މިއަދު ހައްޔަރު ކުރި މެމްބަރު އިލްހާމްގެ އަނބިކަނބަލުން ދޫކޮށްލައިފި

ފުލުހުން މިއަދު ހައްޔަރުކުރި، ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދުގެ އަނބިކަނބަލުން އާމިނަތު މާޝާ މިރޭ ދޫކޮށްލައިފި އެވެ.
މިރޭ ފުލުހުންގެ ބަންދުން މާޝާ ދޫކޮށްފައިވަނީ މާދަމާ ހެނދުނު 9:00 އަށް ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައިކަމަށް އެއާއިލާއިން މައުލޫމާތު ލިބެއެވެ. ނަމަވެސް ފުލުހަށް މާދަން ހާޒިރުވާން އެނގި ވަކި ސަބަބެއް ބުނެފައި ނުވާކަމަށްވެސް އެފަރާތުން ބުނެއެވެ.
މިއަދު މެންދުރެއްހާއިރު ސުވާލު ކުރުމަށް ކަމަށް ބުނެ, މާޝާ ފުލުސް އޮފީހަށް ހާޒިރު ކުރުމަށް ފަހު، ހައްޔަކުރީ އެއްވެސް ތުހުމަތެއްގައެއް ނޫން ކަމަށް ވެސް އެއާއިލާއިން ބުނެފައިވެއެވެ.
މިރޭ ބޭއްވި ނިއުސް ބްރީފިންއެއްގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަދި ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން ވިދާޅުވީ، އިލްހާމް ހޯދަނީ ގާނޫނާ ޚިލާފަށް ވެރިކަން ބަދަލުކުރުމަށްޓަކައި ރިޝްވަތު ދީ އަދި ރިޝްވަތު ހިފި މައްސަލައިގެ ތަހުގީގަށް ކަމަށެވެ. މި މައްސަލާގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއެކު އަށް މީހަކު މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ.
އިލްހާމްގެ އިތުރުން މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން ހޯދަން ވެސް ފުލުހުން މިދިޔަ ހުކުރު ދުވަހު އިއުލާން ކުރި އެވެ. އެކަމަކު ސިނާން ވަނީ އޭނާ ހޯދަން އިއުލާން ކުރިތާ މާ ގިނައިރުތަކެއް ނުވަނީސް ފުލުސް އޮފީހަށް ވަޑައިގެން އަމިއްލަ އަށް ފުލުހުންގެ ބެލުމުގެ ދަށަށް ގޮސްފަ އެވެ. ސިނާނަށް ވެސް ކުރަނީ ގާނޫނާ ޚިލާފަށް ވެރިކަން ބަދަލުކުރުމަށްޓަކައި ރިޝްވަތު ދިނުމާއި ރިޝްވަތު ހިފުމުގެ ތުހުމަތެވެ.
އިލްހާމްގެ އަނބިކަނބަލުން ދެވަނަ ފަހަރަށް ފުލުސް އޮފީހަށް ހާޒިރުކުރަނީ، އިލްހާމް ހޯދުމަށް ފުލުހުން މިދިޔަ ހުކުރު ދުވަހު އިއުލާން ކޮށްފައި ވަނިކޮށެވެ. ނަމަވެސް މިހާތަނަށް ފުލުހުންނަކަށް އިލްހާމް ނުހޯދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ