މީހުން ހައްޔަރު ކުރުމުގައި ހުރި އޮޅުްންތައް ހައްލު ކުރުމަށް ޕީޖީން ސުޕްރީމް ކޯޓަށް

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ޣައްސާން މައުމޫންގެ ހައްޔަރު ގާނޫނު އަސާސީއާ ހިލާފް ކަމަށް ކަނޑައެޅުމުން މީހުން ހައްޔަރު ކުރުމުގައި އަމަލު ކުރަންވީ ގޮތް ސާފުނުވާ ކަމަށް ބުނެ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ސުޕްރީމް ކޯޓުގެ ލަފަޔަކަށް މިއަދު އެދެފި އެވެ.
މިރޭ އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުޕްރިންޑެންޓް އޮފް ޕޮލިސް މުހައްމަދު ޖިނާހު ވިދާޅުވީ ޣައްސާނުގެ މައްސަލަ ކޯޓުން ނިންމާފައިވާ ގޮތުން ގާނޫނު އަސާސީގެ 46 ވަނަ މާއްދާ ތަންފީޒު ކުރުމަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އަދި މީހުން ހައްޔަރު ކުރުމުގައި ފުލުހުން އަމަލު ކުރަންވީ ގޮތް ވެސް މިހާރު ސާފުނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން އެކަމުގައި އަރައިގެން އުޅޭ ގާނޫނީ އޮޅުންތައް ފިލުވައިދިނުމަށް ފުލުހުންގެ އެދުމާ އެކު ޕީޖީ އޮފީހުން ވަނީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައި ކަމަށް ޖިނާހު ވިދާޅުވި އެވެ.
ޖިނާހު ވިދާޅުވީ ގާނޫނީ ގޮތުން އޮޅުންތަކެއް އަރަން ދިމާވީ މީގެ ކުރިން ވެސް ފުލުހުން މީހުން ހައްޔަރު ކުރަމުން އަންނަ ގޮތަށް އާދައިގެ މަތިން ޣައްސާން ހައްޔަރު ކޮށްފައި ވަނިކޮށް އެ ހައްޔަރަކީ ގާނޫނު އަސާސީއާ ހިލާފަށް ކޮށްފައިވާ ހައްޔަރެއް ކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅުމުން ކަމަށެވެ.
މީހުން ހައްޔަރު ކުރުމުގައި ގާނޫނީ ގޮތުން އޮޅުންތަކެއް އަރާފައި ހުރި ނަމަވެސް މުޖްތަމައު ހިމާޔަތް ކުރުމަށް ފުލުހުންނަށް އޮތް ޒިންމާ ދޫނުކޮށްލައްވާނެ ކަމަށް ޖިނާހު ވިދާޅުވި އެވެ. އަދި މުޖްތަމައުގެ އަމަންކަމާއި ރައްކާތެރިކަން ދަމަހައްޓާނެ ކަމަށާއި ފުލުހުންގެ ގާނޫނީ ވާޖިބަށް ހުރަސްއެޅިޔަ ނުދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިރޭ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ މ. އެންދެރިމާގޭ ކައިރީގައި ހިނގާފައިވާ ހަމަނުޖެހުމުގެ ވީޑިއޯއެއް ދައްކައިފަ އެވެ. އޭގެން ފެންނަ ގޮތުގައި 17 އަހަރުގެ ކުއްޖާ ޒަހަމްވި ދަނޑިބުރި ވެއްޓިފައި ވަނީ މަތިންނެވެ. ދަނޑިބުރިން ޖެހިފައި އެ ކުއްޖާ ވެއްޓޭ މަންޒަރާއި އެއްވެފައި ތިބި މީހުން ދުރަށް ދުއްވައިގަންނަ މަންޒަރު ވެސް ވީޑިއޯއިން ފެނެ އެވެ. ނަމަވެސް އެ ދަނޑިބުރި ހޫރާލި މީހަކު ވީޑިއޯއަކުން ނުފެނެ އެވެ.
ފުލުހުން ބުނީ ޒަހަމްވި ކުއްޖާގެ ހާލު ވަރަށް ސީރިއަސް ކަމާއި އޭނާގެ އެއް ފަޅި އޮތީ ޕެރަލައިޒްވެފައި ކަމަށެވެ.
އެ މައްސަލައިގައި ޣައްސާން ހައްޔަރު ކޮށްފައި ވަނީ ޣައްސާނު އެ އަމަލު ހިންގިތަން ފެނުނު ކަމަށް ހެކި ލިބިފައިވާތީ ކަމަށް ޖިނާހު ވިދާޅުވި އެވެ. އަދި ފުލުހުންގެ ތަހުގީގަށް ގެނެސް ސުވާލު ކުރުމުން ގޭގެ ބެލްކަންޏަށް ނުކުންނެވި ކަމަށް ޣައްސާން އެއްބަސްވެވަޑައިގެންނެވި ކަމަށާއި ނަމަވެސް އެހާ ހިސާބުން ވަކީލުގެ އިޝާރާތަކަށް ޣައްސާން ހަނު ހުންނެވީ ކަމަށް ފުލުހުން ބުންޏެވެ. އެވަރަށް ހެކި ލިބުމުން ޣައްސާނަށް އެ މައްސަލައިގައި ތުހުމަތު ނުކުރަންވީ އެއްވެސް ސަބަބެއް ނެތް ކަމަށް ޖިނާހު ވިދާޅުވި އެވެ.
ފުލުހުން ބުނީ ސުޕްރީމް ކޯޓާ ހަމައިން ފެށިގެން އެންދެރިމާގެއާ ހަމައަށް ދިޔަ އެ މުޒާހަރާ ކޮންޓްރޯލް ކުރުމަށް ފުލުހުން މަސައްކަތް ކޮށްފައިވާނެ ކަމަށެވެ. އަދި ފުލުހުންނަށް މުޒާހަރާއެއް ކޮންޓްރޯލް ކުރުމަކީ ފަސޭހަ ކަމެއް ނޫން ކަމަށް ފާހަގަ ކުރައްވަމުން ޖިނާހު ވިދާޅުވީ އެންދެރިމާގޭ ކައިރީގައި ކުރި މުޒާހަރާ ކޮންޓްރޯލް ކުރުމަށް ފުލުހުން އެކަށީގެންވާ ވަރަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ