ހާލުކޮޅު ބޮޑުވެ ރައީސް މައުމޫނު އޭޑީކޭއަށް

ސިއްހީ މައްސަލަތަކެއް ކުރިމަތިވެފައިވާ ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމް ޑޮކްޓަރަށް ދެއްކުމަށް މިއަދު އޭޑީކޭ ހޮސްޕިޓަލަށް ގެނެސްފިއެވެ.
ދޫނިދޫގައި ހައްޔަރުކޮށްފައިވާ ރައީސް މައުމޫނު ޑޮކްޓަރަށް ދެއްކުމަށް މިއަދު އޭޑީކޭއަށް ގެނެސްފައިވާއިރު ރައީސް މައުމޫނުގެ ސިއްހީ ހާލުކޮޅު ބޮޑުވަމުންދާކަމަށް އާއިލާއިންވަނީ ބުނެފައެވެ.
ރައީސް މައުމޫނުގެ ސިއްހީ ހާލުކޮޅާއި މެދު އާއިލާއާއި ވަކީލުން އަދި އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު ސިއްހީ ހާލުކޮޅު ބޮޑުވުމުގެ ސަބަބުން އެންމެ ފަހުން ތާވަލުކުރި ޝަރީއަތުގެ އަޑުއެހުންތައްވެސްވަނީ ކެންސަލްކުރަން ޖެހިފައެވެ. ނަމަވެސް އަނެއްކާވެސް އަންނަ އާދީއްތަ ދުވަހަށް ރައީސް މައުމޫނުގެ މައްޗަށްކުރާ ދައުވާއެއްގެ އަޑުއެހުމެއް މިހާރުވަނީ ތާވަލުކޮށްފައެވެ.
ރައީސް މައުމޫނުގެ މައްޗަށް ކުރާ އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅުމުގެ ދައުވާގެ އަޑު އަޑުއެހުމެއް ކްރިމިނަލް ކޯޓްގައި ތާވަލުކޮށްފައިވަނީ އަންނަ އާދީއްތަ ދުވަހުގެ 15:00 އަށެވެ.
އާއިލާއިން ގެންދަނީ މިމަހުގެ ދެވަނަ ދުވަހުން ފެށިގެން ރައީސް މައުމޫންގެ ހާލުކޮޅު ގޯސް ކަމަށް ބުނެ އެމަނިކުފާނު ގެއަށް ބަދަލު ކުރުމަށް ގޮވާލާ ގޮވާލުމުގެ އަޑު ހަރު ކުރަމުންނެވެ.
އާއިލާއިން ބުނެފައިވާ ގޮތުގައި އެމަނިކުފާނަށް ކުރިމަތިވެވަޑައިގެންފައިވާ މައްސަލައަކީ ބެނިން ޕްރޮކްސިމަލް ޕޮޒިޝަނަލް ވާޓީގޯ(ބީޕީޕީވީ) ނަމަކަށް ކިޔާ ހާލަތެކެވެ.
އެ ހާލަތު މެދުވެރިވަނީ އުމުރުން ދުވަސްވުމުގެ ސަބަބުންނާއި ބޮލަށް ލިބޭ ގެއްލުމެއްގެ ސަބަބުންނެވެ. ބީޕީޕީވީއަކީ ކަންފަތުގެ އެތެރެއަށް ދިމާވާ މައްސަލައެއްގެ ސަބަބުން ކުރިމަތިވާ ހާލަތެކެވެ.
އެ ހާލަތު ކުރިމަތިވުމުން ބޮލަށް ގެންނަ ހަރަކާތެއްގެ ސަބަބުން ބެލެންސުން ނެއްޓި މީހާ ވެއްޓޭ ގޮތް މެދުވެރިވެދާނެއެވެ. އަދި އެ ހާލަތު ކުރިމަތިވާ މީހާއަށް އޭނާގެ ވަށައިގެން ހުންނަ އެއްޗެހި އެބުރޭހެން ހީވެދާނެއެވެ. އޭގެއިތުރުން ސްޓްރޯކް ޖެހުން ފަދަ ނުރައްކާތެރި ސިއްހީ މައްސަލަތައް ކުރިމަތިވެދާނެއެވެ.
ޤާނޫނާއި ހިލާފަށް ވެރިކަން ވައްޓާލަން މަސައްކަތް ކުރިކަމުގެ ތުހުމަތާއި އިތުރު ތުހުމަތުތައްކޮށް ރައީސް މައުމޫނު ހައްޔަރުކޮށްފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމަށްފަހު މިއަހަރުގެ ފެބްރުއަރީ ފަސް ވަނަ ދުވަހުގެ ރޭ މެންދަމުގެ ވަގުތެއްގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ