ސުޕްރީމް ކޯޓުން ނެރޭ އަމުރުތަކާ މެދު ބަހުސްކޮށް ޖަދަލުކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެ، އެ އަމުރު ތަންފީޒުކުރުމަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުލް ބާރީ ޔޫސުފް ގޮވާލައްވައިފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުކުރުން ސަރުކާރުން ލަސްކުރަމުންދާ ދިއުމާ ގުޅިގެން ގާޒީ ބާރީ ފޭސްބުކްގައި ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، ޝަރުއީ ކޯޓެއްގެ އަމުރުތަކާއި ހުކުމްތައް ތަންފީޒު ކުރުމުގައި ބަލަންޖެހޭނީ އެ ހުކުމްތަކާއި އަމުރުތަކުގެ ބޭރު ފުށަށް ކަމަށެވެ. އަދި ދަށު ކޯޓުތަކުގެ ހުކުމްތަކާ އަމުރުތަކާއި މެދު ހިތްހަމަނުޖެހޭ ނަމަ އިސްތިއުނާފު ކޮށްގެން އެއާ މެދު ވާހަކަ ދެއްކިދާނެ ކަމަށެވެ.
"އެންމެ މަތީ ކޯޓުގެ ހުކުމްތަކާއި އަމުރުތައް ތަންފީޒު ކުރުމަށްޓަކައި ބަހުސްކޮށް ޖަދަލު ކުރުމަކީ އެއްވެސް ޝަހުސަކަށް ލިބިގެންވާ ހައްގެއް ނޫން،" ގާޒީ ބާރީ ވިދާޅުވި އެވެ.
ގާޒީ ބާރީ އިތުރަށް ވިދާޅުވީ، "އެންމެ މަތީ ކޯޓުގެ ހުކުމްތަކާއި އަމުރުތައް ތަންފީޒު ކުރުމުން ދެން ނިކުންނަ ނަތީޖާއަކީ އެ ހުކުމްތަކާއި އަމުރުތައް ތަންފީޒު ނުކުރުމަށް ދައްކާ އުޒުރަކަށް އަދި ބަހަނާއަކަށް ވެގެން ނުވާނެ،" ކަމަށެވެ.
ސްޕްރީމް ކޯޓުން ބުރާސްފަތި ދުވަހުގެ ރޭ ނެރުނު އަމުރުގައި ބުނެފައިވާ ގޮތުން ދޫކޮށްލަން އަމުރު ކުރި ބޭފުޅުން ހައްޔަރުކޮށްފައި ވަނީ ސިޔާސީ ސަބަބުތަކަށްޓަކައި ކަމަށާއި، އެގޮތުން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައިގެން ހުކުމްތައް ކޮށްފައިވާ ކަމަށް ހުށަހެޅުނު ޝަކުވާތަކަށް ބެލިއިރު ފެންނާތީ އެބޭފުޅުންގެ ޝަރީއަތް އަލުން ބޭއްވެންދެން ކަމަށެވެ.
އަދި އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަޤުވާމީ މުއާހަދާތަކާއި ކަނޑައެޅިގެން ހިލާފަށް ހިންގާފައިވާ ޖިނާއީ ތަހުގިގުތަކުގެ މައްޗައް ބިނާކޮށް ދައުވާ އުފުލައިގެން ކަމަށާއި، އެހެންކަމުން އެ މައްސަލަތައް އަލުން ބަލައި ގޮތެއް ކަނޑައަޅަން ޖެހޭތީ ކަމަށް ވެސް އަމުރުގައިވެ އެވެ.
ސުޕްރީމް ކޯޓުންގެ އަމުރުތަކާމެދު ޖަދަލު ނުކުރެވޭނެ، އަމުރު ތަންފީޒު ކުރޭ - ގާޒީ ބާރީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ