ނޫމަޑިއަށް ބަދަލުގެ ގޮތުގައި ލިބުނު މިންވަރު 55 މިލިއަން ޑޮލަރަށްވުރެ ބޮޑު!

ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސް (ނޫމަޑި) އަށް ބަދަލުގެ ގޮތުގައި ލިބުނު މިންވަރު 55 މިލިއަން ޑޮލަރަށް ވުރެ ބޮޑު ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
ނޫމަޑިއާ ދެމެދު 2011 ގައި ސޮއިކުރެވުނު އެއްބަސްވުމަކީ 600 ހައުސިން ޔުނިޓު އެޅުމަށާއި އޭގެ ފަހުން 2013 ގައި 500 ހައުސިން ޔުނިޓް، ޕޮލިސް އެކެޑަމީ ފޭސް 1، ތިން ރަށެއްގެ ނަރުދަމާގެ ނިޒާމް ގާއިމުކުރުމަށް ސަރުކާރާ ވެވުނު އެއްބަސްވުންތަކެވެ.
ނޫމަޑި އަށް ދައުލަތުން ބަދަލުދޭން ޖެހުނީ އެ ދެ އެއްބަސްވުން ގާނޫނާ ޚިލާފަށް ކުރީގެ ސަރުކާރުން އުވާލުމުންނެވެ. އެގޮތުން މި ސަރުކާރުން ވަނީ ކޯޓުން ބޭރުގައި މައްސަލަ ހައްލުކޮށް އެ ކުންފުންޏަށް 55 މިލިއަން ޑޮލަރު ދީ ނިންމާފައެވެ.
އެކަމާ ގުޅިގެން މެމްބަރު އުޝާމް މިއަދު ވިދާޅުވީ ނޫމަޑިއަށް ސަރުކާރުން ދީފައިވަނީ 55 މިލިއަން ޑޮލަރު ނޫން ކަމަށެވެ. އެގޮތުން ހުޅުމާލޭގައި ސިފައިންގެ ފްލެޓްތައް އަޅަން އެމްއެންޑީއެފްގެ ސިފްކޯއިން ނޫމަޑިއަށް އެޑްވާންސްގެ ގޮތުގައި ދިން ފައިސާގެ ތެރެއިން ސިފްކޯއަށް އަނބުރާދޭން ޖެހޭ ކަމަށް އޮޑިޓް ރިޕޯޓްތަކުގައިވާ 92 މިލިއަން ރުފިޔާ ވެސް ދޭން ނުޖެހޭ ކަމަށް ސަރުކާރުން އެ ކުންފުންޏާއެކު ވެފައިވާ ސެޓްލްމަންޓް އެގްރީމަންޓްގައި ހިމަނާފައިވާ ކަމަށެވެ.
"އެހެންވީމަ ނޫމަޑިއަށް ބަދަލުގެ ގޮތުގައި ލިބުނު މިންވަރަކީ 55 މިލިއަން ޑޮލަރަށްވުރެ މާބޮޑު އަދަދެއް. އެމްއެންޑީއެފްގެ ސިފްކޯ ޕްރޮޖެކްޓަކީ ނޫމަޑިއިން އާބިޓްރޭޝަނަށް ހުށައެޅި މައްސަލައާއި އެއްވެސް ގުޅުމެއް އޮތް ޕްރޮޖެކްޓެއް ވެސް ނޫން" އުޝާމް ވިދާޅުވި އެވެ.
Ehenveema Noomadi ah badhaluge gothugai libunu minvaru $55m ah vure maa bodu.
MNDF Sifco flat project akee Noomadi in hushahelhi arbitration aa ehves gulhumeh oiy project ehves noon. 2/2https://t.co/HEK1oSgxB1https://t.co/oCQc17yXdv
— Ahmed Usham (@a_usham) February 14, 2020
ކުރީގެ ސަރުކާރުން ނޫމަޑިއާ އެކު ވެފައިވާ އެއްބަސްވުން ވަކި ހިސާބަކުން އުވާލާފައިވަނީ ނޫމަޑި އިން ކޮންޓްރެކްޓާ ޚިލާފުވި ކަމަށް ބުނެއެވެ. ނަމަވެސް އެކުންފުނިން ބުނެފައިވަނީ އެއްބަސްވުމާ ޚިލާފު ވެފައިވަނީ ސަރުކާރުން ކަމަށެވެ. އެގޮތުން ނޫމަޑިއަށް ރިސޯޓެއް ގާއިމްކުރުމަށް ދިން ރަށެއް އެއްބަސްވުމާ ޚިލާފަށް ސަރުކާރުން ނަގާފައިވާ ކަމަށާއި އެއީ ވަރަށް ބޮޑު ގެއްލުމެއް ކަމަށް ބުނެފައިވެއެވެ.
ރަށް އަތުލުމުން ކޮންޓްރެކްޓުކުރި މަސައްކަތްތައް ހުއްޓާލާފައިވާ ކަމަށް ނޫމަޑިއިން އޭރު ބުނެފައިވާއިރު 80 ޕަސެންޓު މަސައްކަތް ނިމިފައިވާ ކަމަށް ބުނެފައިވެއެވެ. ނަމަވެސް މަސައްކަތް ނިންމާފައިނުވާތީ ރައްޔިތުންނަށް އޭގެ އެއްވެސް މަންފާއެއް ކުރެވިފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ