ޖީއެސްޓީއާ ބެހޭ ގޮތުން ހުށަހެޅި ތިން ކަމެއް ހައި ކޯޓުން ބަލަން ނިންމައިފި

ޖީއެސްޓީ ނެގުން ފަސްކޮށްދިނުމުގެ އަމުރަކަށް އެދި ދައުލަތުގެ މައްޗަށް ހުށަހެޅި ދައުވާއާ ގުޅިގެން ޝަރީއަތް ކުރިއަށް ގެންދެވިދާނެތޯ ބެލުމަށް މިއަދު ބޭއްވި އިޖުރާއީ އަޑުއެހުމަށް ފަހު ވަނީ، އަހަރު ދުވަހުގެ ވިޔަފާރި އެއް މިލިއަނަށް ވުރެ އިތުރުވާ ފިހާރަތަކުން ޖީއެސްޓީ ނަގަން ލާޒިމުވެފައި، އެވަރަށް ވިޔަފާރި ނުވާ ތަންތަނުން ނުނެގުމަކީ، ގާނޫނު އަސާސީގައި ބުނާ ހަމަހަމަކަން ގެއްލޭ ކަމެއްގެ ގޮތުގައި ފާހަގަކުރި މައްސަލަ ބެލިދާނެ ކަމަށް ނިންމައިފަ އެވެ. މީގެ އިތުރުން ޖީއެސްޓީ ނަގަން ފަށާފައި ވަނީ އެކަށީގެންވާ ވަގުތު ނުދީ ކަމަށް ބުނާ ނުކުތާ އާއި ގާނޫނުގައި ވަކި ބާވަތަކުން ޓެކްސް ނުނެގޭނެ ކަމަށް ބުނެފައި ވަނިކޮށް ގަވާއިދުގައި ޓެކްސް ނަގަން ނިންމާފައިވާ ކަމަށް ބުނާ ނުކުތާ ވެސް ބަލައިގަންނަން ވަނީ ނިންމައިފަ އެވެ. ވިޔަފާރިވެރިންގެ ޖަމިއްޔާގެ ވަކީލް އަލީ ހުސައިން ވިދާޅުވީ މިލިއަން ރުފިޔާގެ ވިޔަފާރިވާ ތަންތަނުން އެކަނި ޖީއެސްޓީ ނެގުމަށް އެ ގާނޫނުގެ 51 ވަނަ މާއްދާގައި ބުނާއިރު އެއީ ގާނޫނު އަސާސީގައި ބުނާ ތަފާތު ނުކުރުމާއި ގާނޫނުގެ ކުރިމަތީގައި ހަމަމަކަން ގާއިމުކުރުމާ ޚިލާފް މާއްދާއެއް ކަމަށެވެ. އެގޮތުން ބައެއް ފިހާރަތަކަށް ދިއުމުން ޖީއެސްޓީ ނަގާފައި ކުދި ފިހާރަތަކުން ޖީއެސްޓީ ނުނެގުން ވަނީ މައްސަލައެއްގެ ގޮތުގައި ފާހަގަކޮށްފަ އެވެ. ޖީއެސްޓީ ނަގަން ފެށުމަށް ގާނޫނުގައި ބުނެފައި ވަނީ ތަސްދީގުކޮށް ގެޒެޓްގައި ޝާއިއުކުރާތާ އެއް މަސް ދުވަހުގެ ތެރޭގައި ކަމަށް ބުނާއިރު ހަމަ އެ ގާނޫނުގައި، ޖީއެސްޓީއަށް ރަޖިސްޓްރީކުރަން ވެސް ދީފައި ވަނީ މަސް ދުވަސް ކަމަށް ވުމުން މިއީ އެކަން އޮންނަން ޖެހޭނެ ގޮތް ނޫން ކަމަށާއި ޓެކްސް ނަގަން ފެށުން ފަދަ ކަމަކަށް ޑިމޮކްރަޓިކް މުޖުތަމައުތަކުގައި ދެނީ މިހާ ކުރު މުއްދަތެއް ނޫންކަން ވަކީލް ފާހަގަކުރެއްވި އެވެ. ޖީއެސްޓީ ނަގަން ފަށާފައި ވަނީ މި މަހު 2 އިން ފެށިގެންނެވެ. މި ކަމުގެ އިތުރުން ދެން ބަލައިގަންނަން ނިންމާފައި ވަނީ ގާނޫނުގައި ޖީއެސްޓީ ނުނެގޭނެ ކަމަށް ބުނާ މުދަލުގެ ތެރޭގައި ކާށި، ކުރުނބާ، ކުރޮޅީގެ ތެރޭގައި ގޮބޮޅި އާއި މިރި އާއި ކިހާކާއި ގަބުޅި އާއި މުޑިކާއްޓާއި ރާއްޖޭގައި އުފައްދާ ކާށި ހުންޏާއި ކާށި ކިރާއި ކާށި ތެޔޮ ހިމެނޭއިރު ޖީއެސްޓީ ގަވާއިދުގައި ގަބުޅިން ޓެކްސް ނެގޭނެ ކަމަށް ބުނެފައި ވުމަކީ ގާނޫނާ ހިލާފް ކަމެއްގެ ގޮތުގައި ބުނާ ނުކުތާ އެވެ. އިސް ފަނޑިޔާރު އަހްމަދު ޝަރީފް ރިއާސަތު ބެލެހެއްޓެވި ފަނޑިޔާރުންގެ ބެންޗުގައި ދެން ތިއްބެވީ އަޒްމިރަލްދާ ޒާހިރު އާއި އައްބާސް ޝަރީފާއި އަބްދުލް ޣަނީ މުހައްމަދާއި އަލީ ސަމީރެވެ. އެ ބޭފުޅުން ވަނީ ވަކީލް އަލީ ހުސައިންއާ ގިނަ ސުވާލުތަކެއް ކުރިމަތިކުރައްވައިފަ އެވެ. އެގޮތުން ޓެކްސް ނެގުމަކީ ގާނޫނުލް އުގޫބާތުގައި ބުނާ ފޭރުމުގެ ތެރެއަށް ފެތޭ ކަމެއްގެ ގޮތުގައި ވިޔަފާރިވެރިންގެ ޖަމިއްޔާގެ ވަކީލް ފާހަގަކުރެއްވުމުން އެކަމާ ބެހޭ ގޮތުން ގިނަ ސުވާލުތަކެއް ފަނޑިޔާރުން ކުރެއްވި އެވެ. ވަކީލް އަލީ ހުސައިން ވިދާޅުވީ ފައިސާ އަކީ މުދަލެއް ކަމަށާއި މީހެއްގެ މުދާ ރުހުމެއް ނެތި، ބަދަލު ދިނުމަކާ ނުލައި ނެގުމަކީ ފޭރުން ކަމަށް ބެލެވޭނެ ކަމަށެވެ. އެގޮތުން ބައެއް މުދަލަކީ ކޮންމެހެން ގަންނަން ޖެހޭ މުދާ ކަމަށް ވާއިރު ކޮންމެ މުދަލަކާ އެކު ޖީއެސްޓީ ދައްކަން މަޖުބޫރު ވުމަކީ، ގާނޫނުލް އުގޫބާތުން އެކަން އިސްތިސްނާ ނުކުރާހާ ހިނދަކު ފޭރުމުގެ ގޮތުގައި ބެލެވޭނެ ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ. ވިޔަފާރިވެރިންގެ ޖަމިއްޔާ އިން ވަނީ ޖުމްލަ އަށް ކަމެއް ކޯޓަށް ހުށަހަޅައިފަ އެވެ. ނަމަވެސް އޭގެ ތެރެއިން ބަލައިގަންނަން ކޯޓުން ނިންމި ތިން ކަންތައް ހިމަނައިގެން މައްސަލަ އަލުން ހުށަހެޅުމަށް އިސް ފަނޑިޔާރު މިއަދު ވަނީ އަންގަވައިފަ އެވެ. މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނަގަމުންދަނީ އިންސާފުވެރި ގޮތަކަށް ނޫން ކަމަށް ވިޔަފާރިވެރިންގެ ޖަމްއިއްޔާ އިން މިއަދު ވަނީ ބުނެފަ އެވެ. އެ ޖަމިއްޔާ ހިންގެވުމާ ހަވާލުވެ ހުންނެވި، ހަޒާންދާރު އަހުމަދު އަދީބު މިއަދު ވިދާޅުވީ އަހަރު ދުވަހުގެ އާމްދަނީ އެއް މިލިއަން ރުފިޔާ އަށް ވުރެ އިތުރުނުވާ ފިހާރަތައް މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް ނުވަތަ ގުޑްސް އެންޑް ސާވިސް ޓެކްސް (ޖީއެސްޓީ) އަށް ރަޖިސްޓްރީކުރަން ނުޖެހޭތީ އާއި އެ ފިހާރަތަކުން ވިއްކާ މުދަލުން ޓެކްސް ނަގަން ނުޖެހޭތީ، ވިޔަފާރިވެރިންގެ ޝަކުވާ ވަރަށް ބޮޑަށް ލިބެމުންދާ ކަމަށެވެ. "ޖީއެސްޓީ ކަނޑައަޅާފައިވާ މުދަލެއް ވަކި ފިހާރައެއްގައި ވިއްކާއިރު ޓެކްސް ނުނެގުމަކީ އިންސާފެއް ނޫން. ހަމަހަމަ ކަމެއް ނޫން. ޖެހިގެން ހުންނަ އެއް ފިހާރައިން ޖީއެސްޓީ ނަގާއިރު، އަނެއް ފިހާރައިން ޖީއެސްޓީ ނަގަން ނުޖެހޭ ޝަކުވާ ވަރަށް ބޮޑަށް ލިބޭ. ހަގީގަތުގައި އެއީ ވަރަށް ބޮޑު މައްސަލައެއް. އަދި ބައެއް ފިހާރަތަކަށް ލިބޭ ބޮޑު ގެއްލުމެއް. އެއީ ޖީއެސްޓީ ނަގާ އެއްވެސް ގައުމެއްގައި އެކަން އޮންނަ ގޮތެއް ނޫން،" އަދީބު ވިދާޅުވި އެވެ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ޑިރެކްޓަރު ޖެނެރަލް ފަތުހުﷲ ޖަމީލް ވެސް ވިދާޅުވީ އެ ޝަކުވާ ވަރަށް ބޮޑަށް ލިބެމުންދާ ކަމަށާއި، ނަމަވެސް އެއް މިލިއަން ރުފިޔާގެ އާމްދަނީ ނުލިބޭ ފިހާރަތައް ޖީއެސްޓީ އަށް ރަޖިސްޓްރީ ކުރަން ނުޖެހޭނެ ކަމަށް ގާނޫނުގައި ކަނޑައަޅާފައި އޮތުމުން ގާނޫނަށް ބަދަލު ނުގެނެސް އެކަން ހައްލު ނުކުރެވޭނެ ކަމަށެވެ. "އެ ޝަކުވާ އެންމެ ބޮޑަށް އަންނަނީ އަތޮޅުތަކުން،" ފަތުހުﷲ ވިދާޅުވި އެވެ. އޭނާ އިތުރަށް ވިދާޅުވީ އެ ޝަކުވާގެ އިތުރަށް، ދަތުރުފަތުރުންނާއި، ފުޅީގައި ބަންދުކޮށްފައި ފެން ފުޅިންނާއި އަންހެނުންނަށް ހާއްސަ ބައެއް އަސާސީ ތަކެތިން ވެސް ޓެކްސް ނަގާތީ ޝަކުވާ ލިބެމުން އަންނަ ކަމަށެވެ. މިކަންކަމާ ސަރުކާރާ މަޝްވަރާކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ