އާ ގާނޫނު އަސާސީގައި ބުނާ އިންތިގާލީ މަރުހަލާގައި އުފައްދަންޖެހޭ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި އައްޔަން ކުރެއްވުމަށްޓަކައި ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ފަސް ބޭފުޅުންގެ ނަންތައް ބުރާސްފަތި ދުވަހު އޮތް އެ މަޖިލީހުގެ ޖަލްސާ އިން ފާސްކޮށްފި އެވެ.
ހޫނު ބަހުސްތަކަކަށް ފަހު ކޮންމެ ނަމަކަށް ވަކިވަކިން ވޯޓަށް އަހައިގެން ފާސްވި ފަސް ނަމަކީ އަލްއުސްތާޒު އަހުމަދު ފާއިޒު ހުސައިން )ހދ. ވައިކަރަދޫ، ވައިޖެހޭގެ(، އަލްއުސްތާޒު އަބްދުﷲ ސައީދު، )ދަފްތަރު، 1040(، އައްޝައިޚު އަބްދުﷲ ޢަރީފް، )އއ. ތޮއްޑޫ، ނޫރާނީމާގެ(، އަލްއުސްތާޒު މުޖުތާޒު ފަހުމީ )މ. އަފްޒާ( އާއި އައްޝައިޚް ޔޫސުފު ހުސެއިން )ދަފްތަރު 8181( އެވެ.
މި ބޭފުޅުންގެ ތެރެއިން ފާއިޒަށް ލިބިވަޑައިގަތީ ވޯޓުގައި ބައިވެރިވި 32 މެންބަރުންގެ ތެރެއިން 31 މެންބަރުންގެ ތާއީދެވެ. އަބްދުﷲ ސައީދަށް ވެސް ލިބިވަޑައިގަތީ ވޯޓުގައި ބައިވެރިވި 32 މެންބަރުންގެ ތެރެއިން 31 މެންބަރުންގެ ތާއީދެވެ. އަރީފަށް ލިބިވަޑައިގަތީ ވޯޓުގައި ބައިވެރިވި 32 މެންބަރުންގެ ތެރެއިން 29 މެންބަރުންގެ ތާއީދެވެ. މުޖްތާޒަށް ލިބިވަޑައިގަތީ ވޯޓުގައި ބައިވެރިވި 31 މެންބަރުންގެ ތެރެއިން 28 މެންބަރުންގެ ތާއީދެވެ. ޔޫސުފް ހުސައިނަށް ވެސް ލިބިވަޑައިގަތީ ވޯޓުގައި ބައިވެރިވި 31 މެންބަރުންގެ ތެރެއިން 28 މެންބަރުންގެ ތާއީދެވެ.
މި ޖަލްސާ ހެނދުނު 00: 10 ގައި ފެށުނީއްސުރެ 50: 12 ގައި ނިންމަންދެން ވެސް، ގިނަ މެންބަރުން ވަނީ މި ނަންފުޅުތައް މަޖިލީހުން ދިރާސާކޮށްފައިނުވާތީ ވޯޓަށް ނުއެހޭނެ ކަމަށާއި އަލުން ދިރާސާކުރުމަށް ކޮމިޓީއަކަށް ފޮނުވުމަށް ވާހަކަފުޅު ދައްކަވައިފަ އެވެ. އެ ގޮތުން މި ނަންތައް ދިރާސާކުރުމަށް އަލުން ކޮމިޓީއެއް ނަގައިގެން އެކަން ކުރުމަށް ތ. މެންބަރު މުހައްމަދު ޝަރީފް ހުށަހަޅުއްވުމުން ބައެއް މެންބަރުން އެ ހުށަހެޅުމަށް ތާއީދު ވެސް ކުރެއްވި އެވެ.
ނަމަވެސް ޝަރީފްގެ މި ހުށަހެޅުމަށް ވޯޓަށް އެހުމުން ހާޒިރުވެ ތިއްބެވި 41 މެންބަރުންގެ ތެރެއިން 39 މެންބަރުން ވޯޓުގައި ބައިވެރިވެގެން އެ ހުށަހެޅުމާ އެއްކޮޅަށް ލިބުނީ އެންމެ ނުވަ ވޯޓެވެ. އަލުން ކޮމިޓީއަކަށް ފޮނުވުމަށް ފާސްނުވުމުން، ދިރާސާކުރި ކޮމިޓީން ހުށަހަޅާފައިވާ ގޮތަށް ވަކިވަކި ނަންތަކަށް ވޯޓަށް އެހުމަށް ރިއާސަތުން ތައްޔާރުވުމާ އެކު، ކ. މެންބަރު މާރިޔާ އަހްމަދު ދީދީ އާއި ތ. މެންބަރު ހަސަން އަފީފާއި ގއ. މެންބަރު އަބްދުﷲ ޖާބިރާއި ޅ. މެންބަރު އިބްރާހީމް މުހައްމަދު ސޯލިހާއި ލ. މެންބަރު މޫސާ މަނިކާއި ވ. މެންބަރު އިސްމާއީލް ޝިހާބު މަޖިލިސް ދޫކުރައްވައި ނުކުމެވަޑައިގެންނެވި އެވެ.
މިހެންވުމުން ވޯޓު ނެގިއިރު މަޖިލީހުގައި ހާޒިރުވެ ތިއްބެވީ ޑީއާރްޕީގެ މެންބަރުންނާއި ޕީއޭގެ މެންބަރުންގެ އިތުރުން ޖުމްހޫރީ ޕާޓީގެ ދެ މެންބަރަކާއި އެސްއެލްޕީގެ މެންބަރަކާއި ވަކި ޕާޓީއަކަށް ނިސްބަތްނުވާ ދެ މެންބަރެކެވެ.
ކޮމިޓީގެ ނިންމެވުމާ އެއްގޮތަށް ވޯޓު ނެގުމަށް އިދިކޮޅު ގިނަ މެންބަރުންތަކެއް ވާހަކަފުޅު ދެއްކެވި ނަމަވެސް، އެކަމަށް ތާއީދުކުރައްވައި ދެތިން މެންބަރަކު މެނުވީ ވާހަކައެއް ނުދައްކަވަ އެވެ. ސަރުކާރަށް ނިސްބަތްވާ މެންބަރުންނާއި ޑީއާރްޕީގެ ގިނަ މެންބަރުން މި ބަހުސްގައި ބައިވެރިވެވަޑައެއްނުގަންނަވަ އެވެ.
މި ނަންތަކަށް ވޯޓަށް އެހުމަށް ދެކޮޅުހެއްދެވި ބޭފުޅުން ވިދާޅުވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނަންތައް ފޮނުއްވާފައިވާ ބޭފުޅުންނަކީ ކޮން ބައެއްކަން ރަނގަޅަށް އެނގިގެން ނޫނީ، ރައްޔިތުންގެ މަސްލަހަތު އޮތް މިފަދަ ބޮޑު ކަމެއް ނިންމުމަށް ވޯޓު ނުދެވޭނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ނަންތައް ދިރާސާކުރުމަށް މަޖިލީހުން އިއްޔެ ހޮވި ހަތް މެންބަރުންގެ ވަގުތީ ކޮމިޓީން އެ ނަންތަކާ މެދު ނިންމެވި ގޮތުގެ ރިޕޯޓް ހުށަހަޅުއްވަމުން އެ ކޮމިޓީގެ މުގައްރިރު ފ. މެންބަރު އަހްމަދު ހަމްޒާ ވިދާޅުވީ ކޮމިޓީގެ މަރުހަލާގައި ނަންތައް ދިރާސާކުރަން ބެލިއިރު، ޖުޑީޝަލް ސާވިސް ކޮމިޝަނުން މި ނަންތަކާ މެދު ރައީސުލްޖުމްހޫރިއްޔާ އަށް ފޮނުއްވި މައުލޫމާތުތައް ކޮމިޓީ އަށް ލިބޭގޮތް ނުވުމުން ނަންތަކާ މެދު އިތުރު ދިރާސާއެއް ކުރެވިފައިނުވާ ކަމަށެވެ. އަދި އެ މައުލޫމާތު ހޯދުމަށް ޖުޑީޝަލް ސާވިސް ކޮމިޝަންގައި އެދުމުން އެ ކޮމިޝަނުން ކޮމިޓީ އަށް ޖަވާބު ދީފައިވަނީ އެ މައުލޫމާތުތަކަކީ ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ އަށް އަރުވަންޖެހޭ މައުލޫމާތުތަކެއް ކަމުގަ އެވެ.
މި މައްސަލައިގައި ވާހަކަ ދައްކަވަމުން ތ. މެންބަރު އަފީފް ވިދާޅުވީ މަޖިލީހުން އެ ނަންތަކާ މެދު ގޮތެއް ނިންމުމުގެ ކުރިން އެ ބޭފުޅުންގެ އިލްމީ ގާބިލްކަމާއި ޝަރުއީ ދާއިރާގައި އެ ބޭފުޅުން ކުރިން ކަންކުރައްވާފައިވާ ގޮތް ބަލައި ދިރާސާކުރަންޖެހޭނެ ކަމަށެވެ. އަދި ޖުޑީޝަލް ސާވިސް ކޮމިޝަނުން އެ މައުލޫމާތުތައް ފޯރުކޮށްދީފައިނުވާތީ އެކަމާ ދެކޮޅު ހެއްދެވި އެވެ.
އަފީފް ވިދާޅުވީ ޖުޑީޝަލް ސާވިސް ކޮމިޝަން އުފެދުނުތާ އެތައް ދުވަހެއް ވީއިރު ވެސް އެންމެ ފަހު ވަގުތުގައި ނޫނީ ރައީސުލްޖުމްހޫރިއްޔާ، ސުޕްރީމް ކޯޓަށް އައްޔަންކުރަން ބޭނުންފުޅުވާ ބޭފުޅުންގެ ނަންތައް މަޖިލީހަށް ހުށަހަޅުއްވާފައިނުވާ ކަމަށެވެ. އަދި ހިއުމަން ރައިޓްސް ކޮމިޝަނަށް ނަންތައް ހުށަހެޅުއްވީ ވެސް އެންމެ ފަހު ވަގުތުގައި ކަމަށް ވިދާޅުވެ އެކަމަށް ފާޑުވިދާޅުވި އެވެ.
އައްޑޫ މެންބަރު މުހައްމަދު އަސްލަމް ވެސް ވިދާޅުވީ، ވޯޓު ދެވޭއިރު ވޯޓު ދެވެނީ ކޮން ފެންވަރެއްގެ ބޭފުޅުންނަކަށްކަން އެނގެންޖެހޭނެ ކަމަށެވެ. އަދި ނަންތައް ހުށަހަޅާއިރު ރައީސް އޮފީހުން ފޮނުވާ ވަނަވަރުގެ އިތުރުން ވެސް އެތައް މައުލޫމާތެއް އޮޅުންފިލަންޖެހޭނެ ކަމަށެވެ. އަދި މިއީ ވަކި މީހަކާ ބެހޭ ގޮތުން ނެގޭ ވޯޓަކަށް ވާތީ މި ވޯޓު ސިއްރު ވޯޓެއްގެ ގޮތުގައި ނަގައިދިނުމަށް އޭނާ ހުށަހެޅުއްވި އެވެ. ކ. މެންބަރު މާރިޔާ މި ހުށަހެޅުމަށް ތާއީދުކުރެއްވި އެވެ.
ތ. މެންބަރު މުހައްމަދު ޝަރީފް ވިދާޅުވީ، ދިރާސާކުރަން ކޮމިޓީއެއް ނެގި ނަމަވެސް އެ ކޮމިޓީން މި ނަންތަކާ މެދު އެއްވެސް ދިރާސާއެއް ކޮށްފައިނުވާ ކަމަށެވެ. އޭނާ ވިދާޅުވީ، ޖުޑީޝަލް ކޮމިޝަނުން އެ މައުލޫމާތު ނުދޭ ނަމަ އެ ފަސް ބޭފުޅުން ކޮމިޓީ އަށް ހާޒިރުކޮށް ސުވާލުކޮށް ބޭނުންވާ މައުލޫމާތު ހޯދަންޖެހޭނެ ކަމަށެވެ.
ދ. މެންބަރު އަހްމަދު ސިޔާމް މުހައްމަދު ވިދާޅުވީ ރައީސް ހުށަހަޅުއްވާފައިވާ ނަންތަކަކީ އެ ކަމަށް އެންމެ ގާބިލު ބޭފުޅުން ކަމަށް ގަބޫލުކުރައްވާ ކަމަށާއި ކޮންމެ ބަޔަކު އެ މަގާމަށް ހޮވުނު ކަމުގައި ވިޔަސް، ރައްޔިތުންގެ މެދުގައި ހަމަހަމަކަމާއި އަދުލު އިންސާފުން ކަންތައްކުރަންވާނެ ކަމަށެވެ. އެހެން ނޫންނަމަ އެ ބަޔަކަށް ﷲގެ ގަދަފަދަ ކޯފާ އާއި އަޒާބު ލިބޭނެ ކަމަށް ކީރިތި ޤުރްއާނުގައި އިންޒާރުކުރައްވާފައިވާ ކަމަށެވެ.
ކ. މެންބަރު މާރިޔާ ވިދާޅުވީ، މަޖިލީހުގައި ތިއްބަވަނީ ރައްޔިތުންގެ މަންދޫބުން ކަމަށް ވާތީ ޖުޑީޝަލް ސާވިސް ކޮމިޝަނުން ފަނޑިޔާރުންނާ މެދު ބަލާ ގޮތްތައް ނޫން އެތައް ގޮތަކުން ބަލައި އެތައް މައުލޫމާތެއް މަޖިލީހުގެ މެންބަރުން ހޯދަންޖެހޭ ކަމަށެވެ. އަދި މި ފަސް ނަމާ މެދު ކިތަންމެ ރަނގަޅަށް ކަންތައްކުރަން ކޮމިޓީން ބޭނުންވިޔަސް އެކަމަށް ވަގުތު ނެތް ކަމަށެވެ.
ޅ. މެންބަރު އަހްމަދު މުހައްމަދު ވިދާޅުވީ ޖުޑީޝަލް ސާވިސް ކޮމިޝަނަކީ ވެސް މުސްތަގިއްލު މުއައްސަސާއަކަށް ވާތީ އެ ކޮމިޝަންގެ ނިންމުމަށް ވެސް އިތުބާރުކުރަންޖެހޭނެ ކަމަށާއި ރައީސް ހުށަހަޅުއްވާފައިވާ ފަސް ނަމަކީ އެ މަގާމުގެ މަސްއޫލިއްޔަތު އުފުލޭވަރުގެ އިލްމީ ގާބިލުކަމާއި ފަންނީ ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި ބޭފުޅުން ކަމަށެވެ.
މާލޭ މެންބަރު އިބްރާހީމް އިސްމާއީލް )އިބުރާ( ވިދާޅުވީ، ހުރިހާ މައްސަލައެއް ވެސް މެދުވެރިވެގެން އުޅެނީ ރައްޔިތުންނަށް ނުތަކާވަރުގެ ތާރީޚެއް )ރިއާސީ އިންތިޚާބު ބާއްވަންޖެހޭ ތާރީޚް( ރައްޔިތުންގެ ބޮލަށް ފެތިގެން ކަމަށެވެ. އެ ތާރީޚަށް ) 10 އޮކްޓޫބަރު( ހުރިހާ ކަމެއް ނިންމަން ފައިވިއްދާފައި މަސައްކަތްކުރުމުން އެއްވެސް ކަމެއް ފުރިހަމައަށް ނުކުރެވޭ ކަމަށް އިބްރާ ވިދާޅުވި އެވެ.
އިބްރާ ވިދާޅުވީ މިހާރު ވެސް ވަރަށް ގިނަ މައްސަލަތައް ސުޕްރީމް ކޯޓަށް އިސްތިއުނާފަށް ހުށަހެޅިފައިވާއިރު، އެ ކޯޓަށް އައްޔަންކުރަން މި އުޅޭ ބޭފުޅުންނަކީ އެ މައްސަލަތައް ދަށު ކޯޓުތަކުން ނިންމެވި ބޭފުޅުން ކަމަށެވެ.
"ދަށު ކޯޓުގައި ހުކުމްކުރުމަށް ފަހު އެ މައްސަލަތައް އިސްތިއުނާފަށް ހުށަހަޅަންވާއިރަށް ދުވެލާފައި އައިސް މި ވަންނަނީ ސުޕްރީމް ކޯޓަށް. މި މީހުންނޭ ދަށު ކޯޓުތަކުގައި ވެސް ޝަރީއަތްތައް ހިންގާފައި ވަނީ،" އިބްރާ ވިދާޅުވި އެވެ.
ގއ. މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވީ، ދެތިން މީހަކު ވެރިކަމަށް ކުރިމަތިލައިގެން އުޅުނެއް ކަމަކު ހުރިހާ ކަމެއް ކުރުގަޅުވާލައިގެން ކުރަން ނުޖެހޭނެ ކަމަށެވެ. އޭގެ ބަދަލުގައި ރައްޔިތުންގެ މަސްލަހަތު ހިމެނިފައިވާ ކަންކަން ނިންމަންޖެހޭނީ އެކަށީގެންވާ ވަގުތު ނަގައިގެން ރަނގަޅަށް އިންސާފުން ކަމަށެވެ. އަދި ޖުޑީޝަލް ސާވިސް ކޮމިޝަނުން ހޮވާފައިވާ ނަންތަކަކީ އެ ކަމަށް ކިހާ ގާބިލު ބޭފުޅުންނެއް ކަމެއް ވެސް މަޖިލީހަށް ނޭނގޭ ކަމަށެވެ.
ގދ. މެންބަރު އައްބާސް އިބްރާހީމް ވިދާޅުވީ، މަޖިލީހަށް ހުށަހެޅިފައިވާ ފަސް ބޭފުޅުންނަކީ ވެސް އެކަމަށް އެންމެ ގާބިލު ބޭފުޅުން ކަމަށެވެ. އަދި މި ކަމުގައި މަޖިލީހުގެ ވާޖިބަކަށް އޮތީ، ޖުޑީޝަލް ސާވިސް ކޮމިޝަންގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާ ނަންތަކަށް ވޯޓް ނެގުން ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެންބަރު އަދި ޖުޑީޝަލް ސާވިސް ކޮމިޝަންގެ ރައީސް އަހުމަދު ޒާހިރު )ސީނާ( ވިދާޅުވީ، އެ ކޮމިޝަނަށް ލިބުނީ އެންމެ ހަ ދުވަސް ކަމަށާއި އެހާ ކުރު މުއްދަތެއްގައި މަސައްކަތް ނިންމަންޖެހުމުން ވަރަށް ގިނަ ދަތިތަކެއް ކުރިމަތިވި ކަމަށެވެ. ނަމަވެސް 300 އަށް ވުރެ ގިނަ ވަކީލުންނާއި ފަނޑިޔާރުންގެ މައުލޫމާތު ދިރާސާކުރައްވައި ޝަރުތު ހަމަވާ 42 ބޭފުޅެއް ހޮވައިލުމަށްފަހު އިތުރަށް މައުލޫމާތު ސާފުކުރެއްވި ކަމަށެވެ. އަދި އޭގެ ތެރެއިން 10 ނުވަތަ 11 ބޭފުޅުންގެ ނަންތައް ކަމާ ބެހޭ ފަރާތަށް ހުށަހަޅުއްވާފައިވާނެ ކަމަށެވެ.
ދިރާސާކުރި ކޮމިޓީ އަށް ކޮމިޝަނުން އެ މައުލޫމާތުތައް ނުދިން މައްސަލައާ ބެހޭ ގޮތުން ޒާހިރު ވިދާޅުވީ، އެ ކޮމިޝަނުން އެ ބޭފުޅުންގެ މައުލޫމާތު ސާފުކޮށް އެ މަސައްކަތްކުރީ މަޖިލީހުން އެންގި އެންގުމަކަށް ނޫން ކަމަށާއި އެއީ ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ އަށް ލަފާއެެރުވުމުގެ ގޮތުން ކުރި މަސައްކަތެއް ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހަކީ ވެސް ވަކި ހުދޫދެއް އޮންނަ ތަނެއް ކަމަށާއި ތިން ބާރު ވަކިކުރެވިފައިވާއިރު އެއް ބާރު އަނެއް ބާރެއްގެ މައްޗަށް އަރައިގަތުމެއް ނޯންނަ ކަމަށް ވެސް ޒާހިރު ވިދާޅުވި އެވެ.
އިންތިގާލީ މަރުހަލާގައި މަޖިލީހުން ކުރަންޖެހޭ ކަންތަކުގެ ތެރެއިން މިހާރު ނުނިމި އޮތީ، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ބިލް ފާސްކުރުމާއި އެ ކޮމިޝަނަށް މެންބަރުން އައްޔަންކުރުމުގެ މަސައްކަތެވެ. އެ ކޮމިޝަން އެކުލަވާލަންޖެހެނީ ގާނޫނު އަސާސީ އަށް އަމަލުކުރަން ފަށާތާ 60 ދުވަހުގެ ތެރޭގަ އެވެ. އެ މުއްދަތު ހަމަވާނީ އަންނަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށެވެ.
10: 13
އިންތިގާލީ މަރުހަލާގައި ގާއިމުކުރަންޖެހޭ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި ކަނޑައެޅުމަށް ރައީސުލް ޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ފަސް ނަން މިއަދު ހެނދުނު އޮތް އެ މަޖިލީހުގެ ޖަލްސާ އިން ފާސްކޮށްފި އެވެ.
އެ ފަސް ބޭފުޅުންނަކީ އަލްއުސްތާޒު އަހުމަދު ފާއިޒު ހުސައިނާއި އަލްއުސްތާޒު އަބްދުﷲ ސައީދާއި އައްޝައިހު އަބްދުﷲ އަރީފާއި އަލްއުސްތާޒު މުޖުތާޒު ފަހުމީ އާއި އައްޝައިހު ޔޫސުފު ހުސެއިނެވެ.
(އިތުރު ތަފްސީލު އަންނަނީ...)
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ: ހޫނު ބަހުސްތަކަކަށް ފަހު، ސުޕްރީމް ކޯޓަށް ކަނޑައަޅާ ފަނޑިޔާރުންގެ ނަންތައް ފާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ