މައުސޫމްއަކީ ގޭންގު ރޭޕުގެ މައްސަލައެއްގައި ހޯދާ މީހެއް!

ހަތަރު މީހަކު ވެގެން ފުރާވަރު އަންހެންކުއްޖަކާ ގަދަކަމުން ބަދަލުއަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި ހޯދަމުންދާ މ. ހުނަރު، މަޢުޞޫމް އައްބާސް 24އ، ހޯދުމަށް ތިން ފަހަރު އިއުލާން ކުރުމުން ވެސް އޭނާ ނުފެނުމުން، އޭނާ ބައިވެރިވި ގޭންގު ރޭޕުގެ މައްސަލާގައި ތަފްސީލު ފުލުހުން ހާމަކޮށްފި އެވެ.
މައުސޫމުގެ މައްޗަށް ތުހުމަތު ކުރާ ގޭންގް ރޭޕުގެ މައްސަލާގައި ތަފްސީލު ހާމަކޮށް، ފުލުހުންގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ވީޑިއޯގައި ފެމިލީ އެންޑް ޗައިލް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ ހެޑް ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ މި މައްސަލައާއި ގުޅިގެން ތުހުމަތުކުރެވޭ ހަތަރު މީހުންގެ ތެރެއިން ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ގޭންގު ރޭޕް މައްސަލާގައި ހޯދަމުންދާ މައުސޫމް އައްބާސްއަކީ މިހާރު ފުލުހުން ފަށާފައިވާ އޮޕަރޭޝަނުގައި ފުލުހުން ހޯދަން ބޭނުންވާ 50 މީހުންގެ ތެރޭގައި ވެސް ހިމެނޭ މީހެކަށްވާއިރު މީނާ އަކީ ތަފާތު 16 މައްސަލައެއްގެ ކުށުގެ ރެކޯޑްސް އޮތް މީހެއް ކަމަށް ފުލުހުން ބުންޏެވެ. މީގެތެރޭގައި މާރާމާރީއާއި މަސްތުވާތަކެއްޗާއި ވައްކަމާއި ފޭރުމުގެ މައްސަލަތައް ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.
ގޭންގު ރޭޕް މައްސަލާގައި މައުސޫމް އައްބާސް ފިޔަވައި އެ މައްސަލަ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހުންގެ ތެރޭގައި ހިމެނެނީ އުމުރުން 18 އަހަރުގެ ފިރިހެނަކާއި އުމުރުން 19 އަހަރުގެ ފިރިހެއްނެއްގެ އިތުރުން އުމުރުން 22 އަހަރުގެ ފިރިހެނެކެވެ. މި މީހުންގެ ތެރެއިން އުމުރުން 22 އަހަރުގެ ފިރިހެނަކީ މިއަހަރުގެ ފެބްރުއަރީ މަހުގެ ފުލުހުން ހޯދުމަށް އިއުލާންކޮށްފައިވާ މީހެކެވެ. އަދި މި މައްސަލައިގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށުގައި ތިބި ތިން މީހުންނަކީ ވެސް ތަފާތު ކުށުގެ ރެކޯޑްސް އޮންނަ މީހުންނެވެ.
މައްސަލައާއި ގުޅޭގޮތުން ތަފްސީލު މައުލޫމާތު ހާމަކުރައްވަމުން ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޙަސަމް ޝިފާޢު ވިދާޅުވީ އަނިޔާ ލިބުނު ކުއްޖާއާއި ސުވާލުކުރުމުން އެ ކުއްޖާއާމެދު ހަތަރު މީހަކު އޭނާއަށް ބިރުދައްކައި ގަދަކަމުން ޖިންސީ ޢަމަލު ހިންގާފައިވާ ކަމަށް ބުނެފައިވާ ކަމަށާއި އެކުއްޖާ ފުލުހުންގެ މަރުކަޒަށް ހާޟިރުވިއިރު ކުއްޖާގެ ހަށިގަނޑުގެ ބޭރުފުށުން ގަދަކަމުން އެފަދަ ޢަމަލެއް ހިންގާފައިވާ ކަމުގެ ނިޝާންތަކެއް ފެންނަން ހުރި ކަމަށެވެ. އަދި ހާދިސާ ހިނގިއިރު ކުއްޖާ ލައިގެން ހުރި އަންނައުނާއި އެހެނިހެން ތަކެތީގެ ސާމްޕަލް ނަގައި ފޮރެންސިކް ހެކި ހޯދުމަށް އެނައިޒްކުރުމުގެ އިތުރުން ހާދިސާ ހިނގިތަން ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކޮށްފައިވާ ކަމަށެވެ.
މި މައްސަލައިގެ ތުހުމަތުކުރެވޭ 4 މީހުން ހޯދިފަައިވަނީ ކުއްޖާގެ ފަރާތުން ލިބުނު މަޢުލޫމާތާއި ތުހުމަތުކުރެވޭ ފަރާތްތަކުގެ ފޮޓޯ އާއި އެހެނިހެން މަޢުލޫމާތު އަލީގައިކަން ފާގަކުރައްވަމުން ޙަސަން ޝިފާޢު ވިދާޅުވީ މި މައްސަލައިގައި ކުއްޖާގެ ހަށިގަނޑުންނާއި އަންނައުނުން އަދި އެހެނިހެން ތަކެތިން ނެގުނު ސާމްޕަލްތައް ފޮރެންސިކް އެނަލައިޒް ކުރުމުން ނެގުނު މިކްސްޑް ޑީ.އެން.އޭ ޕްރޮފައިލްގައި އަނިޔާލިބުނު ކުއްޖާގެ ޕްރޮފައިލްގެ އިތުރުން މި މައްސަލައިގައި ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހުންގެ ޑީއެންއޭ ދިމާވެފައިވާ ކަމަށެވެ.http://www.youtube.com/watch?&v=FlnkE8hJEXs
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ