އެންމެ އަގުބޮޑު މެމްބަރުގެ ގޮތުގައި ސިފަކުރާތީ އުފާވޭ: އަލީ ވަހީދު

ރައްޔިތުންގެ މަޖިލީހުގެ އެންމެ އަގުބޮޑު މެމްބަރުންގެ ގޮތުގައި އޭނާ ސިފަކުރާތީ ވަރަށް އުފާވާ ކަމުގައި ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.
ބުރޫނާއީގެ އެހީގައި ބުރުނީގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ މިސްކިތުގެ މަސައްކަތް ފެށުން ލަސްވާތީ، ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ހުށަހެޅުއްވި ގަރާރުގެ ބަހުސްގައި ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ "ތޮއްޑޫ މެމްބަރުގެ ހުރި ބާރެއް ކޮންމެ މެމްބަރެއްގެ ނުހުންނާނެ" ކަމަށެވެ.
ޑީއާރުޕީގެ ކުރީގެ ޑެޕިއުޓީ ލީޑަރު އަލީ ވަހީދު ވިދާޅުވީ އޭނާ އެ ޕާޓީ ދޫކޮށްލެއްވީ ރައްޔިތުންނަށްޓަކައި ކަމަށެވެ. އެގޮތުން ތޮއްޑޫގެ ނަރުދަމާ އާއި ބަނދަރުގެ މަސައްކަތް ފެށުމަށްޓަކައި މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ފަހު އެ ރަށަށް ފުރާވަޑައިގަންނަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އިގްތިސާދީ ޕެކޭޖަށް ވޯޓު ދިނީމަ ބުރުނީގައި ވެސް މިސްކިތް އެޅޭނެ،" އަލީ ވަހީދު ވިދާޅުވި އެވެ. އެހެން ވިދާޅުވުމާއެކު، އިދިކޮޅު މެމްބަރުން ކެކިގެން ދިޔަ އެވެ. ނަމަވެސް މަޖިލީހުގެ މައިކް ކަނޑާލުމުން އެ ބޭފުޅުން ވިދާޅުވި ވާހަކައެއް ނޭނގުނެވެ.
އިދިކޮޅު މެމްބަރުނަށް ރައްދު ދެއްވަމުން އަލީ ވަހީދު ވިދާޅުވީ އޭނާ އެމްޑީޕީއާ ގުޅިވަޑައިގަތީ ރައްޔިތުންނަށްޓަކައި ކަމަށް ވިޔަސް، ޑީއާރުޕީގެ ބައެއް މެމްބަރުން ވަޑައިގެންނެވީ 800 މިލިއަން ޑޮލަރުގެ ވަގު ވިޔަފާރީގެ ތުހްމަތުކުރައްވާފައިވާ ބޭފުޅުންގެ ފަހަތަށް ކަމަށާއި ކޯޓުން މައްސަލަތައް ރަނގަޅަށް ބަލައިފި ނަމަ ޕީޕީއެމްގެ "ދިހަ ބާރަ މީހުންގެ އަތް ކަނޑަން ޖެހޭނެ" ކަމަށެވެ.
އަލީ ވަހީދު އެމްޑީޕީއާ ގުޅިވަޑައިގަތީ ފައިސާ އަށް ކަމަށް އިދިކޮޅު ބައެއް ޕާޓީތަކުން ވަނީ ތުހުމަތުކޮށްފަ އެވެ. ނަމަވެސް އޭނާ އެކަން ދޮގުކުރައްވަ އެވެ. އަލީ ވަހީދު ވަނީ ދާދިފަހުން ހުޅުމާލޭން ބީލަމުގެ އުސޫލުން ވިއްކި ގޯއްޗެއް ކާމިޔާބު ވެސް ކުރައްވައިފަ އެވެ. އެ ގޯތީގެ އަގަކީ 4.6 މިލިއަން ރުފިޔާ އެވެ.
މިއަދުގެ ޖަލްސާގައި އަލީ ވަހީދު އިތުރަށް ވިދާޅުވީ ފިނޭންސް މިނިސްޓަރު އަހްމަދު އިނާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދުމުގެ އަޑީގައި ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކެޔޮދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ކަމަށެވެ. އަދި ޝާހިދަކީ "ޔަހޫދު ހިޔާލުގެ ބޭފުޅެއް" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސަރުކާރުގެ ފަރާތުން ހުށަހެޅި ކުންފުނީގެ ބިލް މިދިޔަ ހަފުތާގައި މަޖިލީހުން ބޭރުކޮށްލީ ވެސް "މަނިކުފާނުމެންގެ [ޑީއާރުޕީ] ޔަހޫދު ހިޔާލުން" ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.
ޝާހިދަކީ ޔަހޫދު ހިޔާލުގެ ބޭފުޅެއް ކަމަށް އަލީ ވަހީދު ވިދާޅުވުމުން، އިދިކޮޅު ޕާޓީތަކުގެ ބައެއް މެމްބަރު ނިޒާމީ ނުކުތާ ނަންގަވައި ވިދާޅުވީ "ރިޔާސަތަށް ނިސްބަތްކޮށް އެހެން ވިދާޅުނުވެވޭނެ" ކަމަށެވެ. ނަމަވެސް ޝާހިދު އެކަމަށް ދެއްވީ ފިނި ޖަވާބެކެވެ.
ޝާހިދު ވިދާޅުވީ އަލީ ވަހީދު އެހެން ވިދާޅުވަނީ އޭނާ މަޖިލީހުގެ "ރިޔާސަތަށް އޮންނަ ލޯބީގެ ސަބަބުން" ކަމަށެވެ.
އަލީ ވަހީދު ވެސް ވިދާޅުވީ މަޖިލީހުގެ ރިޔާސަތަށް އިހްތިރާމްކުރައްވާ ކަމަށާއި ޝާހިދަކީ ޔަހޫދު ހިޔާލުގެ ބޭފުޅެއް ކަމަށް ވިދާޅުވީ "ހެޔޮ މަގު ފެނޭތޯ" ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ