އެހީދޭ ޖަމިއްޔާއަކަށް ފައިސާ ހޯދައިދޭން ފަލިޖަހާފައި އެޓްލާންޓިކް ކަނޑު ހުރަސްކުރަނީ

އަމިއްލައަށް ބަނދެފައިވާ ކުޑަ ދޯންޏެއްގައި ފަލިޖަހާފައި އެޓްލާންޓިކް ކަނޑު ހުރަސްކުރުމުގެ މަސައްކަތް މީހަކު ފަށައިފި އެވެ.
ޑަންކަން ހަޗިސަންއަކީ ސްކޮޓްލެންޑުގެ ރަށެއް ކަމަށްވާ ލޮކިންވަރގެ ރައްޔިތެކެވެ. އޭނާގެ އުމުރުގެ ބޮޑު ބައި ހޭދަކޮށްފައިވަނީ ކަނޑުމަތީގަ އެވެ. އެންމެ ފަހުން އޭނާ މަސައްކަތް ކޮށްފައިވަނީ އޮފްޝޯ ޑްރިލްއެއްގަ އެވެ.
ޑަންކަން މިހާރު މަސައްކަތް ފަށާފައި މިވަނީ އަމިއްލައަށް ބަނދެފައިވާ ކުޑަ ދޯންޏެއްގައި ފަލިޖަހާފައި އެޓްލާންޓިކް ކަނޑު ހުރަސްކުރާށެވެ. ފާއިތުވި ތިން އަހަރު އޭނާ ކޮށްފައިވަނީ ދޯނި ބަނުމުގެ މަސައްކަތެވެ.
ޑަންކަންގެ މަސައްކަތް ހާސިލްކުރުމަށްޓަކައި އެޓްލާންޓިކް ކަނޑު ހުރަސްކުރުމަށް އެމެރިކާގެ ނިއުޔޯކުން ފުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 19 ވަނަ ދުވަހު އެވެ.
އޭނާގެ މަންޒިލަކީ ސްކޮޓްލެންޑްގެ ލޮކިންވަރއެވެ. ނިއުޔޯކުން ފުރައިގެން ފަލިޖަހާފައި ލޮކިންވަރއަށް 90 އާއި 100 ދުވަހާއި ދެމެދުގެ މުއްދަތެއްގެ ތެރޭގައި ވާސިލްވެވޭނެ ކަމަށް އޭނާ ގަބޫލުކުރެ އެވެ. މިއީ "ވޯޓައެއިޑް"ގެ ނަންދީފައިވާ ހިލޭ ސާބަހަށް މަސައްކަތްކުރާ އެހީދޭ ޖަމިއްއްޔާއަކަށް ފައިސާ ހޯދައިދިނުމަށް އޭނާ ހިންގާ ހަރަކާތެކެވެ.
ވޯޓައެއިޑްއަކީ އިނގިރޭސި ވިލާތުގައި 1981 ވަނަ އަހަރު ގާއިމްކޮށްފައިވާ ޖަމިއްޔާ އެކެވެ. މި ޖަމިއްޔާއިން ކުރާ މަސައްކަތަކީ ހާލުގައި ޖެހިފައިވާ މީހުންނާއި ފަގީރު ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންނަށް ސާފު ބޯފެން ފޯރުކޮށްދިނުމާއި، ނަރުދަމާގެ ހިދުމަތްތައް ގާއިމްކޮށްދިނުމާއި، ތައުލީމް ހާސިލްކުރުމުގެ ފުރުސަތުތައް ހޯދައިދިނުމެވެ. މި ޖަމިއްޔާގެ އޮފީސްތައް އޮސްޓްރޭލިޔާ، ޖަޕާން، ސްވިޑްން، އަދި އިނގިރޭސި ވިލާތާއި އެމެރިކާގައި ވަނީ ގާއިމްކޮށްފަ އެވެ.
"މި ދަތުރުގައި އަހަރެންނަށް ކުރިމަތިވާނެ އެންމެ ބޮޑު ދަތިކަމަކީ އެކަނިވެރިކަން. ނަމަވެސް އަހަރެންގެ އަޒުމަކީ އަހަރެން ފަދަ އާދައިގެ މީހަކަށްވެސް، އެހެން މީހުންނަށް އެހީތެރިވެދޭން ކަމެއް ކޮށްދެވިދާނެކަން. ބޭނުމަކީ އަހަރެން ފަދަ އާދައިގެ މީހަކަށްވެސް ފަލިޖަހާފައި އެޓްލާންޓިކް ކަނޑު ހުރަސްކޮށް، މިކަމުގެ ތެރެއިން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ފައިސާ ހޯދައިދިނުން،" ޑަންކަން ހަޗިސަން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ