"މައުމޫން ވިދާޅުވީ ތެދުފުޅެއް، އެމަނިކުފާނު އެހުންނެވީ ވައަތަށް އެނބުރިވަޑައިގެން"

އިދިކޮޅު ފަރާތްތަކުން ކުނޫޒުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ތިމަން މަނިކުފާނުގެ ސިކުނޑި ވައަތަށް އެނބުރެން ފަށާފައިވާކަމަށް ކުރީގެ ރައީސް މައުމޫން ވިދާޅުވުމީ ވަރަށް ބޮޑު ތެދުފުޅެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
ޗެނަލް ތޭރައިން ގެނަސްދޭ "ނަނާ ހުވަފެން" ޕްރޮގުރާމުގައި ވާހަކަފުޅު ދައްކަވަމުން މޫސަ ވިދާޅުވީ ކުރީގެ ރައީސް މައުމޫނަކީ ވަރަށް ޢިލްމީ ބޭފުޅެއްކަމަށާއި، ކޮންމެ ކަމެއްގައިވެސް މުސްލިމް ފިރިހެނުން ކަނާއަތް އިސްކުރާކަން މައުމޫނަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.
މޫސަ ވިދާޅުވީ ކަނާއަތް ރަމްޒުކޮށްދެނީ ޢާއިލާއާއި، ރަޙުމަތްތެރިންނާއި ހެޔޮ ކަންކަންފަދަ ފަރުދީ ގޮތުން ލާޒިމްކުރާ ކަންކަންކަމަށެވެ. އެހެންކަމުން ވައަތަށް އެނބުރިވަޑައި ގެންނެވުމުން ޢާއިލާއާއި ހެޔޮގޮތް އޮޅި ވަޑައިގަންނަވާނެ ކަމަށް، މޫސަ ވަނީ ސިފަކުރައްވާފައެވެ.
"ކަނާއަތް ރަމްޒުކޮށްދެނީ ޢާއިލާއާއި ޤައުމިއްޔަތު. މިހުރިހާކަމެއް ދޫކޮށްލައްވާފަ މުޅިން އެހެން ފަރާތަކަށް އެނބުރިވަޑައިގެން ނޫންތޯ އެހުންނެވީ. މައުމޫނު އެވިދާޅުވީ ތެދުފުޅެއް. ހަމަ ވަރަށް ބޮޑު ތެދުފުޅެއް" މޫސަ ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެމްބަރުކަންވެސް ކުރައްވާ މޫސަ ވިދާޅުވީ އެމަނިކުފާނު އެމްޑީޕީގައި ހުންނެވި ދުވަސްވަރު، ރައީސް ނަޝީދު އިސްލާމް ދީނާއި ޚިލާފު ވާހަކަފުޅު ދެއްކެވުމުން ރައްޔިތުންގެ ފަރާތުން ޝަކުވާތަކެއް ލިބެމުން ދިޔަކަމަށެވެ. އެހެންނަމަވެސް އިސްލާމީ ތަޢުލީމު ލިބިވަޑައިގެން ހުންނަވާ މައުމޫނަށް ނަޝީދުގެ ފަރާތުން ހިތްވަރު ލިބިގަންނަން ޖެހިވަޑައި ގެންނެވުމުން ސަމުގާ މުޅިން ވައަތަށް އެނބުރިއްޖެކަން ސާފުވާކަމަށް މޫސަ ވިދާޅުވިއެވެ.
ރޭގެ ޕްރޮގުރާމުގައި މޫސަ ވިދާޅުވީ އިންތިޚާބެއްގައި ރައީސް ހޮވުމަށް ވޯޓުދެނީ ރައްޔިތުންކަމަށާއި، އޭގެ ތެރެއިން 5 ރައްޔިތުން ފަޅިބަދަލު ކުރެއްވުމުން ވެރިކަމުގެ ސައްޙަކަން ނުގެއްލޭނެ ކަމަށެވެ. ނަޝީދާއި، މައުމޫނާ، ޤާސިމާއި، އިމްރާނާއި އަބްދުﷲ ރިޔާޒު ރައީސް ޔާމީނަށް ތާޢީދު ނުކުރައްވާކަމަށް ވިދާޅުވުމުން ރައީސް ޔާމީން އިސްތިޢުފާ ދެއްވަން ނުޖެހޭނެކަމަށާއި، މެޖޯރިޓީ ރައްޔިތުން ލީވޯޓުގެ ބާރު ދަމަހައްޓަން ޖެހޭކަމަށްވެސް މޫސަ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ