ބެޖެޓް ރިވިއު: އަންނަ އަހަރު ދިރާގުން ސަރުކާރަށް ދައްކާ ފައިސާ މި އަހަރަށް ވުރެ 47 ޕަސެންޓް މަދު

ރާއްޖޭގެ އެންމެ ބޮޑު ކުންފުނި ދިރާގުން އަންނަ އަހަރު ސަރުކާރަށް ދައްކާނެ ކަމަށް ލަފާކުރާ ފައިސާގެ މިންވަރު މި އަހަރަށް ވުރެ 47 ޕަސެންޓް މަދުވާނެ ކަމަށް އަންދާޒާކުރާ ބަޖެޓުން ދައްކައިފި އެވެ.
ސަރުކާރުގެ 55 ޕަސެންޓް ހިއްސާ އޮންނަ ދިރާގުން މި އަހަރު 354 މިލިއަން ރުފިޔާ ސަރުކާރަށް ދައްކާނެ ކަމަށް ލަފާކޮށްފައިވެ އެވެ. އެކަމަކު ފިނޭންސް މިނިސްޓަރު ގާސިމް އިބްރާހިމް ބުދަދުވަހު ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުއްވި 2008 ގެ އަންދާޒާ ބަޖެޓުގައި ބުނެފައިވާ ގޮތުން އަންނަ އަހަރު ދިރާގުން ދައްކާނީ 188 މިލިއަން ރުފިޔާ އެވެ.
ސަރުކާރުގެ ވިޔަފާރި އާއި ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އިގުތިސާދީ ގޮތުން ސަރުކާރަށް އެންމެ ބޮޑު އެހީއެއް ވެވޭނެ ކަމަށް ބޭރުގެ މާލީ އިދާރާތަކުން ފާހަގަކޮށްފައިވާ ދިރާގުގެ އޮފިޝަލަކު ބުރާސްފަތިދުވަހު ވިދާޅުވީ ދިރާގުން ސަރުކާރަށް ދައްކާ އެއްޗެއް އަންނަ އަހަރު ކުޑަވަނީ އެއްގޮތަކަށް ވެސް އެ ކުންފުނީގެ ވިޔަފާރި ދަށްވެގެން ނޫން ކަމަށެވެ.
"މިއަހަރު ހާއްސަ ގޮތަކުން ބޯޑުން ނިންމައިގެން އެވަރަށް ދެއްކީ،" ދިރާގުގެ އޮފިޝަލް ވިދާޅުވި އެވެ. އަންނަ އަހަރު އެ މިންވަރު ދަށްވީ "މާލީ ގޮތުން ދިރާގަށް އެއްވެސް ކަހަލަ ބަދަލެއް އައިސްގެންނެއް ނޫން."
ދިރާގުން އަންނަ އަހަރު ދައްކާނެ ކަމަށް ލަފާކޮށްފައިވާ 188 މިލިއަން ރުފިޔާ އަކީ 2006 ވަނަ އަހަރު އެ ކުންފުނިން ސަރުކާރަށް ދެއްކި 280 މިލިއަން ރުފިޔާއަށް ވުރެ 33 ޕަސެންޓް މަދު އަދަދެކެވެ.
އަންނަ އަހަރުގެ ބަޖެޓްގައި ސަރުކާރުގެ ވިޔަފާރި އާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން މި އަހަރާ އަޅާބަލާ އިރު އެންމެ ބޮޑު އަދަދެއް ލިބޭނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީން ކަމަށް އަންދާޒާކޮށްފައިވެ އެވެ. އެ ކުންފުނިން މި އަހަރު 87 މިލިއަން ރުފިޔާ ސަރުކާރުގެ އާމްދަނީއަށް ވައްދާނެ ކަމަށް ހިމަނާފައިވާ އިރު އަންނަ އަހަރު 129 މިލިއަން ރުފިޔާ ސަރުކާރަށް ދައްކާނެ ކަމަށް 2008ގެ ބަޖެޓުގައި ބުނެފައިވެ އެވެ. މިއީ 32 ޕަސެންޓްގެ އިތުރުވުމެކެވެ.
އަންދާޒާ ބަޖެޓް ބުނާ ގޮތުން ސަރުކާރުގެ އަދި ސަރުކާރު ހިއްސާވާ 16 ކުންފުންޏަކުން އަންނަ އަހަރު 00،971،000 8 ރުފިޔާ ދައްކާނެ ކަމަށް ލަފާކޮށްފައިވެ އެވެ. މި އަހަރުގެ ބަޖެޓުގައި އެ ކުންފުނިތަކުން ލިބޭނެ ކަމަށް އަންދާޒާކޮށްފައި އޮތީ 02،085،921 8 ރުފިޔާ އެވެ.
ވިޔަފާރި ބޮޑެތި ކުންފުނިތަކުގެ ތެރެއިން އެސްޓީއޯ އިން އަންނަ އަހަރު ދައްކާނެ ކަމަށް ލަފާކުރާ މިންވަރު ވެސް މި އަހަރަށް ވުރެ 18 ޕަސެންޓް ދަށެވެ. މި އަހަރު އެސްޓީއޯ އިން 85 މިލިއަން ރުފިޔާ ދައްކާނެ ކަމަށް ބެލެވޭ އިރު 2008 ގައި އެ ކުންފުނިން ސަރުކާރުގެ އާމްދަނީ އަށް ވައްދައިދޭނީ 69 މިލިއަން ރުފިޔާ ކަމަށް ލަފާކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ