އަހުމަދިއްޔާގެ ޕްރީ ސްކޫލް ހިންގާ އިމާރާތް ބުރާސްފަތި ދުވަހުގެ ނިޔަލަށް ހުސްކުރުމަށް އެޑިއުކޭޝަނުން އަންގައިފި

އަހުމަދިއްޔާގެ ޕްރީ ސްކޫލް ވަގުތީ ގޮތުން ހިންގާ އިމާރާތް އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހުސްކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން އަންގަވައިފި އެވެ.
ޑިސެމްބަރު 27 ވަނަ ދުވަހު އަހުމަދިއްޔާ އަށް އެޑިއުކޭޝަން މިނިސްޓްރީން ފޮނުއްވާފައިވާ ސިޓީއެއްގައިވާ ގޮތުން އަހުމަދިއްޔާގެ ޕްރީ ސްކޫލް ހުސްކުރުމަށް އެންގެވީ އެ ތަން ހިންގަމުން ދަނީ ސީ.އެޗް.އެސް.އީގެ ބިމެއްގައި ކަމަށް ވެފައި، މި އަހަރު އެ ސެންޓަރަށް 800 އަށް ވުރެ ގިނަ ކުދިން ވަންނާނެތީ އެ ކުދިންނަށް ބޭނުންވާ އިތުރު ކުލާސްތައް މި މަހު ތެރޭގައި ފަށަން ނިންމަވާފައި ވާތީ އެވެ.
"އެހެން ކަމުން 10 ޖެނުއަރީ 2008 އަށް، ވަގުތީ ގޮތުން ޕްރީ ސްކޫލް ހިންގެވި ބައި، ހުސް ކުރެއްވުމަށް ދަންނަވަމެވެ. އަދި އަހުމަދިއްޔާގެ ޕްރީ ސްކޫލް ކްލާސްތައް، އަހުމަދިއްޔާގެ އިމާރާތަށް ބަދަލުކުރުމުގައި ޖާގައިގެ ގޮތުން އިތުރު ދަތިތަކެއް ކުރިމަތި ނުވާނެ ގޮތަށް ބައްލަވައިގެން މި އަހަރު ތިޔަ ސްކޫލަށް ކުދިން ވެއްދުމުގެ ކަންތައް ކުރިއަށް ގެންދެވުން ވެސް އެދެމެވެ،" އެޑިއުކޭޝަން މިނިސްޓްރީން ފޮނުއްވި ސިޓީގައިވެ އެވެ.
އެމްއީއެސްގެ ދެކުނަށް އޮންނަ ބިމުގައި އަހުމަދިއްޔާގެ ޕްރީ ސްކޫލު ހިންގުމުގެ ހުއްދަ އެޑިއުކޭޝަން މިނިސްޓްރީން 2005 ވަނަ އަހަރުގެ އޯގަސްޓް މަހު ދެއްވީ، އަހުމަދިއްޔާގެ ހަ ބުރީގެ އާ އިމާރާތުގެ މަސައްކަތް ނުނިމޭތީ ވަގުތީ ގޮތުންނެވެ. އެހެން ނަމަވެސް އެ އިމާރާތުގެ މަސައްކަތް ނިމުނު އިރު ޕްރީ ސްކޫލު ކުދިންގެ ކުލާސްތަކެއް ހަމަޖެހިފައެއް ނެތެވެ.
މި މައްސަލައިގައި އަހުމަދިއްޔާގެ ޑިޕިއުޓީ ޕްރިންސިޕަލް މުހައްމަދު ރަޝީދު ވިދާޅުވީ ޕްރީ ސްކޫލު ހިންގާ އިމާރާތް ހުސްކުރުމަށްޓަކައި އެޑިއުކޭޝަނުން ދެއްވީ ވަރަށް ކުރު މުއްދަތެއް ކަމަށާއި އެ މުއްދަތުގެ ތެރޭގައި އ ެކަން ކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ޕްރީ ސްކޫލް ހުސްކުރުމަށް އެންމެ ގިނަވެގެން ތިން މަސް ދުވަސް ބޭނުންވާނެކަން އޭނާ ފާހަގަ ކުރެއްވި އެވެ.
"އަޅުގަނޑު ވެސް ގަބޫލުކުރަން ޕްރީ ސްކޫލު ހުސްކުރަން ޖެހޭކަން. އެހެން ނަމަވެސް މިހާ ކުރު ނޯޓިސްއެއްގައި މި ކަމެއް ނުކުރެވޭނެ. ޕްރީ ސްކޫލަށްޓަކައި އަހުމަދިއްޔާގެ މައި އިމާރާތުގައި އެހެން ވަސީލަތްތައް ގާއިމްކޮށް ދޭން އެބަ ޖެހޭ. އޭގެ އިތުރުން އަހުމަދިއްޔާ އިން މިހާރުން މިހާރަށް ޕްރީ ސްކޫލަށް ޖާގަ ދެވެން އޮތީ ފަސް ކްލާސް ރޫމުން. އެކަމަކު ޕްރީ ސްކޫލަށް އެބަ ބޭނުންވޭ 12 ކްލާސް ރޫމް. އަނެއްކާ ދިގު މުއްދަތަކަށް ބަލާއިރު 15 ކްލާސް ރޫމް އެބަ ބޭނުންވޭ. އޭރުން ގްރޭޑް ކްލާސްތަކުން 450 އެއްހާ ކުދިން މަދު ކުރަން ޖެހޭނެ،" ރަޝީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަހުމަދިއްޔާގެ ޕްރީ ސްކޫލުގައި މިހާރު 900 ކުދިން ކިޔަވަމުންދާއިރު، އެ ކުދިން އަހުމަދިއްޔާގެ މައި އިމާރާތަށް ބަދަލުކުރާއިރު ޕްރީ ސްކޫލް ޓީޗަރުންގެ ސްޓާފް ރޫމާއި ޕްރީ ސްކޫލް ކުދިންނަށް ފާހާނާތަކާއި ކެންޓީނު ފަދަ ވަސީލަތްތައް ގާއިމްކުރަން ޖެހޭ ކަމަށާއި މިހާ ކުރު މުއްދަތެއްގެ ތެރޭގައި އެއީ ކުރެއްވޭނެ ކަމެއް ނޫން ކަމަށެވެ.
"އެހެންވެ އަޅުގަނޑު އަދި އެއްވެސް ކަމެއް ނުކުރަން. އަޅުގަނޑަށް އެނގޭ އެއްޗަކީ މި މަހުގެ 10 ގައި ޕްރީ ސްކޫލު ހުސް ކުރާ ކަމަށް ވަނީ ނަމަ، އެ ކުލާސްތައް ވަގުތީ ގޮތުން ނަމަވެސް ހުއްޓާލަން ޖެހިދާނެކަން،" ރަޝީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސްކޫލަށް އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ގްރޭޑް ކްލާސްތަކުން ކަމަށްވާއިރު، އެ ކުލާސްތަކުން 400 އަށް ވުރެ ގިނަ ކުދިން މަދުކޮށްލުމަކީ ލިބިގެންދާނެ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ. އެހެން ނަމަވެސް ޕްރީ ސްކޫލު ބަދަލުކުރުމާއެކު، ލިބޭނެ ގެއްލުން ފޫބެއްދުމަށްޓަކައި ސްކޫލުގެ ފީ ބޮޑުކޮށްދޭނެ ކަމަށާއި އަހުމަދިއްޔާ އިން ފީ ބޮޑުކުރުމަށް ބޭނުންވާ އަދަދެއް ހުށަހެޅުމުގެ ފުރުސަތު ވެސް އެޑިއުކޭޝަނުން ވަނީ ދެއްވައިފަ އެވެ. އެހެން ނަމަވެސް އަދި އެ އަދަދެއް އަހުމަދިއްޔާ އިން ހުށަހެއް ނާޅަ އެވެ.
ރަޝީދު ވިދާޅުވި ގޮތުގައި ޕްރީ ސްކޫލަށް ބިމެއް ލިބޭތޯ ބެލުމަށްޓަކައި ހައުސިން މިނިސްޓްރީ އަށް ހުށަހެޅުއްވި ނަމަވެސް އެކަން ވެސް ކާމިޔާބުވާ ގޮތެއް ނުވި އެވެ.
"އެޑިއުކޭޝަނުން ވިދާޅުވަނީ އެއްވެސް ޕްރީ ސްކޫލަކަށް އެ މިނިސްޓްރީން ބިމެއް ދީފައި ނުވާނެ ކަމަށް. އެކަން ނުކުރެވޭނެ ކަމަށް. ހައުސިން މިނިސްޓްރީން ވިދާޅުވަނީ މާލޭގެ ބިމުގެ ދަތިކަން ހުރި ގޮތުން ބިމެއް ދެވޭކަށް ނެތޭ،" އޭނާ ވިދާޅުވި އެވެ.
އެއްވެސް ޕްރީ ސްކޫލަކަށް ބިމެއް ދީފައި ނުވާނެ ކަމަށް އެޑިއުކޭޝަނުން އަހުމަދިއްޔާ އަށް އަންގަވާފައިވީ ނަމަވެސް، ހެންވޭރު އަވަށު މަދަރުސާ، އަމީރު އަހުމަދުގެ ޕްރީ ސްކޫލު ހިންގަމުންދަނީ ވަކި ބިމެއްގަ އެވެ. ހެންވޭރު ޝަހީދު އަލީ މިސްކިތާ އިންވެގެން އޮންނަ އެ ބިން އަމީރު އަހުމަދުގެ ޕްރީ ސްކޫލަށް ދެއްވި އުސޫލެއް ނޭނގޭކަން ރަޝީދު ވެސް ފާހަގަ ކުރެއްވި އެވެ.
އަހުމަދިއްޔާގެ ޕްރީ ސްކޫލުގެ މައްސަލައިގައި އެޑިއުކޭޝަން މިނިސްޓްރީގެ އިސްވެރިއަކު ވިދާޅުވީ ގްރޭޑް ކްލާސްތަކަށް ކުދިން އިތުރު ކުރުމަކީ އަހުމަދިއްޔާގެ މައްސަލައެއް ކަމަށާއި ހުރިހާ މައްސަލައެއް ވެސް ފެންމަތިވީ އެކަން އެ ގޮތަށް ކުރުމުން ކަމަށެވެ.
އަހުމަދިއްޔާގެ ޑިޕިއުޓީ ޕްރިންސިޕަލް ރަޝީދު ވިދާޅުވީ އެ ސްކޫލަށް އަލަށް އިތުރުކުރި ހަ ބުރީގެ އިމާރާތުގެ މަސައްކަތް ކުރެއްވީ ސަރުކާރުގެ ހަރަދުގައި ކަމަށާއި ކަންތައްތައް އެ އިމާރާތުގައި ކޭޓަ ކުރެވޭނެ މިންވަރާއި ގޮތްތައް ވެސް އެޑިއުކޭޝަނަށް އެނގިވަޑައި ގަންނަވާނެ ކަމަށެވެ.
"މިދިޔަ ޑިސެމްބަރު މަހު 16 ވަނަ ދުވަހު އެޑިއުކޭޝަނަށް އަޅުގަނޑު ގެންދެވި. އެ ދުވަހު ވެސް ވިދާޅެއް ނުވޭ ޕްރީ ސްކޫލު ހުސްކުރަންޖެހޭނެ ދުވަހެއް. ވިދާޅުވަނީ ހުސްކުރަން ޖެހިދާނެ އޭ. ސީ.އެޗް.އެސް.އީގެ ޖާގައިގެ މައްސަލަތައް ވަރަށް ބޮޑޭ. އެހެން ވިދާޅުވެފައި އަދި ޕްރީ ސްކޫލު ހުސްކުރަން ސިޓީ މި ފޮނުވީ ޑިސެމްބަރު 27 ގައި. ކުރު މުއްދަތެއްގައި އެކަން ކުރެވޭނެތޯ؟،" ރަޝީދު ސުވާލު ކުރެއްވި އެވެ.
އެޑިއުކޭޝަނުން އަހުމަދިއްޔާ އަށް ފޮނުއްވާފައިވާ ސިޓީގައި ވިދާޅުވެފައި ވަނީ ޑިސެމްބަރު 17 އަދި 24 ގައި އެ މިނިސްޓްރީގެ ޓީމެއް އަހުމަދިއްޔާ އަށް ފޮނުއްވައިގެން އެއްކުރި މައުލޫމާތުތަކުން، އެ ސްކޫލަށް ޕްރީ ސްކޫލުގެ ކުލާސްތައް ބަދަލުކުރެވިދާނެކަން އެނގޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ