ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމު ކެމްޕޭން ކުރެއްވުމަށް ސ. މަރަދޫފޭދޫގައި ހުޅުވި ކެމްޕޭނު އޮފީހުގެ ކުލި ކުއްލިއަކަށް ހަތް ގުނަ ބޮޑުކުރުމުން، ކެމްޕޭން އޮފީސް އެހެން ތަނަކަށް ބަދަލުކޮށްފި އެވެ.
މަރަދޫފޭދޫ، ޖޭޒަންގައި ހުޅުވި ކެމްޕޭން އޮފީހުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ބޭފުޅަކު މިއަދު ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހު ގާސިމް އައްޑު އަށް ވަޑައިގެން ހުޅުއްވައިދެއްވި އޮފީސް އެހެން ސަރަހައްދަކަށް ބަދަލުކުރީ، 2،000ރ. އަށް ހިފިތަން 15،000ރ. އަށް ބޮޑުކުރުމުން ކަމަށެވެ. އެއީ 650 ޕަސަންޓް ނުވަތަ ހަތް ގުނަ ބޮޑު އަދެދެކެވެ.
"ކުރިން އޭނާ ކިޔައިފައި އޮތީ ދެ ހާސް ރުފިޔާ. އަޅުގަނޑުމެން އޮންނާނީ އެތަނުގެ ފުރަތަމަ ކުލި ވެސް އޭނާއާ ހަވާލުކޮށްފައި،" ލާރިއާ ހަވާލުވި ކަމަށް ވެރިފަރާތުން ސޮއިކޮށްފައިވާ ފޮތް ވެސް ދައްކަމުން އޭނާ ވިދާޅުވި އެވެ. "އެހެން ނަމަވެސް ރޭ އޭނާ އައިސް ބުނީ ތިމަންނަ ބޭނުން ވަނީ 15،000ރ. އަށް ކުލި ބޮޑުކުރާށޭ. އެކަމަކު އެގޮތަށް އަޅުގަނޑުމެން އެއްބަސްނުވުމުން އޭނާ އެތަން ނަގަން ބޭނުންވީ. އެހެންވެ އަޅުގަޑުމެން އެހެން ތަނަކަށް ބަދަލުވެ، އޮފީހުގެ ކުލަ ވެސް މިއަދު ލާނަން."
ކުލި ބޮޑުކޮށްނުދިނުމާ ގުޅިގެން، ވެރިފަރާތުން އެތަން ނަގަން ބޭނުންވުމުން ކެމްޕޭން އޮފީހަށް ޕާޓީގެ ފަރާތުން ވައްދައިފައި ހުރި ތަކެތި އެތަނުން ނަގައި ނަން ބޯޑު ވެސް ވަނީ ނައްޓާލައިފަ އެވެ.
"އަސްލު އޭނާ ބޭނުންވީ އެގްރިމެންޓެއް ނަހަދައި އަގު ބޮޑުކުރަން. އެކަމަކު އަޅުގަނޑުމެން މިއުޅެނީ ލާރި ބަހާކަށެއް ނޫން،" އޭނާ ވިދާޅުވި އެވެ.
މިކަމާ ބެހޭ ގޮތުން ގޭގެ ވެރިފަރާތް ކަމަށްވާ މުހައްމަދު ނަޖީބު މިއަދު ބުނީ އެއްވެސް ވާހަކައެއް ދައްކަން ބޭނުންނުވާ ކަމަށެވެ.
ޖުމްހޫރީ ޕާޓީގެ ކެމްޕޭން ކުރިއަށްގެންދިއުމަށް މިއަތޮޅުގެ ހުރިހާ ރަށެއްގައި ވަނީ ކެމްޕޭން އޮފީސްތައް ހުޅުވައިފަ އެވެ.
ރިޔާސީ އިންތިހާބު 2008: ގާސިމުގެ މަރަދޫފޭދޫ ކެމްޕޭން އޮފީހުގެ ކުލި ހަތް ގުނަ ބޮޑުކުރުމުން އޮފީސް އެހެން ތަނަކަށް ބަދަލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ