ޤައުމީ ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ރާއްޖޭގެ ރައްޔިތުންނަށް ތަހުނިޔާ ވިދާޅުވެއްޖެ

ދިވެހިރާއްޖޭގެ ގައުމީދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް، ރާއްޖޭގެ ރައްޔިތުންނަށް ތަހުނިޔާ ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޙިޠާބުގައި، ދިވެހި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރެއްވީ، ދިވެހި ޤައުމުގެ ރައްޔިތުންނަކީ، ޤައުމުދެކެ ލޯބިވާ، ޤާނޫނާއި ޤަވާއިދަށް ޙުރުމަތްތެރިކޮށްހިތާ، އެކަކު އަނެކަކަށް އިޙުތިރާމުކުރާ ރައްޔިތުންތަކަކަށް ވުމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވަނީ، ކޮންމެ ޤައުމެއްގެވެސް ޤައުމީ ދުވަހަކީ އެޤައުމެއްގެ މުވާޠިނުންގެ ހިތްތަކުގައި ގިނަގުނަ ޤައުމީ ޝުޢޫރުތަކެއް އާވެ އާލާވެގެންދާ ދުވަހެއްކަމަށެވެ. އެގޮތުން މިއަދަކީ ޤައުމާމެދު، އަދި ޤައުމުގެ ކުރިމަގާމެދު އާ އުންމީދުތަކެއް ކުރަންޖެހޭ ދުވަހެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އަދި ދިވެހިންގެ ދީނާއި ޤައުމިއްޔަތުގެ ދިފާޢުގައި، ބޭރުގެ އިސްތިޢުމާރީ ބާރުތަކާ ބޮޑުތަކުރުފާނު ކުރިމަތިލައްވައި، ހޯއްދެވި ނަޞްރާއި ކާމިޔާބީއަކީ، ދިވެހިންގެ ޤައުމިއްޔަތުގެ ބިންގާ އެޅިގެންދިޔަ ނަޞްރަކާއި ކާމިޔާބީއެއްކަމަށާއި، މި ދުވަހަކީ ޤައުމާމެދު ދިވެހި ދަރީންގެ ހިތްތަކުގައި ކުލުނާއި ލޯބި އުފެދިފައި އޮތް މިންވަރު ބަޔާންކޮށްދިން ޢިބްރަތްތެރި ހާދިސާއެއް ހިނގައިދިޔަ ދުވަހެއްކަމުގައި ރައީސުލް ޖުމްހޫރިއްޔާގެ ޚިޠާބުގައި ވިދާޅުވެފައިވެއެވެ.
" މިއަދުގެ ޢަޒުމަކީ ދިވެހިޤައުމު މިހާރު ދެކެމުންމިދާ ތަރައްޤީގެ މަޝްރޫޢުތައް ރައްޔިތުންނަށް އެންމެ ފައިދާހުރިގޮތުގައި ހުއްޓުމެއްނެތި ކުރިޔަށް ގެންދިއުން" ރައީސް ވިދާޅުވިއެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ، މާޒީގައި ޤައުމަށް ކުރިމަތިވެގެން ގޮސްފައިވާ ހިތާމައާއި ހިތްދަތިކަމުން ފުރިގެންވީ ދުވަސްތައް، އަލުން މި ދިވެހިޤައުމަށް ތަކުރާރުވިޔަ ނުދިނުމަށް މަސައްކަތްކުރުމަކީ އެމަނިކުފާނުގެ އަޒުމްކަމުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ