މިރޭގެ މުޒާހަރާގައި ރައީސް މައުމޫން ބައިވެރިވެވަޑައިގަންނަވާނެ

އިދިކޮޅު ޑީއާރުޕީގެ ކައުންސިލުން ފާސްކޮށްގެން މިރޭ ސަރުކާރާ ދެކޮޅަށް ބާއްވާ މުޒާހަރާގައި، އެ ޕާޓީގެ ޒައީމް އަދި ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ބައިވެރިވެވަޑައިގަންނަވާނެ ކަމަށާއި އެ މުޒާހަރާގައި ބައިވެރިވެވަޑައިގަންނަވަނީ ޕާޓީގެ ވަހުދަތު ގާއިމްކުރެއްވުމަށް ކަމަށް އެ މަނިކުފާނު މިއަދު ވިދާޅުވެއްޖެ އެވެ. އަދި މިއީ ޑީއާރުޕީގެ މުޒާހިރާއެއްގައި ރައީސް މައުމޫން ބައިވެރިވެ ވަޑައިގަންނަވާ ފުރަތަމަ ފަހަރު ވެސް މެ އެވެ.
ޖެނުއަރީ ،29 2010 އިން ފެށިގެން ސިޔާސީ ކަންކަމުން ދުރަށް ވަޑައިގެންފައިވާ މައުމޫން މިއަދު "ހަވީރަ" ށް ވިދާޅުވީ "މައްކާރު ސަރުކާރު" ގެ ނަމުގައި ބާއްވާ މި މުޒާހަރާގައި އެ މަނިކުފާނު ބައިވެރިވެވަޑައިގަންނަވަނީ އެއްވެސް ގޮތަކުން ސިޔާސީ ގޮތުން ނޫން ކަމަށެވެ.
"އަޅުގަނޑު އެ މުޒާހަރާގައި ވާހަކައެއް ނުދައްކާނަން. މިހާރު ޕާޓީގެ ކަންތައްތައް ހުރި ގޮތުން ހުރިހާ އެންމެން އެއް ތަނަކުން ފެނި ޕާޓީގެ ވަހުދަތު ގާއިމްކުރަން އެބަޖެހޭ. ޕާޓީގެ ޒައީމްގެ ހައިސިއްޔަތުން ޕާޓީގެ ވަހުދަތު ގާއިމްކުރުމަކީ އަޅުގަނޑު ކުރަންޖެހޭ ކަމެއް،" ރައީސް މައުމޫން ވިދާޅުވި އެވެ. "އަޅުގަނޑު މިރޭ މި ދަނީ އެއްގޮތަކަށް ވެސް ސިޔާސީކަމެއް ކުރާކަށް ނޫން."
މިރޭ 00: 9 ގައި ބާއްވާ މި މުޒާހަރާގައި ރައީސް މައުމޫން ބައިވެރިވެވަޑައިގަންނަވާއިރު، ޕާޓީގެ ލީޑަޝިޕްގައި މިހާރު އުފެދިފައިވާ ދެބަސްވުންތަކާ ގުޅިގެން އެ މަނިކުފާނު އެއްވެސް އެއްޗެއް ވިދާޅެއްނުވެ އެވެ.
މުޒާހަރާ އިންތިޒާމްކުރާ ކޮމެޓީގެ އޮފިޝަލަކު މިއަދު ވިދާޅުވި ގޮތުގައި މިރޭ 14 ބޭފުޅުން ވާހަކަ ދައްކަވާނެ އެވެ. އެކަމަކު އޭގެ ތެރޭގައި ޕާޓީ ތެރޭގައި ދެބަސްވުންތައް އުފެދިފައިވާ ދެ ޑެޕިއުޓީ ލީޑަރުން ކަމަށްވާ އުމަރު ނަސީރާއި ގެމަނަފުށީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު ހިމެނިވަޑައިނުގަންނަވާ ކަމަށް ޑީއާރުޕީން ބުނެ އެވެ.
އުމަރު ނަސީރު ވިދާޅުވީ މުޒާހިރާގައި ވާހަކަ ދެއްކެވުމަށް ޕާޓީގައި އެދިވަޑައިގެންނެވި ކަމަށާއި އެކަމަކު ފުރުސަތު ނުދެއްވުމުން އެކަމާ ހިތާމަކުރައްވާ ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރަނީ އަޅުގަނޑަށް މިރޭ ވާހަކަ ދެއްކުމުގެ ފުރުސަތު ލިބެންވާނެ ކަމަށް. ސަބަބަކީ އަޅުގަނޑަކީ ވެސް ޕާޓީގެ ލީޑަޝިޕްގެ މީހަކަށް ވާތީ. އަޅުގަނޑު ދެކޭ ގޮތުގައި ތަސްމީން އަދިވެސް އަޅުގަނޑު ދެކެ ހިތްހަމަނުޖެހެނީ،" އުމަރު ނަސީރު ވިދާޅުވި އެވެ.
އުމަރު ނަސީރާއި އިލްހާމް އިސްވެ ތިއްބަވައިގެން ވަކިން މުޒާހަރާއެއް ބާއްވަން އުޅުމުން އުމަރު ނަސީރުގެ މައްސަލަ ބެލުމަށްޓަކައި ޑީއާރުޕީގެ ޑިސިޕްލިނަރީ ކޮމެޓީ އަށް ފޮނުވުމަށް ކައުންސިލުން ވަނީ ފާސްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ