ސުޕްރީމް ކޯޓުގެ ދޮރުތައް ވައްޓާލައި ވަދެގަތް ސިފައިނާއި ފުލުހުން 15 ދުވަހަށް ޖަލަށްލުމަށް ހުކުމް އިއްވާފައިވާނެ: އުއްތަމަ ފަނޑިޔާރު

ދިވެރިރާއްޖޭގެ އެންމެ މަތީ ކޯޓް ކަމުގައިވާ ސުޕްރީމް ކޯޓުގެ ހުރުމަތް ކަނޑާލި ސިފައިނާއި ފުލުހުންގެ ބޭފުޅުންނަށް 15 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާނެ ކަމަށް ފުލުހުންގެ ބެލުމުގެ ދަށުގައި މިވަގުތު ދޫނިދޫގައި ހުންނެވި އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް އަބްދުﷲ ސައީދު ވިދާޅުވެއްޖެ އެވެ.
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުއާ ބައްދަލު ކުރެއްވުމަށްފަހު އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފުލުހުންނާއި ސިފައިން ދިވެހިރާއްޖޭގެ ސުޕުރީމް ކޯޓުގެ ދޮރުތައް ހަލާކޮށްލައިގެން ގަދަކަމުން ވަދެ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ހުރުމަތް ކަނޑާލުމުގައި އަމަލީ ގޮތުން ބައިވެރިވި ހުރިހާ ފުލުހުންނާއި ސިފައިންގެ މައްޗަށް އުއްތަމަ ފަނޑިޔާރަށް ލިބިވަޑައިގެންފައިވާ ބާރުގެދަށުން 15 ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް އެވަގުތުން ވަގުތަށް ހުކުމް އިއްވާފައިވާނެ ކަމަށް އުއްތަމަ ފަޑިޔާރު ވިދާޅުވެފައިވާ ކަމަށެވެ.
ބަޔާނުގައި ބުނެފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން 5 ފެބުރުއަރީ 2018 ވަނަ ދުވަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށްފަހު 6 ފެބުރުއަރީ 2018 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ރަޔަޓު ގިޔަރުގައިތިބި ދިވެހި ސިފައިނާއި ފުލުހުން، ނަހަމަގޮތުގައި ބާރުގެ ބޭނުންކޮށްގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ވަނީ އެއްވެސް ހުއްދައަކާ ނުލައި ކަމަށެވެ.
އަދި އެތަނުގެ ދޮރުތައް ހަލާކޮށްލައިގެން ވަދެ، އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް އަބްދުﷲ ސައީދުގެ ހަށިކޮޅަށް އަތްލައި، ބިން މައްޗަށް ވައްޓާލައި، ބިންމަތީގައި ދަމާ ކޫއްތައިގެން ހައްޔަރުކޮށް، ސަލާމަތީ ބާރުގެ ދަށަށް ގެންގޮސް، ދޫނިދޫގައި ބަންދު ކޮށްފައިވަނީ ގާނޫނުއަސާސީ އާއި ދިވެހި ރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގެ އިމުގެ ތެރެއިން ދައުލަތުގެ އަދުލުއިންސާފް ގާއިމް ކުރުމުގެ އެންމެ އިސް ފަރާތަށް ލިބިދޭ ގާނޫނީ ރައްކާތެރިކަމާއި އިމްތިޔާޒުތަކާ ކަނޑައެޅިގެން ހިލާފުވާ ގޮތަށް އަދި ގާނޫނީ އިޖުރާތުގެ ބޭރުން ކަމަށްވެސް ވަކީލުންގެ އެބަޔާނުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން އެބަޔާނުގައި ބުނެފައިވަނީ، އުއްތަމަ ފަނޑިޔާރު އަލްުއސްތާޛް އަބްދުﷲ ސައީދުގެ މައްޗަށް ސަރުކާރުން ކުރާ ތުހުމަތުތަކަކީ އެއްވެސް ހަގީގަތެއްގެ މައްޗަށް ބިނާކޮށްގެން ދައްކާ ވާހަކަތަކެއް ނޫން ކަމަށެވެ. އަދި އެތުހުމަތުތަކަށް އުއްތަމަ ފަނޑިޔާރު އިންކާރު ކުރައްވާ ކަަމަށާއި، ދައުލަތުގެ އެންމެ އިސް އެއްބާރުގެ އެންމެ އިސްފަރާތް ސިޔާސީ ސަބަބުތަކަށްޓަކއި ގާނޫނުއަސާސީއާ ހިލާފަށް ދޫނިދޫގައި ބަންދުކޮށްފައި ބެހެއްޓުމަކީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށްވެސް ވަކީލުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.
ސަރުކާރުން 15 ދުވަހަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ގާނޫނުއަސާސީގެ ގިނަ މާއްދާތަކަކަށް އަމަލުކުރުން ވަގުތީގޮތުން ހުއްޓުވުމަށްފަހު، ސަރުކާރުން ގެންދަނީ ފުލުހުން މެދުވެރިކޮށް ފަނޑިޔާރުންނާއި، އެކިއެކި ސިޔާސީ ބޭފުޅުން ހައްޔަރުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ