ޑީއާރުޕީގެ ލީޑަޝިޕުން ދުރަށް ވަޑައިގަންނަވާނެ ކަމުގެ އިޝާރާތެއް މައުމޫން ދެއްވައިފި

އެންމެ ބޮޑު އިދިކޮޅު ޕާޓީ ޑީއާރުޕީގެ ލީޑަޝިޕުން ދުރަށް ވަޑައިގަންނަވާނެ ކަމުގެ އިޝާރާތެއް އެ ޕާޓީގެ ޒައީމް އަދި ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް ރޭ ދެއްވައިފި އެވެ.
ލީޑަޝިޕުން ދުރަށް ވަޑައިގަންނަވާނެ ކަމަށް ސީދާ މައުމޫނު ވިދާޅުނުވި ކަމުގައި ވިޔަސް މީގެ ކުރީގެ އެއްވެސް ޖަލްސާއެއްގައި ވަކި ބޭފުޅަކަށް ނިސްބަތްކުރައްވާ ވާހަކަފުޅު ދައްކަވާފައިނުވާ ގޮތަށް ޑީއާރުޕީގެ ނައިބު ޒައީމް އަހުމަދު ތަސްމީން އަލީއާ ބެހޭ ގޮތުން މައުމޫން ވާހަކަފުޅު ދެއްކެވި އެވެ. އޭގެ ތެރޭގައި "ޑީއާރުޕީގެ މުސްތަގުބަލް ބައްޓަން ކުރުމުގަ އާއި އެޕާޓީ އަށް ބޭނުންވާ ތަރައްގީ އާއި ކުރިއެރުން ހޯދައިދިނުމުގައި ތަސްމީނަކީ ގާބިލްކަމާއި ވިސްނުމާއި ފިކުރު ގެންގުޅުއްވާ ބޭފުޅެއް ކަމަށް" ވިދާޅުވި ވިދާޅުވުން ހިމެނެ އެވެ. މިގޮތަށް މައުމޫން ދެއްކެވި ވާހަކަފުޅު، ޑީއާރުޕީ އާއި ސިޔާސީ ބައެއް އެހެން ފަރާތްތަކުން ތަރުޖަމާކުރަނީ، ޑީއާރުޕީގެ ލީޑަޝިޕުން މައުމޫން ދުރަށް ޖެހިވަޑައިގެން ތަސްމީނަށް މަގުކޮއްޓަވައި ދެއްވުމެއް ކަމަށެވެ.
ރޭގެ ޖަލްސާގައި މައުމޫނުގެ ނިންމަވާލައްވަމުން ވިދާޅުވީ "ވަކި ބޭފުޅަކަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވާލަން އަޅުގަނޑު ބޭނުންވޭ" ކަމަށެވެ. އެގޮތުން މައުމޫންގެ ވާހަކަފުޅުގައި ތަސްމީނަށް ވަރަށް ބޮޑަށް ތައުރީފު ކުރެއްވި އެވެ.
މީގެ އިތުރުން މައުމޫން ވިދާޅުވީ ތަސްމީނަކީ ކުރީގެ ސަރުކާރުގައި ވަޒީރެއްގެ ގޮތުގައި ހުންނަވައިގެން އެ މަނިކުފާނަށް ވަރަށް އެހީތެރިކަން ދެއްވި ވަރަށް އިހުލާސްތެރި ބޭފުޅެއް ކަމަށެވެ. އަދި ތަސްމީނަކީ ޑީއާރުޕީ އުފެދުނީއްސުރެ އެ ޕާޓީގެ ކުރިއެރުމާއި ތަރައްގީއަށްޓަކައި ވަރަށް އިސް ދައުރެއް އަދާކުރައްވާފައިވާ އަދި މިހާރު ވެސް އަދާ ކުރައްވާ ރާއްޖޭގެ ސިޔާސީ ތަޖުރިބާ ހުރި، ކަންތައްތަކުގެ އެކޮޅު މިކޮޅު ދެނެވަޑައިގަންނަވާ ވަރުގަދަ ހިތްވަރަކާއި އަޒުމެއްގެ ވެރި ބޭފުޅެއް ކަން ވެސް މައުމޫން ފާހަގަ ކުރެއްވި އެވެ.
ޑީއާރުޕީގެ ތަސައްވުރާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން މައުމޫން ވިދާޅުވީ ދިވެހި ރައްޔިތުންގެ އުއްމީދުތައް ހަގީގަތަކަށް ހަދައިދެވޭނެ ހަމައެކަނި ޕާޓީ އަކީ ޑީއާރުޕީ ކަމަށް އެމަނިކުފާނު ހެޔޮ ހިތުން ގަބޫލު ކުރައްވާ ކަމަށެވެ.
"އަޅުގަނޑުގެ ހިތުގައި ޑީއާރުޕީއާ ދޭތެރޭގައި އުފެދިފައިވާ ތަސައްވުރުގެ އެންމެ މުހިންމު އެއް ބަޔަކީ ޑީއާރުޕީ އަކީ ރާއްޖޭގައި އަބަދުވެސް އޮންނަ އެންމެ ބޮޑު، އެންމެ ގާބިލް ސިޔާސީ ޕާޓީ ކަމުގައި ދެމިއޮތުން. މި ތަސައްވުރު ހަގީގަތަކަށް ހެދޭނީ އަޅުގަނޑުމެން އެންމެން އެކަތިގަނޑަކަށް ވެގެން އެއްބާރުލައިގެން އެއް އަޒުމެއްގައި މަސައްކަތް ކޮށްގެން،" މައުމޫން ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ ތެރޭގައި ތިއްބެވި ސިޔާސީ ގޮތުން ތަޖުރިބާ ހުރި ބޭފުޅުންނާއި އެކިއެކި ރޮނގު ރޮނގުން ތައުލީމާއި މައުލޫމާތު ހާސިލް ކުރައްވައިގެން ތިއްބެވި ބޭފުޅުންނާއި އަޅުގަނޑުމެންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޒުވާނުންނާއި އަދި ރާއްޖެ އަށް އެކި ގޮތްގޮތުން ހިދުމަތް ކޮށްދެއްވާފައިވާ ބޭފުޅުން އަދި އާންމު ރައްޔިތުން، މި އެންމެން ގުޅިގެން މަސައްކަތް ކޮށްގެން. އެންމެން އަތުގުޅާލައިގެން އެއް އަމާޒަކަށް، އެއް މިސްރާބަކަށް ދިއުމަށްޓަކައި އިހުލާސްތެރިކަމާ އެކު މަސައްކަތްތަކެއް ކޮށްގެން."
މައުމޫން ވިދާޅުވީ ޑީއާރުޕީއާ މެދު އެ މަނިކުފާނު ކުރައްވާ އަނެއް ތަސައްވުރަކީ އެއީ ރާއްޖޭގައި އަބަދުވެސް ވެރިކަން ހިންގާ ޕާޓީއަކަށް ވުން ކަމަށެވެ. މައުމޫން ވިދާޅުވީ ޑީއާރުޕީ އަށް އެކަންތައް ހާސިލު ކުރެވޭނީ ވެސް މަސައްކަތްތައް ހަލުއިކޮށް ހަރުދަނާކޮށްގެން، އެކުވެރިކަމާއި އެއްބަނޑު އެއްބަފާކަން އިތުރުކޮށްގެން ކަމަށެވެ.
"]އަބަދުވެސް ވެރިކަން ކުރާ ޕާޓީއަކަށް ޑީއާރުޕީ ވާނީ[ ދިވެހި ރައްޔިތުންގެ ވިންދާ އެއްގޮތަށް މި ޕާޓީގެ ޒުވާން ވިސްނުމާއި ހިޔާލާއި ފިކުރާ އެއްގޮތަށް ޑީއާރުޕީގެ މުސްތަގުބަލް ކުރަހައިގެން. މި ރޮނގުން މި ޕާޓީގެ އުއްމީދީ އަދި ޒުވާން މުސްތަގުބަލް ކުރަހައިދޭން އަދި އެ މުސްތަގުބަލް ބައްޓަން ކޮށްދިނުމުގައި އަޅުގަނޑަށް ކުރެވުނު މަސައްކަތެއް ކޮށްދިނުމަށް ތައްޔާރަށް ހުރި ވާހަކަ މިރޭ ވެސް ދަންނަވާލަން. އަދި އަޅުގަނޑާ އެކީގައި މި ތަސައްވުރު ހަގީގަތަށް ހެދުމަށްޓަކައި ޑީއާރުޕީގެ ނާއިބު ޒައީމުންނާއި ޑީއާރުޕީގެ ކައުންސިލް މެމްބަރުންނާއި ޑީއާރުޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ހުރިހާ ބޭފުޅުން އިހުލާސްތެރިކަމާ އެކު މަސައްކަތް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ވެސް ތި ހުރިހާ ބޭފުޅުންނަށް އަރުވަން،" މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ ދިވެހި ރައްޔިތުން މިއަދު ތިބީ ވަރަށް ބޮޑަށް ބަދަލަކަށް ބޭނުންވެފައި ކަމަށާއި "ދިވެހި ރައްޔިތުން މިވަގުތު ބޭނުންވަނީ ކޮންމެ ކޮންމެ ބަދަލަކަށް ނޫން" ކަމަށެވެ.
"ދިވެހި ރައްޔިތުން ބޭނުންވަނީ ހަގީގަތުގައި ވެސް ހެޔޮ ބަދަލަކަށް. ރާއްޖެ އަށް އިތުރު ކުރިއެރުމާއި ތަރައްގީ ހާސިލް ކޮށްދޭނެ ބަދަލަކަށް. ދިވެހި ރައްޔިތުންގެ އުއްމީދުތައް ހަގީގަތަކަށް ހަދައިދޭނެ ބަދަލަކަށް. އުފާވެރި ކުރިމަގަކަށް މިސްރާބު ޖަހައިދޭނެ އުއްމީދީ ބަދަލަކަށް. މި ބަދަލު ދިވެހި ރައްޔިތުންގެ ޕާޓީން ދިވެހި ރައްޔިތުންނަށްޓަކައި ގެނެސްދޭން އެބަ ޖެހޭ. ދިވެހި ރައްޔިތުން ބޭނުންވެފައި މިވާ ހެޔޮ ބަދަލު ރާއްޖެ އަށް ގެނެވޭނީ އެއްވެސް ޝައްކެތް ނެތް ގޮތުގައި ރާއްޖޭގެ ވެރިކަމަށް ޑީއާރުޕީ އެނބުރި އައިސްގެން. މިކަން މިހެން އޮތުމާ އެކީގައި އަތު ގުޅާލައިގެން އިހުލާސްތެރިކަމާ އެކީގައި މަސައްކަތް ކުރަންވީ ދެން ބޭއްވޭ ރިޔާސީ އިންތިހާބެއްގައި ޑީއާރުޕީ ކާމިޔާބު ކުރުމަށް. ދެން އޮންނަ ރިިޔާސީ އިންތިހާބެއް ޑީއާރުޕީ ކާމިޔާބު ކުރުމަކީ މަޖުބޫރު ކަމެއް. އެ ނޫން އެއްވެސް ގޮތެއް ނެތް. ދިވެހި ރައްޔިތުންނަށް ދިމާވެފައިވާ ވޭންތަކާއި ދަތިތަކުން ސަލާމަތްވާނީ އޭރުން،" މައުމޫން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ