ވީޓީވީގެ މާކަނާ ޝޯ ޓީވީއެމަށް

ވީޓީވީން ދައްކަމުން އައި މަޝްހޫރު އެނިމޭޓެޑް ސީރީޒް "މާކަނާ ޝޯ" އަށް ހަރަދުކުރެވެން ނެތުމާއި ވީޓީވީން އެ ޝޯ ދެއްކުމުން ސްޕޮންސާ ވެސް ނުލިބޭތީ އެ ޝޯ ޓީވީއެމަށް ބަދަލުކޮށްލައިފި އެވެ.
އަންނަ މާޗް މަހު ފަހަކުން ފެށިގެން އަހަރު ދުވަހަށް ޓީވީއެމުން ދައްކާ ގޮތަށް އިއްޔެ އެއްބަސްވެފައިވާ އެގްރިމެންޓުގައި ސޮއިކުރެއްވުމަށް ފަހު، ޝޯގެ ޕްރޮޑިއުސަރު ޔާމީން ރަޝީދު ވިދާޅުވީ އެ ޝޯ ދައްކާފައިވަނީ ވަރަށް ބޮޑު ހަރަދެއްކޮށްގެން ކަމަށެވެ. އެކަމަކު ވީޓީވީން އެ ޝޯ ދެއްކި އިރު އެއްވެސް ސްޕޮންސަރެއް ހޯދުމަކާނުލައި އެ ޝޯގެ ހުރިހާ ހަރަދެއް ކޮށްފައިވަނީ ހަމައެކަނި ވީޓީވީން ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް މިހާރު އިގްތިސާދީ ހާލަތު އޮތް ގޮތުން ވީޓީވީން އެ ޝޯ އަށް ހަރަދުކުރަން ދަތިވާ ކަމަށް ޔާމީން ވިދާޅުވި އެވެ.
"ރާއްޖޭގެ އިގްތިސާދީ ހާލަތު އޮތް ގޮތުން މި ދުވަސްކޮޅު އެ ބޭފުޅުންނަށް މި ޕްރޮގްރާމަށް ހަރަދުކުރަން ދަތިވަނީ. ދެން ސްޕޮންސަރުން ހޯދައިގެން މަސައްކަތްކުރެވޭތޯ ގާތްގަނޑަކަށް ދެ މަހެއްހާ ދުވަހު އަޅުގަނޑުމެން މަސައްކަތްކޮށް އެހާ ރަނގަޅު ނަތީޖާއެއް ނުލިބުނީމަ ދެން މި ވަގުތު އެ ބޭފުޅުންނަށް މިއަށް ފަންޑުކުރެވެން ނެތީމަ އަޅުގަނޑުމެން ޓީވީ މޯލްޑިވްސް އަށް މާކަނާ ޝޯ ގެނައީ،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ވީޓީވީގައި މާކަނާ ޝޯ ދެއްކިއިރު ސިޔާސީ ފަރާތްތަކުން ނުފޫޒުތަކެއް ކުރިމަތިވި ކަމަށް ވާހަކަ ދެކެވުނު ނަމަވެސް އެއީ ދޮގެއް ކަމަށެވެ. ޓީވީއެމްގައި ޝޯ ދެއްކި ނަމަވެސް ޝޯ އަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޓީވީއެމާއެކު އެގްރިމެންޓު ހަދާފައިވާނީ މާކަނާ ޝޯ އަށް އެއާ ޓައިމް ވިއްކައިގެން ޝޯގެ ތެރޭގައި ސްޕޮންސާ އިން ފައިސާ ހޯދޭ ގޮތަށް ކަމަށެވެ. އަދި ވީޓީވީން ޝޯ ދެއްކިއިރަށް ވުރެ މާ ގިނަ ފައިސާ ހޯދޭނެކަމުގެ އުއްމީދު އެބައޮތް ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ވީޓީވީ އަށް ވިއްކި މާކަނާ ޝޯގެ 70 އެޕިސޯޑް ޑިސްޓްރިބިއުޓް ކުރުމުގެ ހައްގު ވީޓީވީ އަށް ލިބިގެންވާ ކަމަށެވެ.
ވީޓީވީގެ ސީއީއޯ އަމީން އިބްރާހިމް މިއަދު ވިދާޅުވީ "މާކަނާ ޝޯ އެއްޗަކަށް ހަދަން" އެ ސްޓޭޝަނުން ވަރަށް ބޮޑެތި މަސައްކަތްތަކަކާއި ހަރަދުތަކެއް ކޮށްފައިވާނެ ކަމަށެވެ.
"ޓީވީއެމާ އެކު ޝޯ އުފެއްދި ފަރާތުން ވެފައިވާ އެއްބަސްވުމަކީ ޝޯ އުފައްދާ ފަރާތަށް ވީޓީވީން ވެސް ދިން ފުރުސަތެއް. އެހެން ނަމަވެސް އޭނާ [ޔާމީން] އަމިއްލަ އަށް ނެގި ޑިސިޝަނެއް އެއީ. އެއީ އަޅުގަނޑުމެންގެ މައްސަލައެއް ނޫން،" އަމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޮންމެ ހަފުތާއަކު ޝޯއަށް ވީޓީވީން 35،000ރ. ހަރަދު ކުރަމުންދާ ކަމަށެވެ.
އެމްއެންބީސީގެ މެނޭޖިން ޑިރެކްޓަރު ހަލީލް ވިދާޅުވީ، މާކަނާ ޝޯ ދައްކަނީ ޓީވީއެމްގެ އެއާ ޓައިމުން ލިބޭ ސްޕޮންސާ އިން އަގު ކަވަރުކުރާ ގޮތަށް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ދެ ފަރާތަށް ވެސް ފައިދާވާ ގޮތަށް މާކަނާ ޝޯގެ ބައެއް މާޗެންޑައިސް އާއި ޑީވީޑީ ހަދައިގެން ވިއްކާނެ ކަމަށް ވެސް ހަލީލް ވިދާޅުވި އެވެ. ހަލީލް ވެސް ވިދާޅުވީ ޓީވީއެމުން ދެއްކި ނަމަވެސް މާކަނާ ޝޯ އަށް ފުރިހަމަ މިނިވަންކަން އޮންނާނެ ކަމަށެވެ.
މާކަނާ ޝޯ އަށް ސިޔާސީ އެއްވެސް ފަރާތަކުން ނުފޫޒެއް ނުފޯރުވާ ކަމަށް ވިދާޅުވި ނަމަވެސް އެ ޝޯ އުފެއްދުމުގައި މަސައްކަތް ކުރާ މީހަކު ހަވީރަށް ކުރިން ދިން އިންޓަވިއުއެއްގައި ކުރިން ބުނެފައި ވަނީ، ވީޓީވީގެ ޗެއާމަން ގާސިމް އިބްރާހިމަކީ ސިޔާސީ ބޭފުޅެއް ކަމުން ކޮންމެވެސް ވަރެއްގެ ޕްރެޝަރުތަކެއް ކުރިމަތިވެގެން "ޝޯ ލައިޓް ކުރަމުން އައި" ކަމަށެވެ. އަދި ގާސިމް ވަނީ ޝޯގެ އެންމެ މުހިންމު ތަރި ކަމަށްވާ ދޫނި ރާއްޖޭގެ ރައީސް "އައްޔަ" ގެ ކެރެކްޓާ ބަދަލު ކުރުމަށް ޔާމީން އަށް ވެސް އަންގައިފަ އެވެ. ދޫނި ރާއްޖޭގެ ރައީސްގެ ކެރެކްޓާ ބަދަލު ކުރުމުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނީ އެއީ އެމަނިކުފާނު ތަރުހީބު ދެއްވާ ކަމެއް ނޫން ކަމަށެވެ.
އޭގެ އިތުރުން ސިފައިންގެ ކުރަހަމުން ދިޔަ ކަމަށް ބުނެ މާކަނާ ޝޯގެ އެންމެ މުހިންމު ދެ އެނިމޭޓަރުން ވެސް ފުލުހުން ވަނީ ހައްޔަރު ކޮށްފަ އެވެ. އެ މައްސަލަ ތަހުގީގު ކުރުމަށްފަހު އިންޑިޔާގެ އެ ދެ ރައްޔިތުން ފުލުހުން ދޫކޮށްލާފައި ވަނީ އޭގެ ތިން ދުވަސް ފަހުންނެވެ.
މާކަނާ ޝޯގައި ހިމެނޭ ހިޔާލީ ކެރެކްޓާތަކުގެ ތެރޭގައި "އައްޔަ" ގެ އިތުރުން ޝޯ ހުށަހަޅައިދޭ "ހަސަން ދީ" އާއި އައްޔަގެ އަނބިމީހާ "ތުސީ" އާއި ކުރީގެ ރައީސް "ޒަކީ" ހިމެނެ އެވެ. ޝޯ ހުށަހަޅައިދެނީ ދޫނި ރާއްޖޭގެ ކަނޑުއަޑީގައި ހަދާފައިވާ ބިއްލޫރި ސްޓޫޑިއޯއެއްގެ ތެރޭގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ