ވިލާއާ ގުޅޭގޮތުން ދޮގު ވާހަކަތައް ފަތުރަނީ ގާސިމް ބަދުނާމުކުރަން: ޖޭޕީ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިޔަފާރި ކުންފުނި، ވިލާ ގުރޫޕާ ގުޅޭގޮތުން ބަޔަކު މީހުން ސިޔާސީ މަންފާ ހޯދުމުގެ ބޭނުމުގައި ހަގީގަތާ ހިލާފު ވާހަކަތައް ފަތުރަމުންދާ ކަމަށް ބުނެ އެކަން ޖުމްހޫރީ ޕާޓީން ކުށްވެރިކޮށްފި އެވެ.
އެ ޕާޓީން މިރޭ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ކޮވިޑް19 ގެ ދަށުން މުޅި ދުނިޔެ ކަންބޮޑުވުމުގައިވާ މިފަދަ ދަނޑިވަޅެއްގައި ހަގީގަތާއި އިންތިހާއަށް ދުރު ވާހަކަތައް ސިޔާސީ ބޭނުމުގައި ބައެއް ފަރާތްތަކުން ދައްކަމުންދާ ކަމަށެވެ.
ގާސިމްގެ ނަން ކިލަނބުކުރުމުގެ ބޭނުމުގައި އަދި ބަޔަކު ސިޔާސީ މަންފާއެއް ހޯދުމުގެ ބޭނުމުގައި ދައްކާ ހަގީގަތެއް ނެތް ވާހަކަތައް އެޕާޓީން ކުށްވެރިކުރާ ކަމަށާ ތެދު ބަހުން ވާހަކަ ދައްކާ އަދި ހަގީގަތް ހާމަކުރަން ފަސްޖެހޭ ކޮންމެ ދިވެއްސަކު ގާސިމަކީ ދީލަތި ބޭފުޅެއް ކަމަށް ގަބޫލުކުރާނެ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
"ގައުމަށް ދިމާވެފައިވާ މި ހިތްދަތި، ނާމާން ކަމުން ފުރިގެންވާ ބިރުވެރި އަދި އިގްތިސާދީ ގޮތުން ގާސިމްގެ ކުންފުނީގެ ހާލަތުވެސް ގޯސްވެފައިވާ މި ދަނޑިވަޅުގައިވެސް އިންސާނިއްޔަތަށްޓަކައި އެމަނިކުފާނު އެ ގެންދަވަނީ އެފަދަ ދެވަނައެއް ލާމަސީލު މިސާލުތައް ދައްކަވަމުން." ޖޭޕީގެ ބަޔާނުގައިވެއެވެ.
ޖުމްހޫރީ ޕާޓީން ބުނީ މި ވަގުތަކީ ޒާތީ ތައައްސުބާއި ސިޔާސީ ވާދަވެރިކަން ދޫކޮށް އެންމެން އެކަތިގަނޑަކަށްވެ، އެއްބައިވަންތަކަން އިސްކޮށް ގައުމަށް ދިމާވެފައިވާ މުސީބާތުން ސަލާމަތްވޭތޯ އެމީހަކަށް ކުރެވެން ހުރި މަސައްކަތެއް ކުރަންވީ ވަގުތު ކަމަށެވެ.
ގާސިމްގެ ވިލާ ގުރޫޕުން ރިސޯޓް ހިންގަމުންދިޔަ ރަށްތަކުގެ ތެރެއިން ފަން އައިލެންޑް، ހޮލިޑޭ އައިލެންޑް ރިސޯޓްގެ އިތުރުން ރޯޔަލް އައިލެންޑް ރިސޯޓް ވަނީ ކަރަންޓީ ފެސިލިޓީއަށް ސަރުކާރާ ހަވާލުކޮށްފައެވެ.
ގާސިމް ވިދާޅުވީ އެމަނިކުފާނުގެ ކުންފުނިން ހިންގަމުންދާ ތިން ރަށް ސަރުކާރާ ހަވާލުކުރީ އެ ރިސޯޓްތަކުގައިވާ ހުރިހާ ތަކެއްޗެއް ހުސްވަންދެން ބޭނުން ކުރުމުގެ ހުއްދައާއެކު ކަމަށެވެ. ކަރަންޓީނަށް ދޫކޮށްފައިވާ ރަށްތަކުން ކޮންމެ ކޮޓަރިއަކަށް ސަރުކާރުން 750 ރުފިޔާ ދިނުމަށް ނިންމިއެވެ. ނަމަވެސް ގާސިމް ވިދާޅުވީ ކޮވިޑް19 ގެ ނުރައްކަލުން ސަލާމަތްވުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް އެހީތެރިވުމަށްޓަކައި އެމަނިކުފާނުގެ ފަރާތުން ދޭ އެއްވެސް އެހީތެރި ކަމަކަށް ބަދަލު ބޭނުންނުވާ ކަމަށެވެ.
"އަޅުގަނޑު ބޭނުމެއް ނޫން މީގެ ބަދަލުގައި ސަރުކާރުން ކިތަންމެ ބޮޑު އެއްޗެއް ދެއްވިޔަސް." ގާސިމް ވިދާޅުވިއެވެ.
ގާސިމްއާ ވިލާ ކުންފުންޏަށް ބައެއް ފަރާތްތަކުން ފާޑުކިޔަމުން ދަނީ އެ ކުންފުނީގެ މުވައްޒިފުންގެ މުސާރަތައް ކުޑަކުރަން ނިންމުމުންނެވެ.
އެކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ސިޔާސީ ބޭނުމުގައި ވިޔަފާރިވެރިންގެ އަގު ވައްޓާލަން ބަޔަކު އަޑީގައި ތިބެން ޒާތްޒާތުގެ ވާހަކަތައް ފަތުރަމުންދާއިރު އެއީ ގައުމުގެ މަސްލަހަތު ނަގާލުމަށް ކުރެވެމުންދާ ކަމެއް ކަމަށެވެ.
މުވައްޒިފުންގެ މުސާރަ ކުޑަކުރީ އެއްވެސް ބޭންކަކުން ލޯނެއް ނުލިބުމުންކަން ފާހަގަކުރައްވާ ގާސިމް ވިދާޅުވީ ސަރުކާރުން ވިޔަފާރިތަކަށް ލޯން ފެސިލިޓީއެއް ހަމަޖައްސައިދެއްވާނެކަން އިއުލާނު ކުރެއްވުމުން 10،000 ދަށުގެ މުސާރަ ލިބޭ އެއްވެސް މުވައްޒިފެއްގެ މުސާރަ ކުޑަނުކުރުމަށް މިހާރު ނިންމާފައިވާނެ ކަމަށެވެ.
"ބަޔަކު ކޮންމެ އެއްޗެއް ކީނަމަވެސް ނެތް އެއްޗެއް ނުދެވޭނެ، ދަރަންޏަށްވެސް އެއްޗެއް ލިބޭނަމަ ނޫންތޯ ދެވޭނީވެސް. ވަރަށް މަސައްކަތް އެބަކުރަން ބޭންކަކުންވެސް ލޯނެއް ލިބޭތޯ." ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ލޯނެއް ހޯދައިގެން ވިޔަސް މުވައްޒިފަކަށް ދެރައެއް ނުލިބޭނެ ގޮތަކަށް ކަންކަން އިންތިޒާމު ކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. އަދި ވިލާ ކުންފުނިން މީގެ ކުރިން ދުވަހަކުވެސް މުވައްޒިފަކަށް ދެރަވާނެ ގޮތަކަށް ކަންކަން ކުރައްވާފައި ނުވާނެ ކަމަށެވެ.
މީގެ އިތުރުން ގާސިމް ވަނީ ވިލާ ގުރޫޕްގެ އަގު ވައްޓާލާ އެމަނިކުފާނާ، ކުންފުންޏާ ގުޅޭގޮތުން ވާހަކަ ދައްކަވާ ބޭފުޅުން ދައުލަތަށް ކިހާ ފައިސާއެއް ދައްކަންތޯ ނުވަތަ ދިވެހި ރައްޔިތަކަށް ކިތަށް ވަޒީފާ ދީފައިވޭތޯ ސުވާލު ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ