުޓާ ޖެނެރަލް ތަމްސީލުކުރަން އަންނަ ފަރާތްތަކުން ދައްކާ ވާހަކައަކީ ސީދާ ޕްރޮސެކިއުޓާ ޖެނެރަލްގެ އިރުޝާދުގެ ދަށުން އަމަލުކުރުމަށް އަންގާފައިވާ އެންގުންތަކެއް ކަމަށް ބަލަން ޖެހޭ ކަމަށެވެ. އެގޮތުން މިކަމަކީ ޕީޖީ އަށް އެނގި ފެނުމުން ބޭރުގައި ހިނގާފައިވާ ކަމެއްގެ ސިފަ ޖެހޭ ގޮތަށް މީޑިއާ މެދުވެރިކޮށް ޕީޖީ ޝަމީމު ކޮށްފައިވާ ޓްވީޓަކީ އޭނާގެ މަގާމުގެ ހައިސިއްޔަތުން ކުރުން އެކަށީގެންވާ ކަމެއް ނޫން ކަމަށްވެސް ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ