ސްޓެލްކޯއިން ބޭނުންކުރާ މައި ޖަނަރޭޓަރެއް ހަލާކުވުމާއި ގުޅިގެން، މާލޭގައި ކަރަންޓު ބޭނުންކުރާ މިންވަރު މަދުކުރުމަށް އެ ކުންފުނިން އިލްތިމާސް ކޮށްފިއެވެ.
ސްޓެލްކޯ އިން މާލެއަށް ކަރަންޓް ދިނުމަށް ބޭނުންކުރާ އެންމެ ބޮޑު ދެ ޖަނަރޭޓަރުގެ ތެރެއިން އެއް ޖަނަރޭޓަރު ހަލާކުވެފައިވާއިރު، ޖަނަރޭޓަރަށް ދިމާވެފައިވަނީ ވަރަށް ބޮޑު މައްސަލައެއް ކަމަށާ، ޖަނަރޭޓަރު މަރާމާތު ކުރުމަށް ދުވަސްތަކެއް ނަގާނެ ކަމަށް އެކުންފުނީގެ އިންޖިނޭރަކު މިއަދު މީޑިއާގައި ވިދާޅުވެފައިވެއެވެ.
ވަގުތަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޖަނަރޭޓަރުން ހަލާކުވެފައިވާ ބައި ހެދުމަށް ރާއްޖެއިން ބޭރުން ބައެއް ސްޕެއާ ޕާރޓްސް ގެނައުމުގެ މަސައްކަތް މިޙާރު ދަނީ ކުރަމުންނެވެ. އަދި މި ސްޕެއާ ޕާރޓް ލިބިގެން، ޖަނަރޭޓަރު މަރާމާތު ކުރުމަށް ދެ ހަފްތާ ވަރު ވާނެ ކަމަށް މަޢުލޫމާތު ލިބެއެވެ.
ޖަނަރޭޓަރު ހަލާކުވުމާއި ގުޅިގެން ސްޓެލްކޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބޮޑު މަރާމާތެއް ކުރުމަށް އެއް ޖަނަރޭޓަރު ނިއްވާލާފައިވާ ކަމަށާއި އެހެންކަމުން މާލެއަށް ބޭނުންވާ ކަރަންޓު އުފެއްދޭ މިންވަރު މަދުވާނެ ކަމަށެވެ. ކަރަންޓު އުފެއްދޭ މިންވަރު މަދު ވުމުން، މާލޭގައި ކަރަންޓް ބޭނުންކުރާ މިންވަރު މަތިވާ ނަމަ މާލޭގެ އެކި ސަރަހައްދުތަކުން ދޭތެރޭ ދޭތެރެއިން ކަރަންޓު ކަނޑާލާނެ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.
"...ވީމާ ކަރަންޓް ބޭނުންކުރައްވާ ވަރު މަދުކުރެއްވުމަށާއި، ޚާއްސަކޮށް މަތީ ކަރަންޓް ބޭނުންވާ ތަކެތި ބޭނުންކުރެއްވުމުގައި މިވަގުތަށް ސަމާލުވެވަޑައިގަތުމަށް މިކުންފުނިން އިލްތިމާސް ކުރަމެވެ." ބަޔާނުގައި ވެއެވެ.
މިކަމާއި ގުޅިގެން މާލޭގެ ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަކަށްޓަކައި ސްޓެލްކޯއިން މަޢާފަށް އެދޭ ކަމަށް ވެސް އެކުންފުނިން ވަނީ ބުނެފަ އެވެ.
މާލެއަށް ކަރަންޓު އުފައްދާ ޖަނަރޭޓަރެއް ހަލާކުވެ، ދޭތެރެ ދޭތެރޭން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ