އިންސާނިއްޔަތަށްޓަކައި ގެއަށް ބަދަލުކޮށް ދިނުމަށް މައުމޫނު އެދިވަޑައިގެންފި

އިންސާނިއްޔަތަށް ޓަކައި ނަމަވެސް ގެއަށް ބަދަލުކޮށްދިނުމަށް ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމް ކޯޓްގައި އެދިވަޑައިގެންފިއެވެ.
ކުއްލި ހާލަތު އިއުލާނުކޮށް ފެބްރުއަރީ ފަސް ވަނަ ދުވަހުގެ ރޭ މެންދަމު ހައްޔަރުކޮށް ޖަލަށް ލާފައިވާ އަދި މިހާރު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާ ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމްގެ މައްޗަށް ކުރާ އަދުލު އިންސާފު ޤާއިމް ކުރުމަށް ހުރަސް އެޅުމުގެ ދައުވާގެ އަޑުއެހުމެއް މިއަދުވަނީ ކްރިމިނަލް ކޯޓްގައި ބާއްވާފައެވެ.
ޝަރީއަތަށް ފަހު ނޫސްވެރިންނާއި ބައްދަލު ކުރައްވާ ރައީސް މައުމޫނުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ އިންސާނިއްޔަތައް ޓަކައި ނަމަވެސް ޖަލު ބަންދަށް ލުޔެއް ދިނުމަށް ރައީސް މައުމޫނު ޝަރީޢަތުގައި އެދިވަޑައިގެންނެވި ކަމުގައެވެ. ނުވަތަ ޝަރީއަތް ނިމެންދެން ގޭބަންދަށް ބަދަލުކޮށް ދިނުމަށް ރައީސް މައުމޫނު އެދިވަޑައި ގެންނެވި ކަމަށް ޝަމީމް ވިދާޅުވިއެވެ.
ޝަމީމް ވިދާޅުވީ ރައީސް މައުމޫނު އެގޮތަށް އެދިވަޑައިގެންނެވި ނަމަވެސް ޝަރީއަތުން އެކަން އެގޮތަށް ކޮށްދީފައި ނުވާކަމުގައެވެ.
ރައީސް މައުމޫނުގެ އެދިވަޑައިގެންނެވުމަށް ޤާޒީ އާދަމް އާރިފް ދެއްވި ޖަވާބަކީ މިއަދު ކުރިއަށްދާ ޝަރީއަތަކީ ރައީސް މައުމޫނު ހައްޔަރުކޮށްފައިވާ މައްސަލައާއި ގުޅޭ ޝަރީއަތުގެ އަޑުއެހުމެއްކަން ލިޔެކިއުންތަކުން އެނގެން ނެތްކަމަށް ކަންވެސް ޝަމީމް ވިދާޅުވިއެވެ.
ނަމަވެސް އިދާރީގޮތުން ކަންކަން ބެލުމަށްފަހު ފަހުން ޖަވާބެއް ދެއްވާނެކަމަށް އާދަމް އާރިފް ވިދާޅުވިކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.
ރައީސް މައުމޫނާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް އުފުލާފައިވާ ދައުވާއާއި ގުޅިގެން ވަކީލަކު އައްޔަން ކުރުމަށް މިއަދުވަނީ 10 ދުވަހުގެ މުއްދަތެއް ކޯޓުން ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ