ކުރީގެ މެމްބަރު ނާޒިމް ބޭސްފަރުވާއަށް ސިންގަޕޫރަށް ވަޑައިގެންފި

މަކަރާއި ހީލަތް ހެދިކަމުގެ ކުށް ސާބިތުވެ، 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން އަންނަ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބް ރައީސް އަހުމަދު ނާޒިމް ބޭސްފަރުވާއަށް ސިންގަޕޫރަށް ވަޑައިގެންފިއެވެ.
ނާޒިމް ސިންގަޕޫރަށް ބޭސްފަރުވާއަށް ވަޑައިގަތީ 15 ދުވަހަށެވެ.
ނާޒިމްއަށް ސިންގަޕޫރަށް ފުރާވަޑައިގަނެވުނީ، ނާޒިމްއަށް ރާއްޖެއިން ބޭރަށް ފުރައިގެން ދިއުން މަނާކުރުމަށް އެދި ސުޕްރީމް ކޯޓުން އިމިގްރޭޝަން ޑިޕާޓްމެންޓުގެ މައްޗަށް ކުރި އަމުރެއް އެކޯޓުން ބާތިލު ކުރުމާއި ގުޅިގެންނެވެ.
ނާޒިމްއަށް ފުރައިގެން ނުދެވޭ ގޮތަށް ހެދައިދިނުމަށް އިމިގްރޭޝަން ޑިޕާޓްމެންޓުގެ މައްޗަށް ސުޕްރީމް ކޯޓުން އަމުރުކުރީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އޭރު، ސުޕްރީމް ކޯޓުން ދިޔައީ ނާޒިމްގެ މައްޗަށް ކުރެވިފައިވާ ކޮރަޕްޝަންގެ މައްސަލަތަކެއް ބަލަމުންނެވެ.
ނާޒިމްގެ މައްޗަށް ކުރެވުނު ދައުވާ ސާބިތުވެ، އޭނާ 25 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރެވި، އޭނާ ޖަލަށް ގެންދިޔަ ފަހުން އޭނާގެ ސިއްހީ ބޮޑެތި މައްސަލަތަކެއް ދިމާވަމުން އަންނަކަން ވަނީ ހާމަވެފައެވެ. އެގޮތުން، އެތައް ފަހަރެއްގެ މަތިން އޭނާ ހޮސްޕިޓަލަށް ގެެނެވި ފަރުވާ ދެވިފައިވެއެވެ.
ނާޒިމް ފުރުން މަނާކޮށް، ސުޕްރީމް ކޯޓުން ކުރި އަމުރު ބާތިލުކޮށްފައިވާ އިރު، ނާޒިމްގެ ސިއްހީ މައްސަލައެއް ކުރިމަތިވެ، ރާއްޖެއިން ހެދެން ނެތް ޓެސްޓުތަކެއް ހެދުމަށް ސިންގަޕޫރަށް ދިއުމަށް ނާޒިމްގެ ފަރާތުން ވަނީ ސުޕްރީމް ކޯޓުގައި ހުއްދައަށް އެދިފައެވެ.
ނާޒިމްއަށް މިދިޔަ ނޮވެމްބަރު 10 ވަނަ ދުވަހުން ފެށިގެން އައިޖީއެމްއެޗުން ފަރުވާ ދެވެމުން ގެންދެވުނު އިރު، އޭނާ ސިންގަޕޫރަށް ހަމަޖެހފިައި އޮތީ މިހަފްތާގެ އާދީއްތަ ދުވަހުގެ ރެއެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ އަމުރަށް، ނާޒިމް ފުރުން އިމިގްރޭޝަނުން މަނާ ކޮށްފައި އޮތުމުން އޭނާ ފުރުމަށް ބޭނުންވާ ލިޔެކިޔުންތައް އިމިގްރޭޝަނުން ފޯރުކޮށްދެވޭ ގޮތް ވަނީ ނުވެފައެވެ.
ނާޒިމް އުމުރު ދުވަހަށް ޖަލަށް ލުމަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުގެ އިއްތިފާގުން ހުކުމްކުރީ ދައުލަތުން އުފުލާފައިވާ މަކަރާއި ހީލަތް ހެދުމުގެ ހަތަރު މައްސަަލައިގެ ތެރެއިން އެއް މައްސަލަ ސާބިތުވުމާއި ގުޅިގެން މިދިޔަ އޭޕްރީލް މަހުގެ ހަވަނަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ