އަބްދުﷲ ގާޒީ ހައްޔަރު ކުރުމަކީ ގާނޫނީ ކުށެއް، އެއީ ދެވުނު އަނިޔާއެއް: އިމްރާން

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ހައްޔަރު ކުރުމަކީ ގާނޫނީ ކުށެއް ކަމަށާއި އެއީ އަބްދުﷲ ގާޒީއަށް ދެވުނު އަނިޔާއެއް ކަމަށް އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ. "އަނިޔާވެރިކަމާ ދެކޮޅަށް ދިވެހީން"ގެ ގުޅުމުން ބޭއްވި ހިނގާލުން ފެށުމުގެ ކުރިން، އާޓިފިޝަލް ބީޗްގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ، އޭނާ އަކީ ވެސް ރައީސް ނަޝީދު ވެރިކަމަށް ގެނައުމަށް ބުރަ މަސައްކަތްތަކެއް ކުރެއްވި މީހެއް ކަމަށެވެ. އެހެންނަމަވެސް ރައީސް ނަޝީދުގެ އަރިސް ބައެއް ބޭފުޅުން ދެއްވި ވަކި ވިސްނުންތަކެއްގެ ސަބަބުން ރައީސް ނަޝީދު "ހަމަ މަގުން އެއްކިބާވެގެން" ދިޔަ ކަމަށް އިމްރާން ވިދާޅުވި އެވެ. "އާދެ، ހަމަމަގުން އެއްކިބާވެގެން ގޮސް އަބްދުﷲ ގާޒީ ހައްޔަރުކުރާ ހިސާބަށް ދިޔައިރު އަޅުގަނޑު ހުރީ ނިކަން ރަނގަޅަށް މަގުމަތީގައި. އާދެ ކީއްވެތޯ. އަޅުގަނޑު މިއަދު ވެސް ދަންނަވާނީ އަބްދުﷲ ގާޒީ ހައްޔަރު ކުރުމަކީ ގާނޫނީ ކުށެއް. އެއީ ގާނޫނާ ހިލާފު ކަމެއް. އެއީ ދެވުނު އަނިޔާއެއް. އެދުވަހު ވެސް އަޅުގަނޑުމެން ނުކުތީ އަނިޔާއާ ދެކޮޅަށް. ހައްގާ އަދުލު އިންސާފު ގާއިމް ކުރުމަށް،" އިމްރާން ވިދާޅުވި އެވެ. އިމްރާން ވިދާޅުވީ، ރައީސް ނަޝީދުގެ ސަރުކާރުގައި އަބްދުﷲ ގާޒީ ދޫކޮށްލުމަށް ގޮވާލައި މަގުމަޗަށް ނުކުންނެވީ ހައްގަށް ކަމަށްވާ ނަމަ މިއަދު ރައީސް ނަޝީދުގެ ދިފާއުގައި ވެސް ތެދުވަން ޖެހޭ ކަމަށެވެ. އެހެންނަމަވެސް މިއަދުގެ ސަރުކާރުން ރައީސް ނަޝީދަށް ދީފައި ވަނީ އެމަނިކުފާނު ކުރެއްވި ކުށަށް ހައްގު އަދަބު ނޫން ކަމަށް އިމްރާން ވިދާޅުވި އެވެ. "މާދަމާ އެހެން ބޭފުޅަކު ވެރިކަމަށް ވަޑައިގެން ރައީސް ޔާމީނަށް އަނިޔާވެރިވިއަސް އިމްރާން ހުންނާނީ ނުކުމެއޭ. އެހެންވީމަ މިއީ ޒާތީ މައްސަލައެއް ނޫން. މިއީ އަބްދުﷲ ގާޒީއާ ގުޅިފައިވާ މައްސަލައެއް ނޫން. މިއީ ރައީސް ނަޝީދާ ގުޅިފައިވާ މައްސަލައެއް ނޫން. މިއީ ރައީސް ޔާމީނާ ގުޅިފައިވާ މައްސަލައެއް ނޫން. މިއީ އަދުލު އިންސާފު. މިއީ ހައްގު. ހައްގުގައި ދެމި ތިބުން،" އިމްރާން ވިދާޅުވި އެވެ. އިމްރާން ވަނީ ރައީސް ނަޝީދަށް ދެމުން ގެންދާ އަނިޔާ މިހާރުން މިހާރަށް ހުއްޓާލުމަށް މިއަދުގެ ސަރުކާރަށް ގޮވާލައްވައިފައެވެ. ގާނޫނާއި ގާނޫނު އަސާސީގެ ރޫހަކީ އަދުލު އިންސާފާއި ރައްކާތެރިކަމާ ހަމަ ހަމަކަން ކަމަށް އިމްރާންގެ ވާހަކަފުޅުގައި ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ސަރުކާރުން ދަނީ ގާނޫނުތަކަށް ބަދަލު ގެންނަމުން ގާނޫނު އަސާސީގެ ރޫހާ ހިލާފުވަމުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ