ސުޕްރީމް ކޯޓު ކައިރި އަށް އެއްވި މީހުން ދުރުކުރަން ނޫޅުނީ އިތުރު ހަމަނުޖެހުމެއް އުފެދިދާނެތީ: ޕޮލިސް

ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާގެ މައްސަލަ ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔައިރު ކޯޓު ސަރަހައްދު ފުލުހުން ބަންދުކޮށްފައި ވަނިކޮށް އެ ސަރަހައްދަށް ވަދެފައި ވަނީ ޝަރީއަތް އަޑުއަހަން ނަން ނޯޓްކޮށްފައިވާ ކަމަށް ބުނާ ބަޔަކު ކަމަށާއި ފަހުން އެ މީހުން ދުރުކުރަން ނޫޅުނީ އިތުރު ހަމަނުޖެހުންތަކެއް އުފެދި ޝަރީއަތުގެ އަޑުއެހުމަށް އެކަމުގެ އަސަރުކޮށްފާނެތީ ކަމަށް ފުލުހުން ބުނެފި އެވެ.
މި މަހުގެ 20 ވަނަ ދުވަހު ސުޕްރީމް ކޯޓާއި މ.އެންދެރިމާގެ ކައިރީގައި ކުރި މުޒާހަރާތަކާ ގުޅިގެން "ފުލުހުން ބަދުނާމުކޮށް ކަމުގެ ހަގީގަތް ރައްޔިތުންނަށް އޮޅުވާލުމަށްޓަކައި ތަކުރާރުކޮށް ދޮގު މައުލޫމާތު ފަތުރަމުންދާތީ" ކަމަށް ބުނެ ފުލުހުން މިރޭ ނެރުނު ނޫސް ބަޔާނުގައި ބުނީ ސުޕްރީމް ކޯޓުގައި އެ ދުވަހު ހަވީރު 30: 3 ގައި އޮތް ޝަރީއަތާ ދިމާކޮށް މީހުން އެއްވާން އުޅޭކަން އެނގުމާ އެކު އެ ސަރަހައްދު 45: 2 އެހާއިރު ފުލުހުން ބަންދުކޮށްފައިވާ ކަމަށެވެ. ނަމަވެސް ކޯޓުގައި އޮތް ޝަރީއަތުގެ ހަސްމަކު ކޯޓަށް ވަޑައިގެންނެވި ވަގުތު އެ ބޭފުޅަކާ އެކު އެހެން ބަޔަކު ވެސް ޝަރީއަތް އަޑު އަހަން އެތެރެ އަށް ވަންނަން ބޭނުންވެގެން އެދިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ބަންދުކޮށްފައިވާ ސަރަހައްދަށް އެ މީހުން ވެއްދުމާ އެކު، ޝަރީއަތް އަޑުއަހަން ނަންނޯޓްކޮށްފައިވާ ކަމަށް ބުނެ ބައެއް އާންމުން ވެސް ވަދެފައިވާ ކަމަށާއި އަދި ޝަރީއަތް އަޑުއެހުމަށް ކޯޓަށް ވަނުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކުގެ މައުލޫމާތު ފުލުހުންނަށް ކުރިން ލިބިފައި ނުވާ ކަމަށް ވެސް ބުނެފައިވެ އެވެ.
ފުލުހުން މިހެން ބުނި ނަމަވެސް ސުޕްރީމް ކޯޓުގައި ހަމަޖެހިފައި އޮންނަ ގޮތުން ޝަރީއަތް އަޑުއެހުމަށް ބައިގަޑިއެއްހާއިރު ކުރިން ނަން ނޯޓްކުރަން ޖެހެ އެވެ. އަދި ނަން ނޯޓްކުރުމަށް ފަހު ކޯޓުން ބޭރަކަށް ނުނިކުމެވޭނެ އެވެ.
ފުލުހުން ބުނީ އެ ދުވަހުގެ ޝަރީއަތް ފުރިހަމަކުރެވޭ ވަރަށް ސެކިއުރިޓީ ފޯރުކޮށްދޭން ސުޕްރީމް ކޯޓުން އެދިފައި ވުމާ އެކު އެ ވަގުތު އެ ސަރަހައްދަށް ވަން މީހުން ބާރުގެ ބޭނުންކޮށްގެން ނުވަތަ ހައްޔަރުކޮށްގެން ދުރަށް ގެންދަން މަސައްކަތްކޮށްފި ނަމަ އިތުރު ހަމަނުޖެހުންތަކެއް އުފެދި ޝަރީއަތުގެ އަޑުއެހުމަށް އަސަރުކޮށްފާނެތީ ބަލާފައި ވާނީ އިތުރު ބަޔަކު ކޯޓު ސަރަހައްދަށް ވަނަ ނުދީ އަޑުއެހުން ނިމެންދެން ކޯޓު ތެރެއަށް އެއްވެސް ބަޔަކަށް ނުވަދެވޭނެހެން ސަރަހައްދު ބަންދުކޮށް ބެލެހެއްޓުމަށް ކަމަށެވެ.
ޝަރީއަތް ނިމުނު ފަހުން ބައެއް މީހުން ކޯޓު ކައިރިން ދިޔަ ނަމަވެސް އެ ތަނުގައި ބައެއް މީހުން ތިބުމާއި ޝަރީއަތް ނިމުނު ކަމުގެ އިޝާރާތެއް ވެސް ފުލުހުންނަށް ލިބިފައި ނުވާތީ ފުލުހުން ދިޔައީ އެ ސަރަހައްދު ބަލަހައްޓަމުން ކަމަށް ބަޔާނުގައިވެ އެވެ. އަދި އެންދެރިމާގެ ކައިރި އަށް މީހުން އެއްވުމާ އެކު ހިނގި ހަމަނުޖެހުން ކޮންޓްރޯލްކޮށްފައި ވަނީ އިތުރު ފުލުހުން ފޮނުވައިގެން ކަމަށް ވެސް ބުނެފައިވެ އެވެ. އެ ސަރަހައްދުގައި ހިނގި ހަމަނުޖެހުމުގައި ބައެއް ގޭގެއަށް ގެއްލުންވެ 17 އަހަރުގެ ކުއްޖަކަށް އަނިޔާވެފައި ވާތީ އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ވަނީ މުޒާހަރާއާ ގުޅިގެން ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން ނެރުނު ނޫސް ބަޔާނާ މެދު ހިތާމަކުރާ ކަމަށް ވެސް ބުނެފަ އެވެ.
"ފުލުހުން އަމަލުކޮށްފައި ވަނީ ދިވެހި ޖުމްހުރިއްޔާގެ ގާނޫނު އަސާސީ އާއި ގާނޫނާއި ގަވާއިދާ އެއްގޮތަށް ކަމާ މެދު ސުވާލު އުފެދޭ ކަމަށް ބަޔާންކޮށް ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން ނޫސް ބަޔާން ނެރެފައި ވަނީ މި މައްސަލާގައި ކަން ހިނގާފައިވާ ގޮތް ރަނގަޅަށް ފުލުހުންގެ ފަރާތުން ސާފު ނުކޮށް ފުލުހުންގެ ބަހެއް ހޯދުމެއް ނެތިކަން ފާހަގަކުރަމެވެ." ބަޔާނުގައިވެ އެވެ.
ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން ބަޔާން ނެރެފައި ވަނީ ސިޔާސީ ފަރާތްތަކުން ސިޔާސީ ބޭނުމުގައި މީޑިއާގައި ފަތުރަމުން ގެންދާ ދޮގު މައުލޫމާތުގެ މައްޗަށް ބިނާކޮށް، މައްސަލައިގެ ތަހުގީގު ފުރިހަމަ ނުވަނީސް ކަމަށް ވެސް ބުނެފައިވެ އެވެ.
މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ވަކިވަކި ފުލުހުންނަށް ބިރު ދައްކާ ފުލުހުންގެ މަސައްކަތަށް ނުފޫޒު ފޯރުވަން މަސައްކަތްކުރަމުންދާ ކަމަށާއި ސިޔާސީ ނުފޫޒު ބޭނުންކޮށްގެން ބިރު ދެއްކުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ