އިބްތިހާލުގެ މަރުގެ ދިޔަ ބޭނުން ނުވާ ކަމަށް މާމަ ބުނެފި

ވ.ރަކީދޫގައި މަންމަގެ އަނިޔާތަކުގެ ސަބަބުން މަރުވި އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލުގެ މަރުގެ ދިޔަ ބޭނުން ނުވާ ކަމަށް އޭނާގެ މާމަ ޝާފިޔާ މުހައްމަދު ބުނެފިއެވެ.
ޝާފިޔާ މިހެން ބުނީ މިއަދު ބޭއްވި އިބްތިހާލުގެ މަރުގެ ޝަރީއަތުގެ އަޑުއެހުމުގައި ހެކިބަސް ދެމުންނެވެ.
މިއަދުގެ ޝަރީއަތުގެ އަޑުއެހުމުގައި އިބްތިހާލްގެ މަރުގެ ދިޔަ ބޭނުންވޭތޯ ސުވާލު ކުރުމުން ޝާފިޔާ ބުނީ އިބްތިހާލްގެ މަރުގެ ދިޔަ ބޭނުން ނުވާ ކަމަށެވެ. މަރުގެ ދިޔަ އަކީ ކޮން އެއްޗެއްކަން އެނގޭތޯ ސުވާލު ކުރުމުން އެއީ ކޮން އެއްޗެއްކަން ނޭނގޭ ކަމަށް ޝާފިޔާ ބުނެފައިވާތީ މަރުގެ ދިޔަ އޭނާއަށް ގާޒީވަނީ އޮޅިން ފިލުވައިދީފައެވެ.
އަދި އެއަށްފަހު ސުވާލުކުރުމުން ވެސް ޝާފިޔާ ވަނީ މަރުގެ ދިޔަ ބޭނުން ނުވާ ކަމަށް ބުނެފައެވެ.
މިއަދުގެ އަޑުއެހުމުގައި އިބްތިހާލުގެ ވާރިސުން އެނގޭތޯ ގާޒީ ޝާފިޔާ އާއި ސުވާލު ކުރިއެވެ. ނަމަވެސް ޝާފިޔާ ބުނީ އިބްތިހާލުގެ ވާރިސުން ނޭނގޭ ކަމަށާއި އޭނާއަކީ ބައްޕަ ނެތް ކުއްޖެއް ކަމަށެވެ.
އިބްތިހާލުގެ ވާރިސުން ކަށަވަރު ކުރުމަށް އެ ފަރާތްތަކުގެ މައުލޫމާތު ދިނުމަށް ގާޒީ އެދިފައިވާތީ ރަކީދޫ ތިން މީހެއްގެ ނަން ޝާފިޔާ ވަނީ ދީފައެވެ.
2015 ވަނަ އަހަރުގެ ތެރޭގައި އިބްތިހާލުގެ މަންމަ އާފިޔާ މުހަައްމަދުގެ އަނިޔާތަކުގެ ސަބަބުން އިބްތިހާލު މަރުވިއިރު، އާފިޔާގެ މައްޗަށް ކުރަނީ ގަސްދުގައި ކުއްޖަކު މެރުމުގެ ދައުވާއެވެ. އެދައުވާއަށް އާފިޔާ ވަނީ ޝަރީއަތުގައި މީގެކުރިން ވަނީ އެއްބަސްވެފައެވެ.
އާފިޔާގެ އިތުރުން އިބްތިހާލަށް އަނިޔާތައް ލިބެމުންދިޔަކަން އެނގި ތިބެ، އެކަމަށް އިހުމާލުވި ފުލުހަކާއި ޖެންޑާ މިނިސްޓްރީގެ ބައެއް މުވައްޒަފުންގެ މައްޗަށް އިހުމާލުވުމުގެ ދައުވާ ވެސް ދައުލަތުން ކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ