އެއްވެސް އިރެއްގައި އަޅުގަނޑަކީ ޝަރީއަތަށް ނުފޫޒު ފޯރުވާ މީހެއް ނޫން: މައުމޫން

ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި 30 އަހަރު ދުވަސް ވަންދެން ހުންނެވިއިރު ވެސް އަދި މިހާރު ވެސް ޝަރީއަތަށް ނުފޫޒު ފޯރުއްވާފައި ނުވާނެ ކަމަށް ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
އަމިއްލަ ބޭނުންފުޅެއްގައި މެލޭޝިޔާ އަށް ކުރެއްވި ދަތުރުފުޅަށް ފަހު ރޭ މާލެ ވަޑައިގެން ރަސްމީ ފާލަމުގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ، ޝަރީއަތްތަކާ ބެހި ފަނޑިޔާރުންނާ ވާހަކަ ދައްކަވާފައިނުވާނެ ކަމަށެވެ.
"އެހެންވީމަ ކީއްކުރަންތޯ މިހާރު. އަދި މިހާރު އަޅުގަނޑު މިއީ ރައީސެއް ވެސް ނޫން. ކީއްކުރަންތޯ ހައި ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަންވީ. އެއީ ހިނގާފައި އޮތް ކަމެއް ނޫން. ހިނގާނެ ކަމެއް ވެސް ނޫން،" މި ދިޔަ އާންމު އިންތިހާބުގައި ތ. ތިމަރަފުށީ ވޯޓުގެ މައްސަލަ ހައި ކޯޓުގައި ހިނގަމުން ދިޔަ އިރު، ކުރީގެ ސަރުކާރުގެ ނުފޫޒު ވަރަށް ބޮޑަށް އެ ކޯޓުގެ ފަނޑިޔާރުންނަށް ފޯރާފައިވާ ކަމަށް، ތިމަރަފުށީ ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓް މުހައްމަދު މުސްތޮފާ މީޑިއާގައި ވިދާޅުވެފައިވާތީ، އެކަމާ ގުޅޭ ގޮތުން ދެންނެވި ސުވާލެއްގެ ޖަވާބުގައި ރައީސް މައުމޫން ވިދާޅުވި އެވެ.
މި މަހުގެ ދެ ވަނަ ދުވަހުގެ ރޭ ދިއެފްއެމްގައި ވާހަކަ ދައްކަވަމުން މުސްތޮފާ ވިދާޅުވެފައިވަނީ، ހައި ކޯޓުގެ ފަނޑިޔާރުންނާއި ކުރީގެ ސަރުކާރާ ގުޅުން އޮތުމުގެ ސަބަބުން ތިމަރަފުށީ ދާއިރާގެ ވޯޓުގެ މައްސަލަ ނިންމާނީ ރަނގަޅަށްކަން އޭނާ ގަބޫލުނުކުރައްވާ ކަމަށެވެ. އަދި ރައީސް މައުމޫން ދިރިއުޅުއްވާ މ. އަލިވާގެ އަށް ހައި ކޯޓުގެ ފަނޑިޔާރުން ވަޑައިގެންނެވި ކަމުގެ ތުހުމަތު އޭނާ ކުރައްވާފައިވެ އެވެ.
މުސްތޮފާގެ އެ ތުހުމަތާ ގުޅިގެން ރައީސް މައުމޫން ރޭ ވިދާޅުވީ އެ މަނިކުފާނަށް އެނގިވަޑައިގެން އެއްވެސް އިރެއްގައި ހައި ކޯޓުގެ ފަނޑިޔާރުން އަލިވާގެ އަށް ވަޑައިނުގަންނަވާ ކަމަށެވެ.
ރައީސް މައުމޫން ވިދާޅުވީ ތިމަރަފުށީގެ ވޯޓުގެ މައްސަލަ ހައި ކޯޓުން ނިންމި ގޮތަކީ ރާއްޖޭގެ ޑިމޮކްރެސީ އަށް ލިބުނު ތާއީދެއް ކަމަށެވެ.
"އެއީ އިންތިހާބުގެ ކަންތައްތައް ގޯސްކޮށް ގޮސްފައިވާ ކަމަށް ވަންޏާ ހައި ކޯޓުން ބައްލަވާފައި ނިންމަވަންޖެހޭނީ އެ މައްސަލައިގެ ހަގީގަތް އޮތް ގޮތަކަށް. ހެކިތަކުން ސާބިތުވާން އޮތް ގޮތަކަށް. އެއީ އަދާލަތަށް ލިބުނު ވެސް، އިންސާފަށް ލިބުނު ވެސް ކާމިޔާބީއެއް ކަމަށް އަޅުގަނޑު ދެކެނީ. އަދި ތިމަރަފުށީގެ ވަރަށް ގިނަ ރައްޔިތުންގެ ހައްގުތަކަށް ބަޔަކު އަރާފައި އޮތްކަން ސާބިތުވާ އިރު އެ ކަން ހުއްޓުވައި ބާތިލުކުރުވައި ތިމަރަފުށީގެ ލޮބުވެތި ރައްޔިތުންނަށް، އެ މީހުން ބޭނުންވާ ގޮތަށް ވޯޓު ދިނުމުގެ ފުރުސަތު ހައި ކޯޓުން ހޯއްދަވައިދެއްވި ކަމީ ހައި ކޯޓުން ކުރެއްވި ވަރަށް އިންސާފުވެރި ވަރަށް ރަނގަޅު އަމަލެކޭ އަޅުގަނޑު ދަންނަވާނީ،" ތިމަރަފުށީގެ ޑީއާރުޕީ ކެންޑިޑޭޓް އަދި ރައީސް މައުމޫނުގެ ދަރިކަލުން މުހައްމަދު ޣައްސާން މައުމޫން ހައި ކޯޓަށް ހުށަހެޅުއްވި މައްސަލައާ ގުޅޭ ގޮތުން އެ މަނިކުފާނު ވިދާޅުވި އެވެ.
ތިމަރަފުށީގައި ވޯޓުލުން ދެ ވަނަ ފަހަރަށް ކުރި އަށް ދާއިރު ކެމްޕޭން ދަތުރުފުޅެއްގައި އެ ރަށަށް ވަޑައިގަންނަވާނަންތޯ ދެންނެވުމުން ރައީސް މައުމޫން ވިދާޅުވީ "އަޅުގަނޑު މިހިރީ ތައްޔާރަށް" ކަމަށާއި އެކަމަކު ގޮތެއް ނިންމަވާނީ ޑީއާރުޕީގެ ކެންޑިޑޭޓް ނުވަތަ ޑީއާރުޕީން ކަމަށެވެ.
ފަހަކަށް އައިސް ރާއްޖޭން ބޭރަށް ގިނަގިނަ އިން އަމިއްލަފުޅު ދަތުރުތައް ކުރައްވަނީ ކީއްވެގެންތޯ ދެންނެވުމުން ރައީސް މައުމޫން ވިދާޅުވީ، އެންމެ ސަބަބަކާ ގުޅިގެން ކަމަށެވެ.
"އަޅުގަނޑުގެ އަންހެނުން ބަލިވެ އުޅޭތީ. އޭނާގެ ހުންނަ ބައްޔަކީ ރާއްޖޭގައި މި ކިޔާ ގޮތުން ވެއްޖިއްޔާ ރާއްޖެބަލި. ތަންކޮޅެއް ދިގުލާ ކަމެއް މިއީ. ހާއްސަކޮށް އަޅުގަނޑު މިދަނީ އަޔުރްވެޑިކް ފަރުވާކުރަން. ފުރަތަމަ ޓްރިވެންޑްރަމަށް ގޮސް ގާތްގަނޑަކަށް ހަތް ހަފުތާ އަޅުގަނޑުގެ އަންހެނުން އެ ތަނުގައި ހޭދަކުރި. އަޅުގަނޑު އެ ހުރިހާ ދުވަހަކު ނުހުންނަން. ގޮސްފައި އަންނަނީ. މިހާރު އެ ބައި ނިންމާފައި މެލޭޝިޔާގައި ބޭސްކުރަމުން ގެންދަނީ. އެހެންވީމަ އެ ކަމަށްޓަކައި އަޅުގަނޑު ދިޔައީ އަންހެނުންނާ އެކު ދުވަސްކޮޅަކު މަޑުކޮށްލަން،" ރައީސް މައުމޫން ވިދާޅުވި އެވެ.
"އަޅުގަނޑު ފުރިއިރު ވެސް ބައެއް ފަރާތްތަކުން ސުވާލުކުރި ހިޔާނާތުގެ މައްސަލަތައް އުޅޭތީ އަޅުގަނޑު ދަނީހޭ. އަޅުގަނޑު ދެންނެވިން އަޅުގަނޑު ކޮންމެ ތަނެއްގައި ހުއްޓަސް މައްސަލަތައް ބެލޭނެއޭ. އަޅުގަނޑު އަންނަން އަންގަވައިފިއްޔާ އަންނާނަމޭ. އަޅުގަނޑުގެ ނޯންނާނެއޭ މައްސަލައެއް. އަޅުގަނޑު އެއްވެސް ކަމަކާ ޖެހިލުމެއް ނުވަމޭ. ބިރެއް ނުގަންނަމޭ. އެއްވެސް ކަހަލަ ހިޔާނާތެއް ވެފައެއް ނޯންނާނެއޭ. ބައްލަވަންޏާ ބައްލަވާށޭ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ