އެމްއެމްއޭގައި ހުރި ދައުލަތުގެ ހުރިހާ ފައިސާ އެއް އެކައުންޓަކަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ އެކި އެކައުންޓްތަކުގައި ހުރި ދައުލަތުގެ ފައިސާ މާލިއްޔަތު ގާނޫނުގެ ދަށުން އެއް އެކައުންޓަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ފައިނޭންޝަލް ކޮންޓްރޯލަރު މުހައްމަދު އަހުމަދު މިއަދު ވިދާޅުވީ ސެންޓްރަލް ބެންކުގެ އެކި އެކައުންޓްތަކުގައި ހުރި ދައުލަތުގެ ފައިސާތައް ބަދަލުކުރަމުން ދަނީ ޕަބްލިކް ބެންކް އެކައުންޓަކަށް ކަމަށާއި އެކަން ކުރަމުންދާތާ ދުވަސްތަކެއް ވެފައިވާ ކަމަށެވެ.
"މާލިއްޔަތުގެ ގާނޫނުގެ 11 ވަނަ މާއްދާގައި އެބަ ބުނޭ އެމްއެމްއޭގައި ހުރި ދައުލަތުގެ ހުރިހާ ފައިސާއެއް ބަހައްޓަންވާނީ މިނިސްޓަރު ހުޅުވައި ބަލަހައްޓާ އެއް އެކައުންޓެއްގަ އޭ. އެގޮތުން އެމްއެމްއޭގައި ދައުލަތުގެ ފައިސާ ބަހައްޓާކަށް ދެވަނަ އެކައުންޓެއް ހުޅުވުމުގެ އެއްވެސް ބާރެ އެ ގާނޫނުގެ ދަށުން އަޅުގަނޑުމެންނަކަށް ނުލިބޭނެ،" ފައިނޭންޝަލް ކޮންޓްރޯލަރު ވިދާޅުވި އެވެ. "ދައުލަތުގެ ފައިސާ ބަހައްޓާފައިވާ 2،000 އާއި 3،000 އާ ދެމެދުގެ އެކައުންޓުތައް އެމްއެމްއޭގައި އެބަހުރި. މި އެކައުންޓުތަކުގައި ހުރި ފައިސާތަކަކީ ދައުލަތުގެ މިލްކިއްޔާތަށް ނުވި ނަމަވެސް އެ ފައިސާތައް ބަލަހައްޓަނީ ދައުލަތުން ކަމަށް ވާތީ އެއީ ދައުލަތުގެ ފައިސާގެ ގޮތުގައި ބަލަނީ."
ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގެ 11 ވަނަ މާއްދާގައި ބުނެފައި ވަނީ "ދައުލަތުގެ އެންމެހާ ފައިސާ ބަލަހައްޓަންވާނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި މިނިސްޓަރު ހުޅުވައި ބަލަހައްޓާ ޕަބްލިކް ބޭންކް އެކައުންޓުގަ އެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ މަރުކަޒެއް ނެތް ރަށެއްގައި ނަމަ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އެކައުންޓެއް އޮތް ބޭންކެއްގަ އެވެ. އެފަދަ އެކައުންޓެއް އޮތް ބޭންކެއް ވެސް ނެތް ރަށެއްގައި ނަމަ، ދައުލަތުގެ ފައިސާ ބަހައްޓަން ވާނީ މި ގާނޫނުގެ 12 ވަނަ މާއްދާގެ ދަށުން ހުޅުވައި އަދި ހިންގާ އެކައުންޓެއްގަ އެވެ. އެފަދަ އެކައުންޓެއް ވެސް ނެތް ރަށެއްގައި ފައިސާ ބަހައްޓަން ވާނީ ސަލާމަތްތެރިކަމާ އެކު ބެލެހެއްޓޭނެ ނިޒާމެއްގެ ދަށުންނެވެ،" މިހެންނެވެ.
އެމްއެމްއޭގައި ހުރި ދައުލަތުގެ ފައިސާ މާލިއްޔަތުގެ ގާނޫނުގައި ބުނާ ޕަބްލިކް ބެންކް އެކައުންޓަށް ބަދަލު ކުރަމުންދާއިރު ބައެއް އަތޮޅުތަކުގެ ރައްޔިތުންގެ އެކައުންޓުގައި ހުރި ފައިސާގެ ތަފުސީލު މިދިޔަ މަހު ލިބުނުއިރު ބާކީ އެއްވެސް ފައިސާއެއް އެ އެކައުންޓްތަކުގައި ނެތް މައްސައެއް ވަނީ ފެންމަތިވެފަ އެވެ. އެގޮތުން ފ. އަތޮޅުގައި ރައްޔިތުންގެ ނަމުގައި އެމްއެމްއޭގައި ހުޅުވާފައިވާ ހަ އެކައުންޓުގެ ސްޓޭޓްމަންޓް އިއްޔެ ލިބުނުއިރު ބާކީ އެ އެކައުންޓްތަކުގައި ނެތް ކަމަށް އެ އަތޮޅު އަތޮޅު އޮފީހުގެ އޮފިޝަލަކު މިއަދު ވިދާޅުވި އެވެ.
"މި އަތޮޅުގެ ފަސް ރަށާއި އަތޮޅު އެކައުންޓުގައި ގާތްގަނޑަކަށް 3.39 މިލިއަން ރުފިޔާ ހުންނަން ޖެހޭ. އެކަމަކު ސްޓޭޓްމަންޓް ލިބުނު އިރު އޮތީ ޒީރޯ ބެލެންސް ކަމަށް. ބާކީ ފައިސާއެއް ނެތް،" ފ. އަތޮޅު އޮފީހުގެ އޮފިޝަލް ވިދާޅުވި އެވެ.
އެހެން ނަމަވެސް ދައުލަތުގެ ފައިނޭންޝަލް ކޮންޓްރޯލަރު މުހައްމަދު އަހުމަދު ވިދާޅުވީ އެމްއެމްއޭގައި ހުޅުވާފައިވާ ފ. އަތޮޅުގެ ރައްޔިތުންގެ އެކައުންޓުތަކުގެ ފައިސާ ވެސް ގާނޫނުގެ ދަށުން ޕަބްލިކް ބޭންކް އެކައުންޓަށް މިހާރު ޓްރާންސްފާ ކޮށްފައިވާ ކަމަށާއި ދައުލަތުން އެ ފައިސާތައް ވަރަށް ރަނގަޅަށް ބަލަހައްޓަމުން ގެންދާ ކަމަށެވެ. އޭނާ ވިދާޅުވީ ބެންކް އޮފް މޯލްޑިވްސްގެ ގޮފިތައް ނެތް އަތޮޅުތަކާއި ރަށްރަށުގެ އެކައުންޓުތައް ހުންނާނީ އެމްއެމްއޭގައި ކަމަށެވެ.
"އެ އެކައުންޓުތަކުގެ އޯނަޝިޕަކަށް އެއްވެސް ބަދަލެއް ނާންނާނެ. އެ ފައިސާތައް ނެގުމުގައި މިހާތަނަށް ގެންގުޅުނު އެއްވެސް ޕްރޮސެސްއަކަށް ވެސް ބަދަލެއް ނުގެންނަން. އެ ފައިސާތައް ކުރިން ނަގަމުން އައި ގޮތަށް ނެގޭނެ. އަޅުގަނޑުމެން ހަމައެކަނި ކުރި ކަމަކީ އެ އެކައުންޓުތައް ކްލޯޒް ކޮށްފައި އޭގައި ހުރި ފައިސާތައް ޕަބްލިކް ބޭންކް އެކައުންޓަކަށް ބަދަލު ކުރުން. އެއީ ގާނޫނީ ގޮތުން ކުރަންޖެހޭ ކަމެއް." މުހައްމަދު އަހުމަދު ވިދާޅުވި އެވެ.
ރައްޔިތުންގެ އެކައުންޓުތަކުގައި ހުރި ފައިސާ އެއީ ދައުލަތުގެ ފައިސާތޯ ދެންނެވުމުން ފައިނޭންޝަލް ކޮންޓްރޯލަރު ވިދާޅުވީ އެ ފައިސާ ބަލަހައްޓަމުންދަނީ ދައުލަތުން ކަމަށެވެ.
"މިސާލަކަށް ދަރިންގެ ހަރަދު މަންމައާ ހަވާލުވަންދެން ވަގުތީ އެކައުންޓެއްގައި އެބަ ބަހައްޓާ. އެއީ ދައުލަތުގެ މިލްކިއްޔާތަކަށް ނުވިޔަސް ދައުލަތުން އެ ބަލަހައްޓަނީ. އެހެންވީމަ ދައުލަތުގެ ފައިސާގެ ތެރޭގައި ހިމެނޭ. މީގެ އިތުރުން ކާކުގެ ފައިސާއެއްކަން ނޭނގޭ ގޮތަށް ދައުލަތުގައި ހުންނަ ފައިސާ ވެސް މިހާރު ހުންނަން ޖެހޭނީ ޕަބްލިކް ބޭންކް އެކައުންޓުގައި،" ފައިނޭންޝަލް ކޮންޓްރޯލަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ