ވޯޓުން ގާސިމް ބައްޔެއް ނުކުރެވޭނެ: ހަލީލް

ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމްގެ ކެންޑިޑެސީ ބާތިލް ކުރަން ހުށަހަޅަން އުޅެނީ ވޯޓުން އެމަނިކުފާނު ބަލި ނުކުރެވޭނެ ކަން އެމްޑީޕީއަށް ކަށަވަރުވުމުން ކަމަށް ގާސިމްގެ ތަރުޖަމާނު އިބްރާހީމް ޚަލީލް ވިދާޅުވެއްޖެ އެވެ.
ޚަލީލް މިހެން ވިދާޅުވީ އެމްޑީޕީ ސަރުކާރުގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި އެންސްޕާގެ ޗެއާމަން ކަމުގައި ހުންނެވި އިބްރާހީމް ވަހީދު ގާސިމްގެ ކެންޑިޑެސީ ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހަޅުއްވަން ނިންމެވުމާއި ގުޅިގެން މިއަދު މީޑިއާ ތަކަށް ފޮނުއްވި އެސްއެމްއެސް އެއްގަ އެވެ.
ޚަލީލް ވިދާޅުވީ އެއީ ވޯޓުން ގާސިމް ބަލި ނުކުރެވޭނެ ކަން ޔަގީންވުމުން ކޮންމެވެސް އެހެން ގޮތަކުން އެމަނިކުފާނު ބަލިކުރެވޭތޯ ފެށި މަސައްކަތެއް ކަމަށެވެ.
ވޯޓުން ބަލިވާވަރަށްވުރެ ގާސިމަށް އޮންނަ ތާއީދު ބޮޑު ކަމާއި އަދި ޖުމްހޫރީ ގުޅުން ފުޅާވަމުން އަންނަކަން އެމްޑީޕީއަށް މިހާރު އެނގޭ ކަމަށާއި، ގާސިމަށް ރައްޔިތުންގެ ތާއީދު އިތުރުވަމުން އަންނާތީ އެމްޑީޕީން މޮޅު ރޭވުމެއް ރޭވީ ކަމަށް ވެސް ޚަލީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގާސިމާއި އެމަނިކުފާނުގެ ޓީމް އޮތީ ކުރިމަތިލާން ޖެހުނު ކޮންމެ ކަމަކާ ވެސް ﷲ ގެ ތަނަވަސް ރަހުމަތްފުޅާއި މަދަދާއެކު ކުރިމަތިލާން ތައްޔާރަށް ކަމަށެވެ. ވޯޓުލުމުގެ ކުރިން ގާސިމަށް ދެވުނު ކޮންމެ ގެއްލުމެއް އެމްޑީޕީން ދޭނެކަން އެމަނިކުފާނަށް އެނގިވަޑާއިގަންނަވާ ކަމަށާއި، އެކަމަކު ގާސިމް ހުންނެވީ އެމަނިކުފާނުގެ އެންމެ ފަހު ލޭ ތިކި ވެސް މި ގައުމަށްޓަކައި ގުރުބާންކޮށްލަން ތައްޔާރަށް ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
އެމްޑީޕީން ކިތަންމެ ހީލަތްތެރި ރޭވުންތައް ރާވަމުން ދިޔަ ނަމަވެސް ޖުމްހޫރީ ގުޅުމުގެ މެންބަރުން ފަހަތަށް ނުޖެހޭނެ ކަމަށާއި، އަދި ޖުމްހޫރީ ގުޅުމުގެ ކެމްޕެއިން ވެސް ދާނީ ކުރިއަށް ކަމަށްވެސް ޚަލީލް ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ