ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަކީ ރާއްޖޭގެ އެންމެ ގިނަ ބަޔަކު އަދިވެސް ތާއީދު ކުރައްވާ އެއް ބޭފުޅާއެވެ. އެކަން ނިމި ދިޔަ އިންތިހާބުތަކުން އެނގެން އޮންނާނެއެވެ. ކުރިއަށް އޮތް ތަނުގައި ވެސް އިންތިހާބުތަކުގައި އެމަނިކުފާނަކީ ނުފޫޒު ގަދަ ބޭފުޅަކަށް ވެވަޑައިގަންނަވާނެ ކަމާ މެދު ޝައްކެއް ނެތެވެ.
ރައީސް މައުމޫނަކީ ވެސް އެމަނިކުފާނުގެ ސިޔާސީ ހަޔާތްޕުޅުގައި އެކި ކަންކަމާ ކުރިމަތި ލައްވާފައިވާ ބޭފުޅެކެވެ. ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން ދައުލަތުގެ އިސް މަގާމުތަކެއް އަދާ ކުރެއްވިއެވެ. ސިޔާސީ ކަންކަމުގައި ތުހުމަތު ކުރެވި އަދަބު ވެސް ދެވުނެވެ. ބަންދުކޮށް އަރުވާ ވެސް ލެވުނެވެ.
ކުރީގެ ރައީސް އިބްރާހީމް ނާސީރުގެ ވެރިކަމުގައި 1973 ވަނަ އަހަރު ރައީސް މައުމޫން ބަންދުކޮށް ހަތަރު އަހަރުގެ ހުކުމެއްގައި ހދ.މަކުނުދޫއަށް އަރުވާ ލެވުނެވެ. އެނގިފައިވާ ގޮތުގައި އޭރު ރައީސް މައުމޫން ބަންދުކޮށްފައިވަނީ 50 ދުވަހުއެވެ. ބަންދަށް 50 ދުވަސް ވުމުން މަކުނޫދުއަށް ފޮނުވާލެއްވިއެވެ. ރައީސް މައުމޫން މަކުނުދޫއަށް އަރުވާލެއްވި ނަމަވެސް އެރަށުގައި ހުންނެވީ ހަތަރު މަހާއި 15 ވަރަކަށް ދުވަހުއެވެ.
ރައީސް އިބްރާހިމް ނާސިރުގެ ވެރިކަން ނިމުމުން ދެން ވެރިކަމަށް ވަޑައިގެންނެވީ ރައީސް މައުމޫނެވެ. ރައީސް މައުމޫންގެ ވެރިކަން 2008 ގައި ނިމުމުން ދެން ވެރިކަމަށް ވަޑައިގެންނެވީ ރައީސް މުހައްމަދު ނަޝީދެވެ. ރައީސް ނަޝީދުގެ ދުވަސްވަރު އިދިކޮޅު އެންމެ ވަރުގަދަ ލީޑަރެއްގެ ގޮތުގައި ހުންނެވީ ރައީސް މައުމޫނެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި އެމަނިކުފާނު ބަންދުކޮށްފައެއް ނުވެއެވެ. ނަމަވެސް ފުލުހަށް ހާޒިރު ކޮށްފައިވެއެވެ.
ރައީސް ނަޝީދުގެ ވެރިކަން 2012 ވަނަ އަހަރު ފެބުރުއަރީ މަހު ނިމުމުން ދެން ވެރިަކަމަށް ވަޑައިގެންނެވީ އޭރުގެ ނައިބް ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކެވެ. އެސަރުކާރުގައި ރައީސް މައުމޫނަކީ ސަރުކާރުގެ އިސްބޭފުޅެކެވެ.
ރައީސް ވަހީދުގެ ވެރިކަމަށްފަހުން ދެން އައީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމެވެ. ރައީސް ޔާމީން ވެރިކަމަށް ގެނައުމުގައި ރައީސް މައުމޫން ކުރެއްވި މަސައްކަތްޕުޅަކީ ދެކޮޅު ނުހެދޭނެ މަސައްކަތްޕުޅެކެވެ. ނަމަވެސް ރައީސް ޔާމީނާ އުފެދުނު ނުތަނަވަސްކަމުގައި 2016 ވަނަ އަހަރުގެ އޮގަސްޓު 28 ގައި ރައީސް މައުމޫން ސަރުކާރަށް ކުރެއްވި ތާއީދު އަނބުރާ ގެންދެވިއެވެ. އެއަށްފަހު އިދިކޮޅު ފަރާތްތަކާ ރަސްމީކޮށް ގުޅިވަޑައިގެން މަސައްކަތްޕުޅު ފެއްޓެވިއެވެ.
ޖަލުގައި މިހާރު ތިއްބެވި އިދިކޮޅު ހުރިހާ ފަރާތްތަކެއް ހިމެނޭ ގޮތަށް ހުރިހާ ބޭފުޅުން މިނިވަން ކުރުމަށް ފެބުރުއަރީ މަހުގެ އެއްވަނަ ދުވަހު ސްޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ކުއްލި ހާލަތު އިއުލާންކޮށް ރައީސް މައުމޫން ބަންދުކޮށްފައިވާ އިރު އިދިކޮޅު ލީޑަރުންގެ ތެރޭގައި މިނިވަންކޮށް ހުންނެވި ހަމައެކަނި ބޭފުޅާއަކީ ރައީސް މައުމޫނެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ރާއްޖެރއިން ބޭރުގައި ތިއްބެވި ނަމަވެސް އެ ދެބޭފުޅުންގެ މައްޗަށް ވެސް ޖަލު ހުކުމެއް އެބައޮތެވެ.
ރައީސް ޔާމީން ވެރިކަމުގައި ވަރަށް ގިނަ ރެކޯޑްވަނީ ހައްދަވާފައެވެ. ދައުލަތް ތެރޭގައި ހިނގި އެންމެ ބޮޑު ހިޔާނާތް ހިނގި އެވެ. ކޮންމެ ފަދަ ތުހުމަތުތަކެއް ރައީސް ޔާމީނަ މެދު ކުރެއްވި ނަމަވެސް ތަރައްގީގެ ވަރަށް ގިނަ މަސައްކަތް ހިންގެވި އެވެ. މާލޭގައި އިންދާފައި ހުރި ފެންފޯއްރުއްތައް ފުލުހުން ބޭނުންކޮށްގެން ކަނޑާލި އެވެ. އެމަނިކުފާނު އިންނެވި ލޯންޗްކޮޅުގައި ހިނގި އަލިފާނުގެހަދިސާއިން ސަލާމަތްވެވަޑައިގެންނެވިއެވެ. އެންމެ ގިނަ ޑިފެންސް މިނިސްޓަރުން ލެއްވި އެވެ. ނައިބު ރައީސްކަމުގެ މަގާމަށް އެންމެ ގިނަ ބޭފުޅުން ލެއްވުމުގެ ރެކޯޑްވެސް އޮތީ ރައީސް ޔާމީނުގެ އަތްފުޅުގައެވެ. ދެން އޮތީ އެހެން ރެކޯޑެއްގެ ވާހަކަ އެވެ.
ރައީސް މައުމޫނަށް ފާޅުގައި ޖެއްސުން ކުރުން ފަދަ ކަންކަމުގެ ރެކޯޑެވެ. ޕީޕީއެމް އަތުލެއްވީ ކޯޓުގެ ތެރެއިންނެވެ. އިނާޔަތް ކުޑަކުރެއްވި އެވެ. މިހެން ގޮސް ލިޔެވިދާނެވެ. އެ ހުރިހާ ރެކޯޑަކަށްވުރެ ވެސް އެންމެ މޮޅު ރެކޯޑަކީ ރައީސް މައުމޫނު ހައްޔަރުކޮށް އެންމެ ގިނަ ދުވަހު އެ މަނިކުފާނު ހައްޔަރުގައި ބެހެއްޓެވި ރައީސެއްގެ ރެކޯޑެވެ. އެ ރެކޯޑް އޮތީ ޔަގީނުންވެސް މިހާރު ރައީސް ޔާމީން އަތްފުޅުގައެވެ.
ކުއްލި ހާލަތު އިއުލާންކޮށް ރައީސް މައުމޫން ބަންދު ކުރިތާ މިއަދަށް 55 ދުވަސް ވެފައިވާ އިރު މިއީ ރައީސް އިބްރާހީމް ނާސިރުގެ ވެރިކަމުގައި ވެސް ރައީސް މައުމޫން ބަންދުގައި ބަހައްޓާފައިވާ ވަރަށްވުރެ ދިގު މުއްދަތެކެވެ. އެހެން ކަމުން ރައީސް މައުމޫނު ހައްޔަރުކޮށްގެން އެންމެ ގިނަ ދުވަހު ގެންގުޅުއްވި ރައީސެއްގެ ރެކޯޑް ޔާމީން ހައްދަވާ އެ މަނިކުފާނު އެވަނީ ރާއްޖޭގެ ތާރީހުގެ ތެރެއަށް ވަޑެވަޑައިގެންފައެވެ.
މައުމޫން ބަންދު ކޮށްގެން ގެންގުޅުމުގެ ރެކޯޑް ވެސް ޔާމީން އަތްފުޅުގައި!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ